ލަންކާއިން އިއްޔެވެސް 124 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށް އެގައުމުން ބުނެފި އެވެ.
ލަންކާގައި ކޮވިޑް-19ގެ ކޭހެއް ނުފެންނަތާ ގިނަ ދުވަސްތަކަކަށް ފަހު ކޮވިޑް-19ގެ ކޭހެއް އަލުން ފެނުނީ މިމަހުގެ ހަތަރު ވަނަ ދުވަހު އެޤައުކުގެ މިނިވަންގޮޑާގެ ގާމަންޓް ފެކްޓްރީއަކުންނެވެ.
އެ ފެކްޓްރީން ކޮވިޑް ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 1307 އަށް އަރައިފައެވެ. އެގޮތުން އިއްޔެވެސް ވަނީ އެ ފެކްޓްރީން ދެ މީހަކު ޕޮޒިޓިވްވެފަ އެވެ. އޭގެ އިތުރުން އެ ފެކްޓްރީގައި މަސައްކަތް ކުރާ މީހުންނާއި ޑައިރެކްޓް ކޮންޓެކްޓްވި 102 މީހަކުވެސް އިއްޔެ ވަނީ ޕޮޒިޓިވްވެފައެވެ.
ލަންކާގެ ޔުނިވާސިޓީއެއް ކަމަށްވާ ކެލާނިޔާ ޔުނިވާސިޓީގެ ދަރިވަރެއްވެސް އިއްޔެ ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފަ އެވެ. އެ ދަރިވަރުގެ ބައްޕައަކީ ގާމަންޓް ފެކްޓްރީގައި މަސައްކަތްކުރަމުންދިޔަ މީހެކެވެ.
އިއްޔެ ލަންކާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ތިން ޑޮކްޓަރުންވެސް ހިމެނެ އެވެ.
ލަންކާއިން އެންމެ ގިނަ މީހުން މިފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވީ މިދިޔަ އަންގާރަ ދުވަހު އެވެ. އެދުވަހު ކޮވިޑް-19އަށް 739 މީހުން ޕޮޒިޓިވްވި އެވެ.
ލަންކާގައި330،000 އަށް ވުރެ ގިނަ ކޮވިޑް ޓެސްޓް ހަދާފައިވާއިރު 4752 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވެއެވެ. އޭގެ ތެރެއިން 13 މީހަކު ވަނީ މަރުވެފަ އެވެ.
ލަންކާގެ ހެލްތު މިނިސްޓަރު ޕަވިތުރާ ވައްނިއަރައްޗީ ވިދާޅުވީ ކޮވިޑް ފެތުރިގެން އުޅޭ ސަރަހައްދުތަކުގައި ގައިދުރުކަމެއްނެތި އަދި މާސްކު ނާޅާ އުޅޭ ފަރާތްތައް 10،000 ރުޕީސް އިން ޖޫރިމަނާކޮށް އަދި ހަ މަސްދުވަހުގެ ޖަލަށް ލުމަށް ނިންމާފައިވާކަމަށެވެ. އަދި އެކަމާ ގުޅޭ އުސޫލުތައް ދެ ދުވަހެއްގެ ތެރޭ ގެޒެޓްކުރާނެކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.