ބަންގްލާދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ ހޯމަ ދުވަހު މަގާމުން އިސްތިއުފާދެއްވާ ޤައުމު ދޫކުރައްވާ ވަޑައިގެންފައިވާއިރު އެ ޤައުމުގެ މަޖިލީސް އުވާލައި އިދިކޮޅު ލީޑަރ ޚާލިދާ ޒިޔާ މިނިވަން ކޮށްފިއެވެ،.
ކިޔަވާކުދިންނާއި އިދިކޮޅުފަރާތްތައް ގުޅިގެން ފެށި އިހުތިޖާޖުތަކަކަށް ފަހު ސަރުކާރު ވެއްޓިފައިވާއިރު އާމީ ޗީފް އިއްޔެވަނީ ވަގުތީ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން ދާކަމަށް ވިދާޅުވެފައެވެ.މިފަދަ ވަގުތީ ސަރުކާރެއްގެ އެންމެ އިސް އެޑްވައިޒަރަކަށް ހުންނެވުމަށް ކިޔަވާކުދިން ނަން ހުށަހަޅާފައިވާ، ނޯބެލް އިނާމް ހާސިލް ކުރައްވާފައިވާ މުހައްމަދު ޔޫނުސް ވަނީ އެކަން ގަބޫލު ކުރައްވާފައެވެ.
ބަންގްލާދޭޝްގެ ޕާލިއަމެންޓްވެސް އަންގާރަދުވަހު ވަނީ އުވާލާފައެވެ. މިއީ އިހުތިޖާޖްކުރި ކިޔަވާކުދިން ޑިމާންޑް ކުރަމުން އައި ކަމެކެވެ. މީގެ އިތުރުން ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި އިދިކޮޅު ލީޑަރ ޚާލިދާ ޒިޔާ ވަނީ ރައީސް ގެ އަމުރު ފުޅަށް މިނިވަން ކޮށްފައެވެ. ޚާލިދާ ޒިޔާގެ އިތުރުން ޖަލަށްލާފައިތިބި އިދިކޮޅު އެތައް ލީޑަރުންނެއްވެސް ވަނީ މިނިވަން ކޮށްފައެވެ.
ޝެއިޚް ހަސީނާ ގައުމު ދޫކުރައްވާ ވަޑައިގެންނެވީ އިންޑިޔާ އަށެވެ. ފުރަތަމަ އިމާކައިރީގައިވާ ޣާޒީ އާބާދަށް ވަޑައިގެންނެވުމަށްފަހު ހޯމަ ދުވަހުގެ ރޭ ވަނީ ވެރިރަށް ޑެލްހީ އަށް ވަޑައިގެންފައެވެ. އިންޑިޔާއިން ބުނެފައިވަނީ އެކަމަނާ މިކަމަށް އެދިވަޑައިގެންނެވީ ”ޝޯޓް ނޯޓިސް“ ގައި ނުވަތަ ވަރަށް ވަގުތު ކުޑަތަން ކޮން ކަމުގައެވެ. އިންޑިޔާ އިން ޝެއިޚް ހަސީނާ ވަޑައިގަންނަވާނެ ކަމަށް ބެލެވެނީ އިގިރޭސި ވިލާތަށެވެ. މިވަގުތު މަޑުކުރައްވައިގެން ހުންނެވީ ޑިޕްލޮމެޓިކް އިމިއުނިޓީ ލިބެންދެނެވެ.
އަނެއް ކޮޅުން ޚަބަރުލިބޭ ގޮތުގައި އިންޑިޔާ ބަންގްލާދޭޝް ގުޅޭ އިން ބެލެހެއްޓުމުގެ ކަންތައް ވަނީ ވަރުގަދަ ކޮށްފައެވެ.ދެގައުމު ދެމެދު ކުރަމުން އައި ރޭލު ދަތުރު ތަކާ އަދި މަތިންދާބޯޓު ދަތުރު ތައްވެސް ވަނީ މެދު ކަނޑާލާފައެވެ. އަދި ހިނގާފަވެސް ބޯޑަރު ހުރަސް ކޮށްފާނެތީ ގިނަ އަދެއްގެ ސިފައިން ވަނީ ބޯޑަރަށް ފޮނުވާފައެވެ.
އިންޑިޔާ އާއި ބަންގްލާދޭޝްއާއި ދެމެދު ހަތަރުހާސް ކިލޯމީޓަރުގެ ދިގު ބޯޑަރެއް ވެއެވެ. އަދި މީގެ ތެރެއިން ބޮޑުބައެއްގައިވަނީ ”ބިއް“ ނުޖަހައެވެ.