މެދުއިރުމަތީގެ މަސްރަޙު އިތުރަށް ގޯސްވަމުންދާ މިދަނޑިވަޅުގައި، ކުރިމަތިވެދާނެ ކޮންމެ ޙާލަތަކަށް ތައްޔާރުވަމުންދާ އިރުވެސް، ޑިޕްލޮމެޓިކް މަޝްވަރާތަކަށް އަދިވެސް މަރުޙަބާ ކިޔާ ކަމަށް އީރާނުން ބުނެފިއެވެ.
އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަޤާއީ ވިދާޅުވީ، ތެހެރާނުން މަޝްވަރާތައް ދޫކޮށްނުލާ ކަމަށާއި، މެދުވެރިން މެދުވެރިކޮށް އަދިވެސް މެސެޖުތައް ލިބެމުންދާ ކަމަށެވެ. އެހެންނަމަވެސް، އޭނާ ވަނީ އީރާނުން އެއްކޮށް ކުޑަކަކޫޖަހައި އަމާންދިނުން ފަދަ، ޤަބޫލުނުކުރެވޭނެ އެއްފަރާތަކަށް ބުރަވެފައިވާ ޑިމާންޑުތަކެއް ވޮޝިންގޓަނުން ކުރަމުންދާ ކަމަށް ތުހުމަތުކުރައްވާފައެވެ.
އެމެރިކާއާއި އިސްރާއީލް ބައިވެރިވާ މި ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައި، އީރާނުގެ ސަރަޙައްދާއި ޤައުމީ ސަލާމަތް ދިފާޢުކުރުމަށް އެ ޤައުމު އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށްވެސް ބަޤާއީ އިންޒާރު ދެއްވިއެވެ.
މިދަނޑިވަޅުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވަގުތުން ވަގުތަށް އީރާނަށް ހަމަލާއެއް ދިނުމުގެ ފުރުޞަތު ނެތް ކަމަށް ވިދާޅުވެފައެވެ. އަދި އާދީއްތަ ދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން، އެ ދުވަހު އެފަދަ އެއްވެސް ހަމަލާއެއް ނުދޭނެ ކަމަށް ވިދާޅުވިއެވެ.
އަނެއްކޮޅުން، ޔަމަނުގެ ޙޫތީ ހަނގުރާމަވެރިން ރިޔާޟަށް އަމާޒުކޮށް ފޮނުވާލި ބެލިސްޓިކް މިސައިލެއް ވައްޓާލައި ނައްތާލާފައިވާ ކަމަށް ސަޢޫދީ ޢަރަބިއްޔާގެ އަސްކަރީ ކޯލިޝަނުން ވަނީ ބުނެފައެވެ. އޭގެ ފަހުން ޙޫތީން ވަނީ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން ހަމަލާގެ ޒިންމާ އުފުލައި، ތެޔޮ ޕަމްޕުކުރާ ސްޓޭޝަންތަކަކަށްވެސް އަމާޒުކޮށް ހަމަލާދިން ކަމަށް ދަޢުވާކޮށްފައެވެ.
ސަޢޫދީ އިސްވެ އޮންނަ ކޯލިޝަނުން ބުނީ، މި ހަމަލާގެ ރައްދުގައި ޔަމަނުގެ ވެރިރަށް ސަންޢާގައި ހުރި ބެލިސްޓިކް މިސައިލް ފޮނުވާ ދެ ލޯންޗަރަކަށް ހަމަލާދީފައިވާ ކަމަށެވެ.
ފަހުން ސަޢޫދީގެ ސިވިލް ޑިފެންސުން ވަނީ ރިޔާޟަށް އޮތް ނުރައްކާ މިހާރު ފިލައިގޮސްފައިވާ ކަމަށް އިޢުލާނުކޮށްފައެވެ.
މި ސަރަޙައްދުގެ ނުތަނަވަސްކަން ކުޑަކުރުމަށްޓަކައި ޤަޠަރުންވެސް ދަނީ ޑިޕްލޮމެޓިކް މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، ވޮޝިންގޓަނާ ގުޅިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން މެދުވެރިން ދަނީ ތެހެރާނަށް ޒިޔާރަތްކުރަމުންނެވެ.
![]()
