ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާ ޝަހީދުކޮށްލުމަށް އެ މަނިކުފާނު ހުންނެވި އިމާރާތަށް ބޮން ވައްދާފައި ވަނީ މީގެ 2 މަސް ދުވަސް ކުރިންކަން މެދު އިރުމަތީގެ ގައުމުތަކަށް ނިސްބަތް ކުރެވޭ 5 އޮފިޝަލަކު ވަނަވަރު ހާމަ ނުކުރުން ޝަރުތުކޮށް ދަ ނިއުޔޯކް ޓައިމްސްއަށް ކިޔައިދީފިއެވެ.
އެމެރިކާގެ އޮފިޝަލަކާއި އީރާނުގެ 2 އޮފިޝަލުން އަދި އަރަބި ދުނިޔޭގެ 5 އޮފިޝަލާ ހަވާލާދީ ނިއުޔޯރކް ޓައިމްސްއިން މިއަދު ރިޕޯޓުކޮށްފައިވާ ގޮތުގައި ހަމާސްގެ ލީޑަރ އިސްމާއީލް ހަނިއްޔާ ޝަހީދު ކޮށްލުމަކީ ވަރަށް ކުރިއްސުރެން ރާވައިގެ އިސްރާއީލުން ހިންގާފައިވާ ޖަރީމާއެއްކަން ހާމަ ވެފައިވާ ކަމަށެވެ.
ހަނިއްޔާ ވަރަށް ގިނައިން އިރާނަށް ވަޑައިގަންނަވާ ކަމަށާއި އީރާނަށް ވަޑައިގެން އާންމުގޮތެއްގައި އެ މަނިކުފާނު ހުންނަވަނީ އެ ގައުމުގެ ރިވޮލިއުޝަނަރީ ގާރޑުންގެ ޚާއްސަ ގެސްޓް ހައުސްގައި ކަމަށް އެ އޮފިޝަލުންނާ ހަވާލާދީ ނިއުޔޯކް ޓައިމްސްގައި ރިޕޯޓުކޮށްފައި ވެއެވެ.
އެގޮތުން އެއީ ވަރަށް ބޮޑު ހުސް ސަރަހައްދެއް އެކުލެވޭ ގެސްޓް ހައުސްއެއް ކަމަށާއި އީރާނުގެ ރިވޮލިއުޝަނަރީ ގާރޑުންގެ ބައެއް މުހިން ހަފްލާތައްވެސް އެ އިމާރާތުގެ ހުސްބިމުގައި ބާއްވަމުންގެންދާ ކަމަށް ރިޕޯޓުކޮށްފައި ވެއެވެ.އަދި އެތަނުގައި މެޑިކަލް ޓީމްތައްވެސް ރެއާ ދުވާލު ހަރަކާތްތެރިވަމުން ގެންދާ ކަމަށް ރިޕޯޓުކޮށްފައި ވެއެވެ.
ހަނިއްޔާ ޝަހީދުކޮށްލުމުގެ ބޭނުމުގައި އެ އިމާރާތަށް ބޮން ވައްދާފައިވަނީ މީގެ 2 މަސް ދުވަސް ކުރިންކަންވެސް އެ އޮފިޝަލުން ވަނީ ދަ ނިއުޔޯރކް ޓައިމްސް އަށް ކިޔާދީފައެވެ. ނިއުޔޯރކް ޓައިމްސްއަށް މައުލޫމާތު ދިން އީރާނުގެ 2 އޮފިޝަލުން ބުނެފައިވަނީ ބޮން ގޮވި ވަގުތު މުޅި އިމާރާތަށްވެސް ގުޑުން އަރައިގެން ދިޔަކަމަށާއި އަދި އެތެރޭގެ ބައެއް ފާރުތައްވެސް ފުނޑުފުނޑުވެގެން ދިޔަކަމަށެވެ. އެ ހަމަލާގެ އަޑު އިވުމާއެކު ސަރަހައްދުގައި ތިބި މެޑިކަލް ޓީމުން ހަރަކާތް ތެރިވާން ފެށިއެވެ. އެހެންނަމަވެސް އިސްމާއީލް ހަނިއްޔާ ހުންނެވި ކޮޓަރިކޮޅަށް ދިޔައިރު އެމަނިކުފާނު އޮތީ އަވަހާރަ ވެފައެވެ.
ހަނިއްޔާ ޝަހީދުކޮށްލަން ބޭނުންކުރި ބޮން ގޮއްވާލާފައި ވަނީ ރިމޯޓް ކޮންޓްރޯލް ބޭނުންކޮށްގެން އެ މަނިކުފާނު ކޮޓަރިކޮޅުގައި ހުންނަވަނިކޮށެވެ. އެ ހަމަލާގައި އެމަނިކުފާނުގެ ބޮޑީ ގާރޑްވެސްވަނީ ޝަހީދުކޮށްލާފައެވެ. މި ހަމަލާދިން ކަމަށް އިސްރާއީލުން މިހާތަނަށް އެއްބަސްވެފައެއް ނުވެއެވެ.
އެހެންނަމަވެސް އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ވިދާޅުވެފައިވަނީ އިސްރާއީލުން އެފަދަ ހަމަލާއެއް ދިނުމާބެހޭ ގޮތުން އެމެރިކާއާއެކު އެއްވެސް ވާހަކައެއް ދައްވާފައި ނުވާކަމަށެވެ.
އިރާނާއި ހަމާސްއިން ބުނަމުން ގެންދަނީ މި ޖަރީމާ ހިންގާފައިވަނީ އިސްރާއީލުން ކަމަށެވެ.
މި ހަމަލާގެ މައުލޫމާތު އެންމެ ފުރަތަމަ ހިއްސާކުރެއްވި ބޭފުޅުންނަކީ ގުދުސް ފޯސްގެ ކޮމާންޑަރ އިން ޗީފް ޖެނެރަލް އިސްމާއީލް ޣަނީ އާއި އީރާނުގެ ސުޕްރީމް ލީޑަރ އާޔަތު ﷲ އަލީ ޚާމަނާއި އެވެ. ހެނދުނު 7 ޖަހާކަށްހާއިރު އިސްމާއީލް ހަނިއްޔާ ޝަހީދުލޮށްލާފައިވާކަން އީރާނުގެ ރިވޮލިއުޝަނަރީ ގާރޑުންގެ ފަރާތުން މީޑިއާއަށް ކަށަވަރުކޮށްދީފިއެވެ. އަދި ހަމަ އެ ވަގުތު އީރާނުގެ ސުޕްރީމް ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ބާއްވައި އިސްރާއީލަށް ރައްދު ހަމަލާ ދޭން ސްޕްރީމް ލީޑަރު އަމުރުކުރެއްވިއެވެ.ހަނިއްޔާ ޝަހީދު ކޮށްލި ހާދިސާގައި އެންމެ ފުރަތަމަ ޝައްކު ކުރެވުނީ މީގެ ކުރިން އިސްރާއީލުން އިސްފަހާނަށް ހަމަލާ ދިނުމަށް ބޭނުންކުރި ގޮތަށް ޑްރޯނަކުން ނުވަތަ ފައިޓަރ ޖެޓަކުން އުދުއްސާލި މިސައިލަކުން ކަމަށެވެ. ކޮންމެ ގޮތަކަށް ބެލިނަމަވެސް އީރާނުގެ މިލިޓްރީންގެ ބެލުމުގެ ދަށުގައިހުރި ޚާއްސަ ގެސްޓް ހައުސް އަކަށް ބޮމެއް ވެއްދުނު ކަމީ އީރާނަށް ދިމާވި ލަދުވެތިކަމެއް ކަމުގައި އީރާނުން ދެކެއެވެ. ހަނިއްޔާގެ ކޮޓަރިކޮޅަށް ހަމަލާ އަމާޒުވި އިރު ޖެހިގެން ހުރި ކޮޓަރިކޮޅުގައި ހުންނެވީ ފަލަސްތީނުގެ އިސްލާމިކް ޖިހާދު ގެ ލީޑަރ ޒިޔާދު އަލް ނަޚާލާއެވެ. އެ ކޮޓަރިކޮޅަށް މާބޮޑު ގެއްލުމެއް ނުލިބެއެވެ. މި އިންވެސް ހާމަވެގެންދަނީ އެ ހަމަލާގެ އަމާޒަކީ އިސްމާއީލް ހަނިއްޔާ ކަމެވެ.ހަމާސް ގައްޒާގޮފީގެ ޑެޕިއުޓީ ކޮމާންޑަރ ޚަލީލް އަލް ހައްޔާ ވެސް އޭރު ހުންނެވީ ތެހެރާނުގައެވެ. ނިއުޔޯރްކް ޓައިމްސް އަށް މައުލޫމާތު ފޯރުކޮށްދިން މެދުއިރުމަތީގެ އޮފިޝަލުން ބުނެފައިވަނީ ޝަހީދުކޮށްލާފައި އޮތް އިސްމާއީލް ހަނިއްޔާގެ ހަށިކޮޅު ބަލަން އެ ބޭފުޅާވެސް އެ ގެސްޓް ހައުސްއަށް ވަޑައިގެންފައިވާ ކަމަށެވެ.
2 Responses
މިހާރު ވީނުވީއެއް ނޭނގުނެވެ. ވަޓްސް އެޕް އޭ މިސައިލޭ ސެން ނިމޭ ކޮތަރި ކޮޅޭ! ޚަބަރުތައް އެގޮތް މިގޮތައް މިވެމުން މިދަނީ؟ އިރާނުން ޔަޙްގިގު ނިންމާފަ ބުނީމާ ދެން އެނގޭ ވިގޮތެެއް. އިޒްރޭލުގެ އަނިޔާވެރިކަން ކޮޅުން ލީއެވެ.
ހައިދަރުބެއަށް ދަންނަވާލަން ބޭނުން. ވަޓްސްއަޕް ކަހަލަ ޕްލޭޓްފޯމްތަކުގައި އެމީހަކަށް ފެންނަ އެއްޗެއް ލިޔަމުން ގެންދާނެ. މިވާވަތުގެ މައްސަލަތަކުގައި ކަމާބެހޭ ފަރާތްތަކުން ހާމަކުރަން ބޭނުން ނުވާ ގިނަ ކަންތަކެއް ހުންނާނެ. ދޮގު ޚަބަރު ހާމަކުރިއަސް ކޮންމެވެސް މީޑިއާ އަކުން ދޭ ޚަބަރުގައި ކޮންމެވެސް ވަރެއްގެ ހަގީގަތެއް ހުންނާނެ.