ލެންސާއެކު ފެތުމުން، ޕެރަސައިޓެއް މީހެއްގެ ލޯ ކާލައިފި!

Loading

Facebook
Twitter
WhatsApp

މިދިޔަ މެއި މަހު ބާލީއަށް ކުރި ދަތުރެއްގައި ކޮންޓެކްޓް ލެންސް ލައްވައިގެން ފަތަން އުޅުމުގެ ސަބަބުން، ”ލޯ ކާލާ“ މަދުން ނޫނީ ނުފެންނަ ޒާތުގެ ނުރައްކާތެރި ޕެރަސައިޓް އިންފެކްޝަނަކާ، އިނގިރޭސިވިލާތުގެ 38 އަހަރުގެ ފިރިހެނަކު ހަނގުރާމަކުރަން ޖެހިއްޖެއެވެ. އެސެކްސްގެ ކޮލްޗެސްޓާއަށް ނިސްބަތްވާ މެޓް ފްލެކްގެ ވާތު ލޮލުގައި ގަދައަށް ރިއްސައި، އަލި ބަލަން އުނދަގޫވެ، އަދި ހުއްޓުމެއް ނެތި ލޮލުން ފެންއަންނަން ފެށީ ފަތަން އުޅުނުތާ ކުޑައިރުކޮޅެއް ފަހުންނެވެ. އޭނާއަށް ފުރަތަމަ ހީކުރެވުނީ އެއީ ރާޅާއަޅަން އުޅުމުގެ ތެރޭގައި ލޮލަށް އެޅުނު ވެއްޔާއި ލޮނުގެ ސަބަބުން ވީ ގޮތެއް ކަމަށެވެ.

ނަމަވެސް، ޑޮކްޓަރުން ފަހުން އޭނާ ބެލުމަށްފަހު ނިންމީ އޭނާއަށް ޖެހިފައިވަނީ ”އެކެންތަމީބާ ކެރަޓައިޓިސް“ ކަމަށެވެ. މިއީ ސްވިމިންގ ޕޫލް، ހޫނުފެން ޓަބު، އިސްކުރު ފެން އަދި ފެންގަނޑުތަކުގައި އާންމުކޮށް އުޅޭ، ކުދި ލޮލަށް ނުފެންނަ ޒާތުގެ ޖަރާސީމަކުން ކޯނިއާއަށް ޖެހޭ މަދުން ނޫނީ ނުފެންނަ ނަމަވެސް ވަރަށް ނުރައްކާތެރި އިންފެކްޝަނެކެވެ. ކްލީވްލޭންޑް ކްލިނިކުން ބުނާ ގޮތުގައި މިކަމުގެ އެންމެ ބޮޑު ނުރައްކަލެއް އޮންނަނީ ކޮންޓެކްޓް ލެންސް ލައްވާ މީހުންނަށާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނަށެވެ. ފެނުގެ ތެރޭގައި ލެންސް ލައްވައިގެން އުޅޭއިރު، ކޯނިއާ މަތީގައި ލެންސްގެ ސަބަބުން ހަރުލާ ކުޑަ ފެންފަށަލައިގެ ތެރޭގައި މި އަމީބާ ތާށިވެ، ލޮލުގެ ޓިޝޫތަކުގެ ތެރެއަށް ފޫއަޅުވާލައި ވަދެ، މަޑުމަޑުން ލޮލަށް ބޮޑެތި ގެއްލުންތައް ދެއެވެ.

ޖުލައި 10 ގައި އެނބުރި އިނގިރޭސިވިލާތަށް ދިއުމުގެ ކުރިން، ފްލެކް ފުރަތަމަ މި އުނދަގުލަށް ފަރުވާ ހޯދީ އަމިއްލައަށް ގަންނަން ލިބޭ އެންޓިސެޕްޓިކް ލޮލުތިކި ބޭނުންކޮށްގެންނެވެ. އެނބުރި ގޮސް ޑޮކްޓަރަށް ދެއްކުމުން، ބަލި ދެނެގަތުމަށްޓަކައި އޭނާގެ ލޮލުގެ ޓިޝޫ ސާމްޕަލެއް ނެގުމަށް ކޯނިއަލް ސްކްރޭޕިންގ ހެދިއެވެ. މި އިންފެކްޝަންގެ އަލާމާތްތައް، އެގޮތުން ލޮލުގައި ރިއްސުން، ލޯ ރަތްވުން، ފުސްވުން، ލޮލަށް އެއްޗެއް އެޅިފައި ހުންނަ ކަހަލަ އިހުސާސެއް ވުން، އަދި ކޯނިއާ ފުސްވުން ނުވަތަ ބޮޅެއްހެން ފާހަގަޖެހުން ފަދަ ކަންކަން އާންމު ލޮލުގެ އިންފެކްޝަންތަކާ ވަރަށް އެއްގޮތެވެ. މީގެ ސަބަބުން ބަލި ދެނެގަތުން ގިނަފަހަރަށް ލަސްވެ، ޕެރަސައިޓަށް ލޮލަށް އިތުރު ގެއްލުން ދިނުމަށް ފުރުސަތު ލިބެއެވެ.

”ހަގީގަތުގައި މިއީ އަހަރެންގެ ލޯ ކަމުންދާ ޕެރަސައިޓެއް،“ ބަލި ޖެހިފައިވާކަން އެނގުމުން ”ވަރަށް ބޮޑަށް ބިރުގަތް“ ކަމަށް ބުނަމުން ފްލެކް ކިޔައިދިނެވެ. އޭނާ ބުނި ގޮތުގައި ހާލަތު އިތުރަށް ގޯސްވެއްޖެނަމަ، ފަހަރުގައި ކޯނިއާ ބަދަލުކުރުމާއި ތަކުރާރުކޮށް ސާޖަރީތައް ހަދަން ޖެހިދާނެ ކަމަށާއި، އެންމެ ގޯސް ހާލަތެއްގައި ލޮލުގެ ފެނުން އެއްކޮށް ގެއްލިދާނެ ކަމުގެ އިންޒާރު ޑޮކްޓަރުން ވަނީ ދީފައެވެ.

އެކެންތަމީބާ ކެރަޓައިޓިސް އަކީ، ހާއްސަކޮށް ކުރީކޮޅު ދެނެގަނެވިއްޖެނަމަ ފަރުވާ ކުރެވޭ ބައްޔެކެވެ. ނަމަވެސް ފްލެކް އެދެނީ އެއްދުވަހު ބޭނުންކޮށްފައި އުކާލާ ލެންސް ހިމެނޭހެން، އެއްވެސް ޒާތެއްގެ ކޮންޓެކްޓް ލެންސެއް ލައްވައިގެން ސްވިމިންގ ޕޫލް، މާގަނޑު ދަށުގައި ނުވަތަ އެއްވެސް ފެންގަނޑެއްގެ ތެރޭގައި ނޫޅުމަށެވެ. އޭނާގެ ތަޖުރިބާގެ ސަބަބުން އެހެން މީހުން މިފަދަ ގޯހެއް ހެދުމުން ސަލާމަތްވާނެ ކަމަށް އުއްމީދުކުރަމުން އޭނާ ބުންޏެވެ.

މި ހާދިސާއަކީ، މާގަނޑު ދަށުގައި ކޮންޓެކްޓް ލެންސް ލައްވައިގެން ފެންވަރަން ހުރުމުގެ ސަބަބުން ލޮލުގެ ފެނުން ގެއްލުނު 20 އަހަރުގެ އަންހެނެއްގެ ވާހަކަ މީގެ ކުރިން މީޑިއާތަކުގައި ވަރަށް ބޮޑަށް ދެކެވުނު ހާދިސާއާ ދާދި އެއްގޮތް ކަމެކެވެ. މިއިން ހާމަކޮށްދެނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ލެންސް ބޭނުންކުރާ މީހުންނަށް މި ނުރައްކަލުގެ މައުލޫމާތު އަދިވެސް އެކަށީގެންވާ ވަރަށް އެނގިފައި ނުވާކަމަށް ލޮލުގެ ޑޮކްޓަރުން ފާހަގަކުރާ ކުރުމެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް