ސާދަވަރަކަށް އަހަރުގެ ދިގު މުއްދަތަށްފަހު އިނގިރޭސީ ވިލާތުގައި އަލަށް އިންތިޚާބު ކުރެވުން ލޭބަރ ޕާރޓީގެ ސަރުކާރުން ފަލަސްތީނުގެ މައްސަލައަށް ސުލްޙަވެރި ޙައްލެއް ގެނުއުމަށާއި ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ވަކާލާތު ކުރަމުން ގެންދާނެ ޕާރޓީއެއް ކަމަށް ޚާރިޖީ ވަޒީރު ޑޭވިޑް ލަމީ ވިދާޅުވެއްޖެއެވެ.
މިހާރު އިސްރާއީލުން ގައްޒާގައި ހިންގަމުން ގެންދާ ގަތުލުއާންމު ކުށްވެރިކޮށް ދުނިޔޭގެ ކަންކޮޅުތަކުގައި ކިޔަވާކުދިން ކުރަމުން ގެންދިޔަ މުޒާހަރާތަކުގެ ތެރެއިން އިނގިރޭސި ވިލާތުގެ ކަންކޮޅުތަކުގައި ހިންގަމުން ގެންދިޔަ އެއްވުންތަކުގައި ކުރީގެ ލޭބަރ ޕާރޓީގެ ބައެއް އިސްބޭފުޅުން ވަނީ ބައިވެރިވެ ވަޑައިގެން ހިތްވަރު ދެއްވާފައެވެ.
އޭގެތެރޭގައި ލޭބާ ޕާޓީގެ އިސް ސަފުގައި ކުރިން ހަރަކާތްތެރިވެ ވަޑައިގެންނެވި އުމުރުން 75 އަހަރުގެ ޖެރެމީ ކޯބީން ވަރަށް ބޮޑަށް ފާހަގަ ކުރެވިގެން ދިޔައެވެ.
މިފަހަރުގެ އިންތިޚާބުގައި އެނގިރޭސިވިލާތުގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ބާރމިގަމްގެ އާބާދީގައި ހިމެނޭ ގާތްގަނޑަކަށް %30 މުސްލިމުން ލޭބަރ ޕާރޓީގެ ކެންޑިޑޭޓުންނަށް ވޯޓުލުމުގައި ހިފޭއްޓުން ތަކެއް ގެންގުޅުނު ކަމަށް ބެލެވުނެވެ.
ވާހަކަ ދެކެވުނު ގިނަ މުސްލިމުންގެ ކަންބޮޑުވު މަކަށް ވެފައިއޮތީ މީގެ އަހަރުތަކެއް ކުރިން ލޭބަރ ޕާރޓީގެ ވެރިކަމުގައި ޓޯނީ ބްލެއަރގެ ފުރިހަމަ ބައިވެރި ވުމާއިއެކު އިރާގު ގައި ފަނާކުރަނިވި ހަތިޔާރު ރައްކާކޮށްފައިހުރި ކަމަށް ބުނެ މުސްލިމުންގެ އެ ވަރުގަދަ ކިއްލާ ސުންނާފަތިކޮލައި ބިމާހަމަކޮށްލުން އެ ޝަހަރުގެ މުސްލިމުންގެ ހިތުން އަދި ފިލުވައެއް ނުލެވެއެވެ.
ކޮންމެއަކަސް އިނގިރޭސި ވިލާތުގެ ލޭބަރ ޕާރޓީއަކީ އަބަދުވެސް ފަލަސްތީނުގެ މައްސަލާގައި އިސްރާއީލަށް ތާއިދުކުރާ ސިޔާސަތެއް ގެންގުޅޭ ޕާރޓީއެކެވެ. ނަތީޖާއެއްގެ ގޮތުން ގިނަ އަދަދެއްގެ މުސްލިމުން އިޚްތިޔާރު ކޮށްފައިވަނީ ލޭބަރޕާރޓީގެ ކެންޑިޑޭޓުންނަށް ވޯޓުލުމުގެ ބަދަލުގައި މިނިވަން ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށެވެ. ޑިމޮކްރެސީގައި އަބަދުވެސް ޕާރޓީގެ ސިޔާސަތަކަށް ވެފާ އޮންނާނީ ގިނަ ދުވަހު ވެރިކަމުގައި ތިބެވިދާނެ ގޮތެއް ކަށަވަރު ކުރުމެވެ
އަޅުގަނޑުމެންގެ ފުންނާބު އުސް ސިޔާސީ ބޭފުޅަކު އިޝާރާތް ކުރައްވާފައިވާ ފަދައިން އެކަމުގައި މަންމަގެ ފައްޓަރުބައި ވަގަށް ނަގަންޖެހުނަސް ފަރުވާލެއް ނެތެވެ. މި މޭރުމުން ވިސްނާއިރު މިފަހަރު ލޭބަރ ސަރުކާރުގެ ސިޔާސަތަކަށް ވާނީ ފަލަސްތީނުގެ ރައްޔިތުންގެ ޙައްގުތައް ކަށަވަރުކުރުމަށް ބާރުއަޅާ ވާކާލާ ތުކުރުން ކަމުގައި ބެލެވެއެވެ.
މިފަހަރު އިންތިޚާބު ކުރެވުނު ލޭބަރ ޕާރޓީގެ ބައެއް އިސްބޭފުޅުން ފަލަސްތީނުގެ މައްސަލާގައި ޕާރޓީން ގެންގުޅެމުން އައި ސިޔާސަތަށް ހިތްހަމަނުޖެހޭކަން މިހާރުވެސް ގެންދަނީ ފާޅުކުރަމުންނެވެ.
އެބޭފުޅުންގެ ޝޫއޫރަކީ މުޅިދުނިޔެއިން ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ތާއީދުކޮށް ގޮވަމުންދާއިރު އިނގިރޭސި ވިލާތުން އެނޫން ފިކުރެއް ގެންގުޅުމަކީ ބުއްދިވެރިގޮތެއް ނޫނެވެ.
އިންތިޚާބުގެ މާކުރިން މިއަހަރު މާރޗްމަހުގެ ތެރޭގައިވެސް މިނިސްޓަރ އޮފް ސްޓޭޓް ފޯ ޖަސްޓިސް ޝަބާނާ މަޙްމޫދު ވިދާޅުވަމުން ގެންދަވާފައި ވަނީ އިސްރާއީލު – ޙަމާސްގެ ހަނގުރާމަ ވަގުތުން ހުއްޓާލުމަށެވެ. އެހެންނަމަވެސް ވޯޓުލާންތިބި ގިނަ މުސްލިމުން ގެންދިޔައީ އެކަމަނާގެ އިޚްލާސްތެރިކަމާއި ދޭތެރޭ ޝައްކު ކުރަމުންނެވެ.
މިފަހަރުގެ އިންތިޚާބުގައި ޕްރޯ- ޕެލަސްޓައިން ކެންޑިޑޭޓް އަޙްމަދު ޔައުގޫބް ބަލިކޮށް ޝަބާނާ ހިމެނިވަޑައި ގަންނަވާ ބާރމިގަމްގެ ލޭޑީވުޑް ސަރަޙައްދު އެކަމަނާ އަނެއްކާވެސް ކާމިޔާބު ކުރައްވައިފިއެވެ.
އިނގިރޭސި ވިލާތުގައި އަލަށް އިންތިޚާބު ކުރެވު ލޭބަރ ސަރުކާރުގެ ޚާރިޖީ ވަޒީރު ޑޭވިޑް ލަމީ ބީ ބީ ސީގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ތާޢީދު ކުރަމުން ގެންދާ ގައުމުތަކުގެ ސަފަށް މިފަހަރު އިނގިރޭސި ވިލާތުން ވަންނާނެކަމަށެވެ.