އިސްރާއީލުގެ ހުރިހާ ސިފައިން ގައްޒާއިން ފައިބަނީކީއްވެގެން

Loading

Facebook
Twitter
WhatsApp

އިސްރާއީލުގެ ސިފައިން ގައްޒާއަށް އަރައި އެ ޝަހަރު އެއްކޮށް ބިމާ ހަމަކުރުމަށްފަހު މިދިޔަ އާދިއްތަދުވަހު އެ ސަރަހައްދުން ފައިބަން ފަށައިފިއެވެ. އެންމެ ފަހުން ޚާން ޔޫނުސްގައި ހިންގި ޖަރީމާތަކަށްފަހު މިހާރު އެ ސިޓީގައި ތިބީ އިސްރާއީލު ސިފައިންގެ ހަމައެކަނި އެންމެ ބްރިގޭޑެކެވެ.

ބައިނަލް އަގްވާމީ ފިއްތުންތަކާހުރެ މިއަހަރު ފެށުނީއްސުރެން އެހެން ގޮތެއް ނެތިގެން އެންމެފަހުން އިސްރާއީލަށް މަޖުބޫރުވެގެންދިޔައީ ގައްޒާގައި ތިބި ސިފައިން ބޭލުމަށެވެ. ޙަގީގަތުގައި އިސްރާއީލުން ކުރިމަތިލާން ޖެހުނު ބައިނަލް އަގްވާމީ ފިއްތުންތަކާހުރެ އެމީހުންގެ ބޯހަރު ކަމާއެކު އެކަމަށް އެއްބަސް ނުވެ ތިބެމެ ސިފައިންގެ އަދަދު ގެންދިޔައީ މިއަހަރު ފެށުމާއިއެކު މަދުކުރަމުންނެވެ. އަދި މިކަންތައް އޮތީ މީޑިއާތަކަށް ސިއްރު ކޮށްފައެވެ.  

ކޮންމެއަކަސް ގައްޒާއިން އިސްރާއީލުގެ ސިފައިން ފައިބަން ޖެހުމަކީ 6 މަސްދުވަސް ވާންދެން ހަނގުރާމާގައި ތެޅިފޮޅެން ޖެހުނު އިސްރާއީލުގެ ސިފައިންނަށްވެސް ލިބުނު ވަރަށް ބޮޑު ލުޔެއް ކަމަށް އެ ލަޝްކަރުތަކުން ބުނަމުން އެބަ ގެންދެއެވެ.            

މިވަގުތު ގައްޒާގައި ތިބި އިސްރާއީލު ނަހަލް ބްރިގޭޑުގެ ދެތިންހާސް ސިފައިންނަށް ކަނޑައަޅާ ފައިވާ ޑިއުޓީ އަކީ އުތުރު ގައްޒާއިން  މީހުން އައިސް ދީފާނެ ޙަމަލާތައް ހުއްޓުވުން ކަމުގައި މިލިޓްރީން ބުނެފައިވެއެވެ.

ކޮންމެއަކަސް މިހާރު އިސްރާއީލުގެ ސިފައިންތައް ގައްޒާއިން ފައިބައިގެން ގޮސްފައި ވުމާއިއެކު ދެކުނު ގައްޒާގެ ރަފާޙް އަށް އިސްރާއީލު ސިފައން އަރާގަންނަނާނެކަމަށް ދިން އިންޒާރުތަކަށް ދެންވާނެ ގޮތެއް ނޭގެއެވެ.  

ވައިޓް ހައުސްގެ ނޭޝަނަލް ސެކިއުރިޓީ ސްޕޯކްސްމަން ޖޯން ކާރބީ އޭ ބީ ސީ ނިއުސްއަށް ބުނެފައިވަނީ އިސްރާއީލުގެ ސިފައިން ގައްޒާއިން ފައިބަމުން ދަނީ ހަނގުރާމައިގެ ވަރުބަލިކަން ފިލުވާލުމަށާއި އަދި އަލުން ތަމްރީނު ލިބިގަތުމަށް ކަމަށާއި އަލުން ގައްޒާއަށް އަރާ ގަންނާނެކަން ނުވަތަ ނޫންކަން ބުނާކަށް ނޭންގޭ ކަމަށެވެ. މިއީ އެމެރިކާގެ ރިޔާސީ ގަނޑުވަރުގެ ސަލާމަތީ ކަންތައްތައް ބަލަހައްޓަން ޙަވާލުވެ ހުރި އެންމެ އިސްމީހާއަށް ލިބިފައިވާކަމަށް ބުނާ މަޢުލޫމާތެވެ.    

މިހާތަނަށްވެސް ދުނިޔޭގެ ފިއްތުންތަކަށް ނުވަތަ ޔުނައިޓެޑް ނޭޝަންސް ގެ ގަރާރުތަކަށް އިސްރާއީލުން ދުވަހަކުވެސް ބޯލަނބާފައި ނުވާތީ މިއީ އިސްރާއީލުގެ ސިފައިން ގައްޒާއިން ފޭބުމުގެ ޙަގީގަތް ކަމުގައި ދުށުން ބުއްދިވެރިއެވެ.

ރައީސް ޖޯބައިޑަންގެ މުނާފިގު ދުލުން ހަނގުރާމަ ހުއްޓުވަން ގޮވަމުން ދިޔަކަމުގައިވިޔަސް މިހާރުވެސް ނަތަންޔާހޫ ބުނަމުން އެގެންދަނީ ރަފާޙް ވެސް ބިމާހަމަކޮށްލެވެންދެން ހަނގުރާމަ ދަމަހައްޓާނެ ކަމަށެވެ. 

އެންމެފަހުގެ ޚަބަރުތަކަށް ބަލާއިރު ރަހީނުން މިނިވަން ކުރުމާއި އަދި ހަނގުރާމަ ހުއްޓުވިދާނެ މަގެއް ފެނޭތޯ އަނެއްކާވެސް މިސްރުން ބަލަން ފަށައިފިއެވެ. މި މަޝްވަރާތުގައި ޙަމާސް އިންނާއި އިސްރާއީލުންވެސް ބައިވެރިވާނެ ކަމަށް ބުނެފައިވެއެވެ. މިސުރަކީ ވެސް ގައްޒާގެ މުސްލިމު ރައްޔަތުންނާއި ގެތައް ޒައަނިސްޓް ޔަހޫދީ އިސްރާޢީލުން ސުންނާފަތި ކުރަމުންދާއިރު ފަލަސްތީނުގެ ރައްޔަތަކު ސަލާމަތުގެ އައްސޭރިއަށް އެތެރެވެލަން ބޯޑަރވެސް ހުޅުވާލަ ނުދީ ތިބި އިސްލާމީ ގައުމުތަކުގެ ތެރެއިންވެސް އިސްރާޢީލާއި ރަޙުމަތްތެރި އެއްގައުމެވެ.

ޓައިމްސް އޮފް އިސްރާއީލުން ރިޕޯރޓް ކޮށްފައިވާ ގޮތުގައި މިސްރުގެ މަޝްވަރާ ބައްދަލު ވުމުގައި ޙަމާސްއިން ބައިވެރިވާނެ ކަމަށް ބުނެފައިވީނަމަވެސް އެ ޖަމާޢަތުން ކުރިއްސުރެން ހާމަކޮށްފައިވާ ޝަރުތުތައް ފުރިހަމަ ކުރުމުން ނޫނީ އެންމެ ރަހީނަކުވެސް މިނިވަން ނުކުރާނެކަން ވަނީ މިސްރަށް އަންގާފައެވެ.  

އެ ޝަރުތުކަކީ އެންމެ ފުރަތަމަ އިސްރާއީލުގެ ހުރިހާ ސިފައިން ގައްޒާއިން ފައިބާ އަބަދަށްޓަކައި ހަނގުރާމަ ހުއްޓުން ޢިއުލާން ކުރުމެވެ.

ނަތަންޔާހޫ ބުނެފައިވަނީ ޙަމާސްގެ ޝަރުތުތަކަކީ ހަނގުރާމަ ހުއްޓާލައި ސުލްޙަ ގާއިމުކުރުމަށް އެޅޭ ހުރަހެއް ކަމަށެވެ. ނަތަންޔާހޫ ބާރުއަޅަމުން ގެންދަނީ އެންމެ ފުރަތަ ރަހީނުން މިނިވަން ކުރުމަށެވެ. ޙަމާސް އިން ޔަގީންކޮށްދެނީ އެގޮތަށް އެކަން ނުވާނެކަމަށެވެ.

ޔުނައިޓެޑް ނޭޝަންސްގެ ދުނިޔޭގެ ކާބޯތަކެއްޗާއިބެހޭ ޕްރޮގްރާމްގެ ޑިރެކްޓަރ ސިންޑީ މެކައިން އަށް ސީ އެން އެން ގެ ޖޭކް ޓެޕަރ ކުރި ސުވާލެއްގައި ގައްޒާއަށް އެހީގެ ތަކެތި ފޮނުވުމަށް އިސްރާއީލުން އިރޭޒްގެ މަގު ހުޅުވާލުމަކީ ކިހާ ބޭނުންތެރި ކަމެއްތޯ އެނހުމުން ޖަވާބު ދިނުމުގައި ބުނެފައިވަނީ ގައްޒާގައި ކުޑަކުދިންނާއި އަދި ބޮޑެތި މީހުންވެސް ބަނޑަށް މަރުވަމުންދާކަމަށެވެ.

އެހީގެ ތަކެތި ފޯރުކޮށްދިނުމަށް ހުޅުވިގެންދާ ކޮންމެ މަގަކީވެސް ބޭނުންހިފޭނެ މަގެއް ކަމަށެވެ. މީގައި އެންމެ ބޮޑަށް ބަލަންޖެހެނީ އެހީގެ ތަކެތި ފޯރުކޮށް ދިނުމަށް ހުރަސް ނޭޅުމެވެ. އެހެންނޫނީ އެ މަގު ހުޅުވުމުގެ އެއްވެސް ބޭނުމެއް ނެތެވެ.                     

ރަހީނުންގެތެރެއިން މަރުވެފައިވާ އިސްރާއީލުގެ އިލާޑް ކަޒީރްގެ ޖަނާޒާގައި މިދިޔަ އާދީއްތަދުވަހު އެތައް ހާސްބަޔަކު ބައިވެރިވިކަމަށް ޚަބަރުތަކުގައި ބުނެފައިވެއެވެ. އިސްރާއީލުގެ ސިފައިން ބުނެފައިވަނީ ހޮނިހިރު ދުވަހު ކަޒީރުގެ ހަށިގަނޑު އެމީހުން ހޯދީކަމަށެވެ. ކަޒީރުގެ މަންމަ ހަނާ މިދިޔަ ނޮވެމްބަރ މަހުގެތެރޭގައި ޙަމާސް އިން ވަނީ މިނިވަން ކޮށްދީފައެވެ. އޭނާގެ ބައްޕަ އަވްރަހަމް ވަނީ ކިއްބޫޒުގައި މަރާލާފައެވެ.

ކަޒީރުގެ އަންހެން ކޮއްކޮ ކާރމިޓް ޕަލްޓީ ފޭސްބުކް މެދުވެރިކޮށް އިސްރާއީލުގެ ލީޑަރޝިޕްގައި ތިބީ ރައްޔިތުންގެ ޙައްގުގައި އެއްވެސް ކަމެއް ކުރަން ބޭނުންނުވާ ހަމަ އެކަނި ގޮނޑިހޫނުކުރަންތިބި ކަވާރޑުން ( ބުޒްދިލުން ) ތަކެއް ކަމަށް ބުނެ ހޫނުފެން އުކާފަވެއެވެ.

މީގެ ދެ ދުވަސްކުރިން އިސްރާއީލުން ގައްޒާއަށް ދިން ވައިގެ ޙަމަލާގައި އިނގިރޭސި ވިލާތުގެ 3 މީހުންވެސް ހިމެނޭގޮތުގައި މަރާލާފައިވާ ގައްޒާއަށް އެނހީފޯރުކޮށްދިނުމަށް އުޅޭ 7 މީހުންނާގުޅިގެން އިނގިރޭސި ޚާރިޖީ ވަޒީރު ޑޭވިޑް ކެމަރޫން ސަންޑޭ ޓައިމްސް ގައި ބުނެފައިވަނީ އެނގިރޭސި ވިލާތުން އިސްރާއީލަށް ތާއީދުކުރަނީ ދެލޯ މަރާލައިގެންތިބެ ނޫން ކަމަށެވެ. 

ބައިނަލް އަގްވާމީ އިންސާނިއްޔަތާ ބޭހޭ ގާނޫނުތަކަށްކޮންމެ ޙާލަތެއްގައިވެސް ފުރިހަމައަށް ތަބާނުވާ ބަޔަކަށް އިނގިރޭސި ވިލާތުން ތާއީދު ކުރަމުން ނުގެންދާނެކަމަށްވެސް ބުނެފައިވެއެވެ. އެހެނަސް އެނގެން ޖެހޭ ޙަގީގަތަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން ފަލަސްތީނު އިސްލާމުން އަތުން ފޭރިގަނި ޔޫރަޕްގައުމުތަކުގައި އުޅުނު ޓެރެރިސްޓް ބަޔަކަށް ފަލަސްތީނު ބައިކޮށް އިސްރާޢީލެއް އުފަށްދަދިނީ މި ހިޔަޅު އިނގިރޭސިންކަމެވެ.      

އިސްރާއީލާއި ފަލަސްތީނުގެ ފަހުގެ ތާރީޚުގައި ހިނގަމުން މިދާ 70 އަހަރުދުވަހުގެ ތެރޭގައި ދުވަހެއް ދުވަހަކަށް ދެކޮޅުވެރިކަން އިތުރުވަމުން ދިއުމާއި ސުލްޙަވެރި ޙައްލަކަށް އެއްވެސް މަގުފެނިގެންދާނެ ދުވަހެއްވެސް އެނގުމެއް ނުވުމާއިއެކު އެމެރިކާގައި ދިރިއުޅެމުން ގެންދާ ތަފާތު ދީންތަކާއި މަޒްހަބް ތަކުން އެކުވެރިކަމުގެ ދުވަހެއް ފާހަގަކުރަން ނިންމި ޚަބަރުވެސް ފާހަގަ ކުރެވެއެވެ.

އެބޭފުޅުންގެ ޒުވާބަކީ އިސްރާއީލާއި ފަލަސްތީނުގެ މައްސަލައަކީ ދީނީ އަގީދާއެއްގެ މައްޗަށް ބިނާކުރެވޭނެ ދެކޮޅުވެރި ކަމެއް ނޫންކަން ދުނިޔެއަށް ހާމަކޮށްދިނުމެވެ. މި އެއްބައިވަންތަކަން ތަމްސީލުކޮށްދޭ “ އެކުވެރިކަމުގެ ދުވަސް “ އިންތިޒާމް ކުރުމުގެ އެންމެ އިސް ސަފުގައި ޙަރަކާތްތެރިވެ ވަޑައިގަންނަވާ ބޭފުޅުންނަކީ މުސްލިމް އިންޓަރފެއިތު ލީޑަރ ޝާރިގް ޣަނީ އާއި އަދި ނަސާރާދީނުގެ ސްޓީވް ގްރޮސް އަދި ޔަހޫދީންގެ ވަރަށް އިސް  ރަބައި އެކެވެ.

އޭގެ އިތުރުން ގިނަ އަދަދެއްގެ އިމާމުންނާއި ފާދިރީންނާއި އަދި ރަބާއީންގެ ބައިވެރިވުންވެސް ހިމެނިއްޖެއެވެ. މި އެކުވެރި ބައްދަލު ކުރެއްވުން ބޭއްވިފައިވަނީ ހިއުސްޓަންގެ ރަށްބޭރުގައި ހުންނަ ޝާރިގް ޣަނީގެ ގޭގައި ރޯދަވީއްލުމެއްގެ ޙަފްލާއެއްގެ ގޮތުގައެވެ.

އެބޭފުޅުންގެ ބޭނުމަކީ ޒައިނަޒިމްއާއި ދެކޮޅަށް މަސައްކަތްކުރުމާއި ފަލަސްތީނުގެ ދައުލަތެއް ގައިމުކުރެވި އިސްރާޢީލުންނާއި ފަލަސްތީނާއި ދެ ދަޢުލަތެ ގުޅިގެން 1967 ގެ ބޯޑަރ ގަބޫލުކޮށް ހަމަޖެހިގެން އުޅެވޭނެ ހުރިހާމަގެއް ހޯދުމެވެ.                                                  

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް