ގިރާވަރުފަޅުން ދޫކޮށްފައިވާ 1300 އަށްވުރެ ގިނަ ގޯތި ގުޅީފަޅަށް ބަދަލުކުރުމަށް ނިންމައިފި

Loading

Facebook
Twitter
WhatsApp

ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ދޫކޮށްފައިވާ 1300 އަށްވުރެ ގިނަ ގޯތި ގުޅީފަޅަށް ބަދަލުކުރުމަށް ނިންމައިފިއެވެ.

މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓްއިން ބުނީ މިދިޔަ ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ދޫކޮށްފައިވަނީ އެ ސަރަހައްދަށް ކޮންމެހެން ބޭނުންވާ މުހިއްމު ޚިދުމަތްތަކަށް އެކަށީގެންވާ ވަރަށް ބިން އެކަށައެޅުމެއް ނެތިކަމަށެވެ. އެގޮތުން މި ޚިދުމަތްތަކާއެކު ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުގެނައުމުން ގިރާވަރުފަޅުން ބިން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭތީ ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތިތައް ބަދަލުކުރުމަށް ހަމަޖެހިފައިވަނީ ގުޅީފަޅަށް ކަމަށެވެ.

ގިރާވަރުފަޅުން ގުޅީފަޅަށް ބަދަލުކުރުމަށް ހަމަޖެހިފައިވާ ގޯތީގެ އަދަދާއި ބޮޑުމިނުގެ ތަފްސީލު:

1250  އަކަފޫޓުގެ 193 ގޯތި

1650  އަކަފޫޓުގެ 663 ގޯތި

2050  އަކަފޫޓުގެ 487 ގޯތި

2450  އަކަފޫޓުގެ 4  ގޯތި

ގިރާވަރުފަޅުން މި ސައިޒުގެ ގޯތި ލިބިފައިވާ ފަރާތްތަކުން މިއަދު 9:00 އިން 14 އޭޕްރީލް ވާ އާދިއްތަ ދުވަހުގެ 23:00 ގެ ނިޔަލަށް ހިޔާވަހި ޕޯޓަލް https://hiyaavehi.housing.gov.mv/ (ބިންވެރިޔާ ސްކީމް>ރިކުއެސްޓް ކުރެއްވުމަށް) ލިންކް މެދުވެރިކޮށް ގުޅީފަޅަށް ގޯތި ބަދަލުކުރުމަށް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. އަދި މި އަދަދަށްވުރެ ގުޅީފަޅަށް ބަދަލުވާން ހުށަހަޅާ ފަރާތްތަކުގެ އަދަދު އިތުރުވާނަމަ ގުޅީފަޅުން ގޯތި ލިބޭ ފަރާތްތައް ކަނޑައަޅާނީ ގުރުއަތުން ކަމަށާއި މި ގުރުއަތު ނެގުން އޮންނާނެ ތާރީޚެއް އިއުލާނެކުރާނެ ކަމަށް މިނިސްޓްރީއިން ބުންޏެވެ.

ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން މިނިސްޓްރީގެ ވެބްސައިޓްގައާއި ހިޔާވަހި ޕޯޓަލްގައިވަނީ އާންމުކޮށްފައިވާނެއެވެ. މިކަމާގުޅޭ ގޮތުން އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން އީމެއިލް [email protected] މެދުވެރިކޮށް ހުށަހެޅުމަށް މިނިސްޓްރީއިން ވަނީ އެދިފައެވެ.

ގިރާވަރުފަޅު. ފޮޓޯ: ޕްލޭނިންގ މިނިސްޓްރީ

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް