ދެރަ ނިކަމެތި މީހާއަށް ކުޑަ އިންސާފޭ ބުންނަޖެހެނީ މިހެންވީމާ

Loading

Facebook
Twitter
WhatsApp

ހަތްދިހަ އަހަރު ވަންދެން ހުޅުވާލެވިފައިވާ ޖަލެއްގައި އެއްވެސް އިންސާފަކާ ނުލައި ގައުމެއްގެ ނަސްލު އެއްކޮށް ގަތުލު އާންމަކަށް ހުރަހޮޅިފައިވާއިރު އެއީ ޖަލުބަލަހައްޓާ ގައުމުގެ ދިފާއުގައި ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްކަމުގައި މުލައްދަނޑީގެ ބާރުހުރި ގައުމުތަކަކުން މުޅިދުނިޔެއިން ގަބޫލުކުރުން މިއޮތީ މަޖުބޫރު ކުރުވާފައެވެ. 

ނަސްލު ނެތިކޮށްލުމަށްޓަކައި ގަތުލު އާންމަށް ހުރަހޮޅިފައިވާ ގައުމުން އިސް އުފުލާލިއަސް އެއީ އެބައިމީހުންގެ އިންފަހަނަޅާ ދެވުނީއެވެ. ނަތީޖާއަކަށް ވެގެންދަނީ ބޮލުގައި ބަޑި ޖައްސާފައި މަންޒަރު ބަލަން މަޖުބޫރު ކުރުމާއެކު މައިންބަފައިންނާއި ފިރިމީހާގެ ކުރިމަތީގައި އެތައްބަޔަކުވެގެން އަނބިމީހާ ހޮސްޕިޓަލެއްގެ ތެރޭގައިރޭޕްކޮށް މަރާލުމެވެ. ރޭޕްކުރުމުގެ ތެރޭގައި ބަލަން ނުކުޅަދާން އަނިޔާކުރުމާއި އެކުގައެވެ. މިއީ މިއަދު ބައިނަލް އަގްވާމީ މީޑިއާތަކުގައި ގައްޒާގެ ޙާލަތު ބުނެދީފައިވާ މިންވަރުން ކުރު ޚުލާސާއެއްގެ ތަންކޮޅެކެވެ.

ޑިމޮކްރެސީއާއި އިންސާނީ ކަރާމަތަށް ވަކާލާތު ކުރުމުގެ އެންމެ ކުރީސަފުގައިތިބި ހުޅަނގުގެ އިސްތިއުމާރީން ހިތްހަމަނުޖެހޭ ސިޔާސަތެއް ގެންގުޅޭ ކަމަށްޓަކައި 25 އަހަރުދުވަސް ވަންދެން ދުނިޔެއިން އެކަހެރިކޮށްފައި ބޭއްވުމާއިއެކު އެންމެފަހަރަކު ހިންދެމިލަން މަސައްކަތްކުރުމުން އެ ގައުމަށް ދެން ހަދަންވީގޮތަކާއި ދޭތެރޭ ސައްލާކުރަން އިށީދެއްޖެއެވެ. 

މިނިކާ ވަގާއި ހިމާރުގެ ޝަރީއަތުގެ އަލީގައި އެގައުމަށް ދޭންވީ އަދަބެއް ކަނޑައެޅުމަށެވެ. މިއީ އީރާނުން އިސްރާއީލުގެ ޢުދުވާނަށް ޖަވާބީ ޙަމަލާދިނުމުން މިއަދު އީރާނަށް ކުރިމަތިކުރުވަން ހުޅަނގުން ވިސްނަމުންގެންދާ ފައިސަލާގެ ފެށުން ފެންނަ ގޮތެވެ. 

އެސޯޝިއޭޓެޑް ޕްރެސް އިން ރިޕޯރޓް ކޮށްފައިވާ ގޮތުގައި އީރާނުން އިސްރާއީލަށް ހަމަލާދީފައި މިވަނީ އިސްރާއީލުން އެކިފަހަރުމަތިން ތަފާތު ފެންވަރުގައި އީރާނުގެ އަމާޒުތަކަށާއި އީރާނުގެ ބައިވެރިންނަށް ހަމަލާދެމުން ގެންދިއުމުގެ ސަބަބުންނެވެ. އަދި އެންމެފަހުން ދިމިޝްގުގައި ހުންނަ އީރާނުގެ ސަފީރު އޮފީހަށްވެސް އިސްރާއީލުން ހަމަލާދީ އެމްބަސީ ފުނޑާލައި އެތަނުގެ ތިއްބެވި އިރާނުގެ ޑިޕޮލޮމޭތުން ޝަހީދު ކޮށްލައިފާ ވަނިކޮށެވެ.

އީރާނުން ޔުނައިޓެޑް ނޭޝަންސް އަށް ފޮނުވި ސިޓީގައިވެސް ބުނެފައިވަނީ އިސްރާއީލަށް ދިން ހަމަލާއަކީ އިސްރާއީލުން އެތައްފަހަރަކު އީރާނުގެ ތަންތަނަށް ހަމަލާ ދެމުން ގެންދިއުމާގުޅިގެން އަމިއްލަ ދިފާއުގައި އެޅި ފިޔަވަޅެއް ކަމަށެވެ.                            

އީރާނުގެ ސިޓީގައި އިތުރަށް ބުނެފައިވަނީ އެ ޙަމަލާގެ ތެރެއަށް އެމެރިކާ ނުވަންނަން ބުނެފައިވާނެކަމަށާއި މިހާހިސާބުން މިކަންތައް ނިންމަން ބޭނުންވާކަމަށެވެ. އެހެންނަމަވެސް އެއްވެސް ގައުމަކުން އީރާނަށް ރައްދު ޙަމަލާއެއް ދީފިނަމަ އީރާނުން ދެން ފޮނުވާ ޙަމަލާތައް ދިހަފޯލްޑަށް ވަރުގަދަ ވާނެ ކަމަށެވެ.                  

އީރާނުން އިސްރާއީލަށް ދިން ހަމަލާ ކުށްވެރި ކުރައްވައި ރައީސް ބައިޑްން ޖީ-7 ގެ ގައުމުތަކުގެ ވެރިންނާއި އެކު ވާހަކަ ދައްކަވައިފިކަމަށާއި އެގައުމުތަކުން ތިބީ އިސްރާއީލުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށްޓަކައި އަތާއަތް ގުޅާލައިގެންކަން ވައިޓްހައުސްގެ އޮފިޝަލުން އެކްސްގައި އިއްޔެ ހާމަކޮށްފިއެވެ.

މި ވާހަކަ ދެއްކުމުގައި ޖީ-7 ގެ ގައުމުތަކުން ގުޅިގެން އީރާނާ ދެކޮޅަށް މެދުވެރިކުރާނެ ސިޔާސީ ހުރަސްތަކަކާއިމެދު ގޮތެއް ނިންމުމަށް ބާރު އެޅުއްވިއެވެ. 

އީރާނުގެ ޙަމަލާގައި އެމެރިކާގެ ސިފައިންނަށާއި އަދި މެދުއިރުމަތީގައިހުރި އެމެރިކާގެ އެއްވެސް ވަސީލަތަކަށް ގެއްލުން ދީފައި ނެތަސް އަހަރެމެން މިތިބީ ފާރަޔަށްކަން ބައިޑްންގެ ވާހަކައިގާ ނޭޓޯގެ ވެރިންނަށް ޔަގީން ކޮށްދިންކަމަށްވެއެވެ.     

އީރާނުގެ ޙަމަލާތައް ނައްތާލުމަށް އެކުވެރި ގައުމުތަކުން ފޯރުކޮށްދިން އެހީތެރިކަންވެސް ރައީސް ބައިޑްންގެ ވާހަކައިގާ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް އިސްރާއީލަށް ލިބުނު ގެއްލުމާބެހޭ ގޮތުން ވާހަކައެއް ނުދައްކަވައެވެ.އެހެންނަމަވެސް އިސްރާއީލުން އީރާންށް ރައްދު ޙަމަލާއެއް ނުދިނުމަށް ބައިޑަން އިންޒާރު ދެއްވި ކަމަށް ވެއެވެ.

އަދި އެ ޙަމަލާގައި އިސްރާއީލަށް މާބޮޑު ގެއްލުމެއް ލިބިފައި ނުވާތީ އީރާނަށް ރައްދު ޙަމަލާއެއް ދިނުމަށް އެމެރިކާއިން އެއްވެސް އެހީތެރިކަމެއް ފޯރުކޮށް ނުދޭނެ ކަމަށްވެސް ވިދާޅުވި ކަމަށް ވެއެވެ.

އަދި ލިބުނީ ކާމިޔާބެއްކަމަށް ބަލައިގެން މަޑުންހުރުމަށްވެސް ރައީސް ބައިޑްން ނަތަންޔާހޫއަށް އެންގިކަމަށް ވެއެވެ.                    

ވައިޓް ހައުސްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ޖޯން ކާރބީ ބުނެފައިވަނީ މެދުއިރުމަތީގެ ހަނގުރާމަ އިތުރަށް ހޫނުވެގެން ހިނގައިދާނެ އެއްވެސް ޙަރަކާތަކަށް އެމެރިކާއިން ތާއީދު ނުކުރާނެ ކަމަށެވެ.        

ރައީސް ބައިޑްން ކޮންމެ އެއްޗެކޭ ވިދާޅުވިޔަސް ނަތަންޔާހޫ ބޭނުންވާގޮތެއް ނޫނީ އޭނާ އިޚްތިޔާރު ނުކުރާނެތީވެ އިސްރާއީލުން ރައްދު ޙަމަލާދީފާނެތީ އެމެރިކާގެ އޮފިޝަކުންގެ ކަންބޮޑުވުންވެސް ފާޅުކުރެއްވިއެވެ. ކަންބޮޑުވުންފާޅުކުރައްވާ އިތުރު ހަތިޔާރު އިސްރާޢީލަށް ދެއްވުމުގައި ދެމިހުރެ ފަލަސްތީނުގެ ރައްޔަތުން ނުމެރުމަށް ވިދާޅުވާތަނެއް ނުފެނެއެވެ.

ޖަރުމަނާއި ކެނެޑާއާއި ފްރާންސާއި އިޓަލީއާއި ޔޫކްރެއިނުން އީރާނުގެ ޙަމަލާއަށް ކޮޅުދޮށިން ދީފައިވާއިރު އިންޑިއާއާއި ރަޝިޔާ އަދި ސްޕޭންފަދަ ގައުމުތަކުން މެދުއިރުމަތީގެ ޙާލަތު އިތުރަށް ގޯސްވެދާނެފަދަ ޙަރަކާތްތަކުން ދުރުހެލި ވުމާއެކު މަޝްވަރާގެ މޭޒުދަށަށް އާދެވޭތޯ މަސައްކަތްކުރަން ބާރު އަޅުއްވާފައިވެއެވެ.

ނޭޓޯގެ ތަރުޖަމާނު ފަރާހް ދަޚްލަﷲ ބުނެފައިވަނީ އީރާނުގެ ޙަމަލާއަކީ މެދުއިރުމަތީގެ ޙާލަތު އިތުރަށް ގޯސްވެގެން ދިއުމަށް މެދުވެރިވެދާނެ ސަބަބެއްކަމުގައި އެ ޖަމާއަތުން ދެކޭ ކަމަށެވެ. އަދި އީރާނުގެ ޙަމަލާއަށް އިސްރާއީލުން ރައްދު ދިނުންވެސް އެ ޖަމާއަތުން ގަބޫލު ނުކުރާނެކަމަށެވެ.                      

އީރާނުގެ ޙަމަލާތައް ނައްތާލުމަށްޓަކައި އެމެރިކާއާއި ގުޅިގެން އިނގިރޭސިވިލާތާއި ޖޯރޑްން އާއި އަދި ފަރަންސޭސި ވިލާތުން ކުރި މަސައްކަތަށް އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުނަކް ތައުރީފުކުރައްވައި ވާހަކަ ދެއްކެވިއެވެ. އަދި އީރާނުގެ ޙަމަލާތައް ވައިކޮށްލުމަށްޓަކައި ސައޫދީ އެރޭބިޔާއިން ނުސީދާގޮތުން އެޅި ފިޔަވަޅުތައްވެސް ފާހަގަކުރިއެވެ.                                                

ޖޯރޑްން ފަދަ ސަރަހައްދީ ގައުމުތަކުން އެއްބާރުލުން ނުލިބުނުނަމަ އިސްރާއީލުގެ އެތައްބަޔަކު މަރުވެ މެދުއިރުމަތީގެ ޙާލަތު އަލުން ސުލްޙައަށް ރުޖޫއު ނުކުރެވޭ ވަރަށް ގޯސްވެގެން ދިޔައީހެވެ. ރިޝީ ސުނަކުގެ ވާހަކައިގާ ބުނެފައިވެއެވެ.     

ތެލް އަވީވުގައި ހުންނަ އިސްރާއީލުގެ މިލިޓްރީ މައިމަރުކަޒުގައި ރޭގެ ވަގުތެއްގައި އިސްރާއީލުގެ ބޮޑުވަޒީރު މިލިޓްރީ އިސް ވެރިންނާއެކު ބައްދަލުވުމެއް ބާއްވައިފިއެވެ. އެ ބައްދަލު ކުރުމުގައި ދިފާއީ ވަޒީރު ޔޫ ގަލަންޓް ބުނެފައިވަނީ ސަރަހައްދުގައި ތިބި އަހަރެމެންގެ ބައިވެރިންނާ ވާހަކަ ދެއްކުމަށްފަހު އަހަރެމެން ކަނޑައަޅާ ވަގުތެއްގައި ކަނޑައަޅާ ފެންވަރެއްގައި އީރާނަށް ރައްދު ހަމަލާ ދެވޭނެ ކަމަށެވެ. އަދި ސަރަހައްދުގައި ތިބި އަހަރެމެންގެ ބައިވެރިންނާއެކު ވަރުގަދަ އެއްބާރުލުމެއްވެސް ގާއިމް ކުރެވިގެންދާނެ ކަމަށެވެ.            

ޔުނައިޓެޑް ނޭޝަންސް ގައި ހުންނަ އިސްރާއީލުގެ ސަފީރު ގިލާޑް އިރްދާން އީރާނުގެ ޙަމަލާއަކީ ބައިނަލް އަގްވާމީ ސުލްހައަށްހުރި ނުރައްކަލެއް ކަމަށް ބުނެ އެ ޖަމާއަތުގެ ސެކިއުރިޓީ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ބާއްވާދިނުމަށް ވަނީ ގޮވާލާފައެވެ.

މެދުއިރުމަތީގެ ބައެއް ގައުމުތަކުގެ އެއާރޕޯރޓްތައް މިހާރު އާންމު ދަތުރުފަތުރަށް ހުޅުވާލައިފިއެވެ. އެހެންނަމަވެސް ސްވިސް އިންޓަރނޭޝަނަލް އެއަރ ލިންސް ފަދަ ބައެއް އެއާރލައިންތަކުން ތެލް އަވީވަށް ކުރާ ދަތުރުތައް އަދިވެސް އޮތީ ވަކިގޮތަކަށް އަންގަންދެން ހުއްޓާލާފައެވެ.                       

އިސްރާއީލުގައި ތިބި އެމެރިކާގެ ޑިޕްލޯމެޓުންނާއި އެހެނިހެން ރައްޔިތުން ގްރޭޓަރ ތެލް އަވީވުން ބޭރަށް ދަތުރުކުރުމުން އެއްކިބާވެ ތިބުމަށް އެމެރިކާ ސަރުކާރުން ވަނީ އިރުޝާދު ދީފައެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ދެކޮޅުވެރިކަން ހައްދުން ނައްޓާލައިގެން ހިނގައިދާނެ ޙަރަކާތްތަކުން އެއްކިބާވެ ތިބުމަށް ނަސާރާއިންގެ އެންމެ އިސް ފާދިރީ ޕޯޕް ފްރާންސިސްވެސް ގެންދަވަނީ އިސްރާއީލަށާއި އީރާނަށް ގޮވާލައްވަމުންނެވެ.                                       

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް