އެފްއޭއެމްގެ ޚިޔާނާތުގެ މައްސަލައިގެ ތަހުގީގު އަވަސްކުރަން މަޝްވަރާކޮށްފި

Loading

Facebook
Twitter
WhatsApp

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފައިސާއިން މަނީލޯންޑަރ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު އަވަސްކުރަން މަޝްވަރާކޮށްފިއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ އެފްއޭއެމްއަށް
އެކި ތަންތަނުން ލިބޭ ފައިސާއަށް ޚިޔާނާތްތެރިވެ، އެ ފައިސާ ލިބުނު ބޭނުން ފިޔަވައި އެހެން ބޭނުންތަކަށް ބޭނުންކޮށް، އެ ފައިސާއިން މަނީ ލޯންޑަރ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި މަސައްކަތްކުރައްވާ އިންވެސްޓިގޭޓަރުންނާ މިއަދު ޕްރޮސިކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ބައްދަލު ކުރައްވައިފައިވާ ކަމަށެވެ. އަދި މި ބައްދަލުވުމުގައި، އެ މައްސަލައިގައި މިހާރު ބާކީ ނުނިމި ހުރި މަސައްކަތްތަކަކީ ކޮބައިކަމާއި، އެ މަސައްކަތްތައް ނިންމާނެ ގޮތުގެ ވަގުތު ރޮނގަކާބެހޭ ގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.

އަދި މި މަސައްކަތުގައި ދައުލަތުގެ އިދާރާތަކުން ބޭނުންވާ އެހީތެރިކަން ހޯދޭނެ ގޮތްތަކާއި، މި މައްސަލައިގައި މިހާތަނަށް ލިބިފައިވާ ހެކިތައް އެ އޮފީހަށް ހުށަހަޅައި، ޕްރޮސިކިއުޓަރުން އެ ހެކިތައް ދިރާސާކޮށް، އިތުރަށް ހޯދައި ފުރިހަމަކުރަންޖެހޭ ކަންކަމަކީ ކޮބައިކަމާބެހޭ ގޮތުން މަޝްވަރާކޮށް ގޮތްތަކެއް ނިންމާފައިވާ ކަމަށެވެ.

“މީގެ ތެރޭގައި، މިމައްސަލައިގައި އިތުރަށް ތުހުމަތު ކުރެވޭ މީހުންގެ ބައިތަކުގައި ތުހުމަތު އިއްވައި ބަޔާން ނެގުމާބެހޭ ގޮތުންވެސް މަޝްވަރާ ކުރެވިފައިވެއެވެ. މިއަދުގެ ބައްދަލުވުމުގައި އެއްބަސްވެވުނީ، ފުލުހުން މި މައްސަލައިގައި ކުރައްވަން ހުރި މަސައްކަތްތައް ނިންމަވައި، ވީހާވެސް އަވަހަކަށް، ދައުވާކުރުމާމެދު ގޮތެއް ނިންމުމަށް މިއޮފީހަށް ހުށަހަޅުއްވައި ދެއްވުމަށެވެ.“ ޕީޖީ އޮފީހުން ބުންޏެވެ.

މި މައްސަލާގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް ވަނީ ޚިޔާނާތާއި މަނީ ލޯންޑަރިންގެ ދައުވާ އުފުލައިފައެވެ.

ޚިޔާނާތުގެ ދައުވާ އުފުލީ 2018 ވަނަ އަހަރު ފީފާއިން އެފްއޭއެމްއަށް ޖަމާކުރި ޑޮލަރުގެ ތެރެއިން 10,000 ޑޮލަރު ޖަމާކުރުމަށްޓަކައި ބޭންކްއަށް ހުށަހެޅި ލިޔުންތަކުގައި 10,004 ޑޮލަރުގެ ޓްރާންސްފާ ކުރުމަށް ލިޔެ ބޭންކަށް ލިޔުން ހުށަހަޅައި ބޭންކް ޗަރޖަސްގެ ގޮތުގައި 05 ޑޮލަރު އުނިކުރުމަށްފަހު 9,999 ޑޮލަރު އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާތީއެވެ. އަދި މަނީ ލޯންޑަރިންގެ ދައުވާ އުފުލީ އެ ފައިސާގެ ތެރެއިން 1,910 ޑޮލަރު އަމިއްލަ މީހެއްގެ އެކައުންޓަށް ޖަމާކޮށް ބައްސާމާއި އޭނާގެ އަންހެނުންގެ ހިއްސާ އޮންނަ ކުންފުންޏެއްކަމަށްވާ ގްލޭސިއަރ އިންވެޓްމަންޓްސް ޕްރައިވެޓްގެ ކަންކަމަށް ބޭނުންކޮށްފައިވާތީއެވެ.

މީގެއިތުރުން ބައްސާމް ކުއްޔަށް ނަގައިގެން އުޅުނު ރެހެންދި 6-302 ފްލެޓަށް ކުލި ދެއްކުމުގެ ގޮތުން ބޭނުންކޮށްފައިވާ އެ ފައިސާ އެކި އަދަދުތަކުން އެކި މީހުންނަށް ފޮނުވައި އެފްއޭއެމްއާ ގުޅުމެއް ނެތް ކަންކަމަށް އެ ފައިސާ ޚަރަދުކޮށްފައިވާ ކަމަށް ދައުވާގައި ބުނެފައި ވެއެވެ.

މި މައްސަލައަކީ އަދިވެސް ތަހުގީގު ކުރިއަށްދާ މައްސަލައަކަށްވާތީ ތަހުގީގުގައި ކަންކަން ފުރޮޅެމުންދާ ވަރަކަށް އިތުރު މުއާމަލާތްތަކާމެދު ފެންނަން ހުރި ނުރަނގަޅު ކަންތައްތަކުގެ މައްޗަށް އަޅާނެ ގާނޫނީ ފިޔަވަޅުތައް އެ އޮފީހުން ނިންމަމުން ގެންދާނެ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

ޕީޖީ ޙުސައިން ޝަމީމް. ފޮޓޯ: އަވަސް

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް