ބަންގްލާދޭޝް ގައި ގެންގުޅުނު ވަޒީފާގެ ކޯޓާ ސިސްޓަމް ކޯޓުން އުވާލައިފި

Loading

Facebook
Twitter
WhatsApp

ބަންގްލާދޭޝްގައި ސަރުކާރު ވަޒީފާގެ ވަކި އިންސައްތައެއް ރިޒާވް ކޮށްފައި އޮންނަ އޮތުން ނިމުމަކަށް ގެނެސް އެ ގައުމުގެ ސުޕްރީމް ކޯޓުން ކޯޓާ ސިސްޓަމް އުވާލައިފިއެވެ.

ސުޕްރީމް ކޯޓުން މިކަމަށް ގޮތެއް ނިންމާފައިވަނީ ވަޒީފާގެ ކޯޓާގެ މައްސަލައިގައި ކިޔަވާ ކުދިން ފެށި މުޒާހަރާ ފުޅާވެގެންގޮސް މުޅިގައުމުގައި ހަމަނުޖެހުން އާންމުވެ، ބައެއް ހިސާބުތަކުގައި ހުޅުޖަހާ، ސަތޭކައަށްވުރެގިނަ މީހުން މަރުވެފައި ވަނިކޮށެވެ.

ބަންގްލާދޭޝްގައި ކުރިން އޮންނަ ގޮތުން ސަރުކާރު ވަޒީފާ ތަކުގެ ތިންބައިކުޅައެއްބައި ބަހައްޓަނީ ޕާކިސްތާންގެ ކިބައިން މިނިވަން ވުމަށް 1971 ވަނަ އަހަރު ކުރި ހަނގުރާމައިގައި ބައިވެރިވި ސިފައިންގެ އާއިލާތަކަށް ރިޒާވް ކޮށްފައެވެ.

ކިޔަވާކުދިން ބުނާގޮތުގައި މިހެން ހެދުމުން އިމްތިހާންތަކުން މަތީ ފާސްތައް ލިބޭ ކުދިން ވަޒީފާއެއް ނުލިބި ބާކީވެފައި ތިބެން ޖެހެއެވެ.

ސުޕްރީމް ކޯޓުން މިހާރު ނިންމާފައިވާގޮތުން ހަނގުރާމައިގައި ބައިވެރިވި ސިފައިންގެ އާއިލާތަކަށް ބެހެއްޓޭނީ ވަޒީފާ ތަކުގެ ފަސް އިންސައްތައެވެ. އަދި 93 އިންސައްތަ ވަޒީފާ، މެރިޓް އުސޫލުން އާންމުންނަށް ލިބިދޭންޖެހޭނެ ކަމަށް ނިންމާފައި ވެއެވެ. އަދި 2އިންސައްތަ ވަޒީފާ އެތުނިކް މައިނޯރިޓީ ގްރޫޕް ތަކަށާ ނުކުޅެދޭ މީހުންނަށް ރިޒާވް ކުރަން ޖެހޭކަމަށް ނިންމާފައި ވެއެވެ.

ކޯޓާ ދަމަހައްޓަން ބޭނުން ފަރާތްތަކުން އެންމެންވެސް ކޯޓުގެ ނިންމުން ގަބޫލު ކުރުމަށް ވަނީ ގޮވާލާފައެވެ.ނަމަވެސް ކިޔަވާ ކުދިންގެ ފަރާތުން ވާހަކަދެއްކި ތަރުޖަމާން ބުނެފައި ވަނީ ކޯޓުގެ ނިންމުމަށް މަރުހަބާ ކީނަމަވެސް ކިޔަވާ ކުދިންގެ ޑިމާންޑް ބަލައިގަންނަ ކަމަށް ބުނެ ސަރުކާރުން ލިޔެކިއުމުން އެކަން ހާމަކުރަންދެން އިހުތިޖާޖުތައް ކުރިއަށް ދާނެ ކަމުގައެވެ.

މުޒާހަރާ ރާވާ ހިންގި ބައެއް މީހުން ވަނީ ހައްޔަރު ކޮށްފައެވެ. އަދި އެއްބަޔަކު ގެންދަނީ މަރުވި ކުދިންނަށް ބަދަލު ލިބެން ޖެހޭނެ ކަމަށް ބުނެ އަޑު އުފުލަމުންނެވެ.

މުޒާހަރާތައް މަތަކުރުމަށް ސަރުކާރުން އިއްޔެ ވަނީ ކާފިއު ހިންގާފައެވެ. އަދި މަގުމައްޗަށް ނިކުންނަ މީހުންގަޔަށް ބަޑިޖެހުމަށް ސިފައިންނަށް ވަނީ އަންގާފައެވެ. މި ހަމަނުޖެހުމުގައި ސިފައިންނާ ދެމެދުހިނގި ކުރިމަތިލުންތަކުގައި 115 މީހުން މަރުވެފައިވާ ކަމަށް ޚަބަރުލިބެއެވެ. މިގޮތުން ހުކުރު ދުވަހު އެކަނިވެސް 50 މީހުން މަރުވެފައި ވެއެވެ.

ކާފިއުގެ އިތުރުން ސަރުކާރުން ވަނީ އިންޓަނެޓާ އެހެނިހެން މުވާސަލާތީ ޚިދުމަތްތައްވެސް ކަނޑާލާފައެވެ.

މުޒާހަރާ ކުރަމުން އައި ފަރާތްތަކުން ވަނީ ސަރުކާރުގެ ބައެއް އިމާރާތްތަކާ ވެހިކަލްތައް އަދި ޕޮލިސް ޗެކްޕޮއިންޓްތަކާ މެޓްރޯ ސިސްޓަމްގެ ތަންތަނުގައި ހުޅުޖަހާފައެވެ.މެޓްރޯ ސިސްޓަމް ނުހިންގޭ ވަރަށް ހަލާކުވެފައިވާއިރު އަންދާލާފައިވާ ވެހިކަލްތައް ޑާކާގެ އެކި ހިސާބުތަކުން ފެންނަން އެބަހުއްޓެވެ.

ވަޒީފާގެ ކޯޓާ ނިޒާމް ވަނީ 2018 ވަނަ އަހަރުވެސް އުވާލާފައެވެ. ނަމަވެސް މިދިޔަމަހު އަލުން ވަނީ ދަށުކޯޓެއްގެ އެންގުމަށް ގާއިމް ކޮށްފައެވެ. ކިޔަވާކުދިންގެ މުޒާހަރާތައް ފަށާފައި ވަނީ މިކަމާ ގުޅިގެންނެވެ.  

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް