ޔާމީނަށް އިއްވި ހުކުމް ބާތިލުކުރި މައްސަލަ އިސްތިއުނާފުކުރުމާމެދު ދައުލަތުން ގޮތެއް ނިންމަނީ

Loading

Facebook
Twitter
WhatsApp

ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލުކުރި މައްސަލަ އިސްތިއުނާފުކުރުމާމެދު އަދި ގޮތެއް ނުނިންމާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން މިއަދު ބުނެފިއެވެ.

ވ.އާރަށް ކުއްޔަށް ދޫކުރުމުގެ ނަމުގައި ޚިޔާނަތް ހިންގި ކަމަށް ބުނާ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލި ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރ ކުރުމުގެ ދައުވާ ސާބިތުވާ ކަމަށް ނިންމައި ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރީ 2022 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 25 ވަނަ ދުވަހުއެވެ.

ޔާމީންގެ ފަރާތްޕުޅުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން މައްސަލައިގެ އަޑުއެހުންތައް ނިންމައި ހުކުމް ކުރުމުގެ މަޖިލިސް ބޭއްވީ މި މަހުގެ 18 ވަނަ ދުވަހުއެވެ.

މި މައްސަލާގައި ހައިކޯޓުން ނިންމީ ދަށު ކޯޓުގެ ހުކުމުގައި ގޯސްތަކެއް ހުރި ކަމަށެވެ. އަދި ޔާމީނަށް ކުރި ދައުވާތައް ދަށުން ކޯޓުން އަލުން ބެލުމަށް ހައިކޯޓުން ވަނީ އަންގައިފައެވެ.

ޕީޖީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ހައިކޯޓުން ނިންމި ނިންމުން ސްޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމާމެދު މަޝްވަރާކުރަމުން އަންނަ ކަމަށާއި އަދި ވަކި ގޮތެއް ނިންމާފައިނުވާ ކަމަށެވެ.

އޮފިޝަލު ވިދާޅުވީ މި މައްސަލާގައި ޕީޖީ އޮފީހުން އަންނަ ހަފުތާގައި ގޮތެއް ނިންމާނެ ކަމަށެވެ.

އާރަށުގެ މައްސަލާގައި ދެން ދައުވާ އުފުލީ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނަޢީމްގެ މައްޗަށެވެ.

ޔާމީނަށް ރިޝްވަތު ދިންކަމަށް ބުނެ ދައުލަތުން ޔޫސުފް ނަޢީމްގެ މައްޗަށް ކުރި ރިޝްވަތު ދިނުމުގެ ދައުވާ ސާބިތުވާކަމަށް ނިންމައި ދަށު ކޯޓުން އޭނާގެ މައްޗަށް އިއްވީ
03 އަހަރާއި 02 މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.

ދަށު ކޯޓުގެ ހުކުމުގައި ގޯސްތަކެއް ހުރި ކަމަށް ނިންމައި ހައިކޯޓުން އެންގީ ނަޢީމްގެ މައްޗަށް ކުރި ދައުވާ ވެސް އަލުން ދަށުން ކޯޓުން ބެލުމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް