އާރަށުގެ ޚިޔާނާތުގެ މައްސަލަ: ޔޫސުފް ނަޢީމްގެ މައްޗަށް ކުރި ހުކުމް ބާތިލުކޮށް އަލުން ބެލުމަށް އަންގައިފި

Loading

Facebook
Twitter
WhatsApp

ވ.އާރަށުގެ ޚިޔާނާތުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނަޢީމްގެ މައްޗަށް ކުރި ދައުވާ އަލުން ދަށުން ކޯޓުން ބެލުމަށް ހައިކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

އާރަށުގެ ޚިޔާނާތުގެ މައްސަލާގައި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމަށް ރިޝްވަތު ދިންކަމަށް ބުނެ ދައުލަތުން ޔޫސުފް ނަޢީމްގެ މައްޗަށް ކުރި ދައުވާތައް ދަށު ކޯޓުން އަލުން ބެލުމަށް ހުކުމްކުރީ އެ މައްސަލާގެ އިސްތިއުނާފު މަރުހަލާގެ އަޑުއެހުންތައް ނިމި ހުކުމްކުރުމަށް ހައިކޯޓުން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައެވެ.

ހައިކޯޓުން މި ގޮތަށް ނިންމީ މައްސަލަ ބެއްލެވި ބެންޗުގައި ތިއްބެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ހައިކޯޓުގެ ހުކުމްގައި ފާހަގަކުރި ގޮތުގައި ޔޫސުފް ނަޢީމްގެ ޝަރީއަތުގައި ދައުލަތުން އޭނާގެ ހެކިތަކަށް ރައްދު ދިނުމުގެ ގޮތުން އިތުރު ހެކި ހުށަހެޅިއިރު އެ ހެކިތައް ދަށު ކޯޓުން ބަލައިގަތީ ރަނގަޅަކަށް ނޫނެވެ. އަދި ޔޫސުފް ނަޢީމްގެ މައްޗަށް ކުށް ސާބިތުވާކަމަށް ދަށު ކޯޓުން ނިންމީ ކުށުގެ އުންސުރުތައް ފުރިހަމަވާކަމާމެދު އޭނާގެ ފަރާތުން އުފެއްދި ސުވާލުތަކަށް ވެސް ރިއާޔަތް ކުރެއްވުމެއް ނެތި ކަމަށް ހައިކޯޓުން ފާހަގަކުރިއެވެ.

އާރަށު މައްސަލައިގައި ޔޫސުފް ނަޢީމުގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތު ދިނުމުގެ ދައުވާ ސާބިތުވާ ކަމަށް ނިންމައި އޭނާ ތިން އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 2022 ޑިސެމްބަރު 25 ގައެވެ. ނަޢީމުގެ މައްޗަށް އިއްވީ 03 އަހަރާއި 02 މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ. އޭރު ހުކުމް ކުރެއްވި ގާޒީ އަޙްމަދު ޝަކީލް ވިދާޅުވެފައިވަނީ ކުށް ކުރީ ރޭވިގެން ކަމަށްވާތީއާއި އޭރުގެ ރައީސުލްޖުމްހޫރިއްޔާ ބޭނުންކުރައްވައިގެން ކަމަށްވާތީ އަދަބު ލުއި ނުކުރެވޭނެ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް