ރިޔާސީ އިންތިޚާބު ރައީސް ޕޫޓިންގެ ކާމިޔާބު ކުރެއްވުން: ހުޅަނގުން ބުނީ ގަބޫލުނުކުރާ ކަމަށް!

Loading

Facebook
Twitter
WhatsApp

ރަޝިޔާގެ ރިޔާސީ އިންތިޚާބު މިހާރުގެ ރައީސް ބޮޑުތަނުން ކާމިޔާބު ކުރައްވައިފައިވާއިރު އެއީ ޑިމޮކްރެސީގެ އުސޫލުތަކާ ޚިލާފް ޚުދުމުޚުތާރު އިންތިޚާބެއް ކަމަށް ހުޅަނގުގެ ގައުމުތަކުން ގޮވަން ފަށައިފިއެވެ.

ރަޝިޔާގެ ރައީސަކު ހޮވުމަށް ރަޝިޔާގައި އިންތިޚާބު ބޭއްވިއިރު ހުޅަނގު ބޭނުންވާ މީހަކު ހޮވެންޖެހޭނެ ކަމަށް އެމީހުނަށް ގަބޫލުކުރެވޭކަމީ ޙައިރާންވާންޖެހޭ ކަމެކެވެ.

އިތުރު 6 އަހަރު ދުވަހުގެ މުއްދަތަކަށް ރައީސް ޕޫޓިން އިންތިޚާބު ކާމިޔާބު ކުރެއްވުމުން ޗައިނާއާއި އިންޑިއާއި އަދި އީރާނާއި އުތުރު ކޮރެޔާއިން މަރުޙަބާގެ އަތް ދަމާލައިފިއެވެ.
ރަޝިޔާއިން ޔޫކްރެއިނަށް އަރާގަތުމަށްފަހު ރަޝިޔާއާއި ހުޅނގުގެ ގުޅުން މިހާރު އޮތީ ފިނިހަނގުރާމައިގެ ދުވަސްވަރަށްވުރެ ވެސް ގޯސްވެފައެވެ.

މިދިޔަ ހޯމަދުވަހު ރަޝިޔާއަށް އިގުތިސާދީ ގޮތުން އިތުރު ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ޔޫރަޕިއަން ޔޫނިއަންގެ ޚާރިޖީ ވަޒީރުން ބްރަސެލްސްއަށް އެއްވެ ސައްލާކުރުމަށްފަހު އެންމެ ފުރަތަމަ ވެސް ހާމަކުރެއްވީ “ ރަޝިޔާގެ އިންތިޚާބަކީ ލަދުގަންނަން ޖެހޭވަރުގެ ކަމެއް ކަމުގައެވެ ”.

ބައްދަލުވުން ފަށަމުން ޖަރުމަނުގެ ޚާރިޖީ ވަޒީރު އަނަލީނާ ބެއަރބޮކް ވިދާޅުވީ ރަޝިޔާގެ އިންތިޚާބުގައި އެހެން މީހަކަށް ވޯޓުލުމުގެ ފުރުސަތުވެސް ނޯންނާނެ ކަމަށެވެ.

ޔޫކްރެއިން ހަނގުރާމައަކީ ސްޕެޝަލް މިލިޓްރީ އޮޕަރޭޝަނެއްކަމަށް ރަޝިޔާއިން ބުނަމުންގެންދާތީ މަލާމާތްކުރުމުގެ ގޮތުން ފަރަންސޭސި ޚާރިޖީ ވަޒީރު ސްޓެފާން ސެޔޯނެ ވިދާޅުވެފައިވަނީ ސްޕެޝަލް އިލެކްޝަން އޮޕަރޭޝަން ނޯޓުކުރެވިއްޖެ ކަމަށެވެ.

އިނގިރޭސި ޚާރިޖީ ވަޒީރު ޑޭވިޑް ކަމަރޫން ވިދާޅުވީ އިންތިޚާބުގެ ނަތީޖާއިން އެނގިގެންދިޔައީ ރަޝިޔާގެ ރައްޔިތުން ބަނދެވިފައިތިބި މިންވަރު ކަމަށެވެ. ރައީސް ޕޫޓިންނާ ވާދަކުރާ ކޮންމެ ސިޔާސީ ބޭފުޅަކު އުފުރާލުމަކީ އެމަނިކުފާނުގެ އާދައެކެވެ. އެއީ ޑިމޮކްރެސީ ދަންނަ އުސޫލެއް ނޫނެވެ.

ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ވިދާޅުވެފައިވަނީ ރަޝިޔާގެ އިންތިޚާބަކީ ގާނޫނީ އެއްވެސް ބުރަދަނެއް އޮތް އިންތިޚާބެއް ނޫންކަމަށެވެ. ރައީސް ޕޫޓިންގެ ބާރު ހިނގާނެނަމަ މުޅިއުމުރަށްވެސް ވެރިކަން ކުރަން ބޭނުންވާނެއެވެ. އެމަނިކުފާނު އެހުންނަވަނީ ވެރިކަމާހެދި ރަންބުއްދިވެފައެވެ.

އިނގިރޭސި ވިލާތާއި ފަރަންސޭސި ވިލާތާއި އަދި ހުޅަނގުގެ ބައެއް އެހެން ގައުމުތަކުންވެސް ރަޝިޔާއިން ހަނގުރާމާގައި އަތުލާފައިވާ ތަންތަނުގައިވެސް އިންތިޚާބު ބޭއްވީތީ ފާޑުކިޔާފައިވެއެވެ.

ރަޝިޔާއިން ދެކޭގޮތުގައި އެ ތަންތަނަކީ ކުރިއްސުރެންވެސް ރަޝިޔާގެ ތަންތަނެވެ. ކްރެމްލިނުން ހުޅަނގުގެ ގައުމުތަކަށް ރައްދުދީ ބުނެފައިވަނީ ތިންދުވަހަށް ދެމިގެންދިޔަ އިންތިޚާބުގައި %87 ގެ ނަތިޖާއަކުން ރައީސް ޕޫޓިން ކާމިޔާބު ކުރެއްވުމުން ރަޝިޔާގެ ރައްޔިތުންގެ ވިންދު އެނގިގެންދާ ކަމަށެވެ. އަދި އެއީ ކަލޭމެންގެ ސިކުނޑިތަކުން މިނެކިރޭވަރުގެ ނަތިޖާއެއް ވެސް ނޫންކަން އެނގެއެވެ.
ވައިޓްހައުސްގެ ތަރުޖަމާނުގެ ވާހަކަ ތަންކޮޅެއް މައިތިރިކަމަށް ފެނެއެވެ. އޭނާ ބުނެފައިވަނީ ރަޝިޔާގެ އާންމު އިންތިޚާބު ބޭއްވިގެންދިޔައީ އެންމެ ރަނގަޅަކަށް ނޫނެވެ. އިންތިޚާބާ ބެހޭގޮތުން ރައީސް ޖޯ ބައިޑަން މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅެއްނުވެއެވެ.

ޗައިނާގެ ރައީސްގެ މަރުޙަބާގައި ވިދާޅުވެފައިވަނީ ރައީސް ޕޫޓިންގެ ކާމިޔާބީއަށް މަރުޙަބާ ދަންނަވާ ކަމަށާއި 2022 ގައި އެއްބަސްވި “ އެއްވެސް ހައްދެއްނެތް އެކުވެރިކަމުގެ ގުޅުން “ އިތުރަށް ހަރުދަނާވެގެން ދާނެކަމަށް ވިދާޅުވެފައިވެއެވެ.

ޒިންހުވާ ނިއުސް އޭޖެންސީން ބުނެފައިވަނީ ރައީސް ޕޫޓިންގެ މި ފެށޭ ޒައާމަތުގައިވެސް ރަޝިޔާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ރައީސް ޝީ ޖިންޕިން އެދޭ ކަމަށެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ މަރުޙަބާގެ މެސެޖުގައި ވިދާޅުވެފައިވަނީ “ އަހަރެމެންނަށް މޮސްކޯއާއިއެކު ތަޖުރިބާ ކުރެވެމުންދާ ޚާއްސަ ބައިވެރިވުމާއި އެއްބައިވަންތަކަން “ ކުރިއަށް އޮތްތަނުގައި އިތުރު ކާމިޔާބީތަކަކަށް ގެންގޮސްދޭނެކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އިންޑިއާއާއި ރަޝިޔާއާއި ޗައިނާއަކީ ދުނިޔޭގެ އިގްތިސާދު އެމެރިކާގެ މުށުތޭރޭން ނެރުމަށްޓަކައި މަސައްކަތް ކުރަމުންގެންދާ ބްރިކްސް ގްރޫޕްގެ ފައުންޑަރުންނެވެ.

ހުޅަނގުގެ ގައުމުތަކުގެ ދިގު އިނގިލި އެންމެބޮޑަށް ދިއްކޮށްފައި ތިބި ދެބޭފުޅުންނަކީ އީރާނުގެ ރައީސް އިބްރާހީމް ރައީސީ އާއި އަދި އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޯން އުން އެވެ. މި ދެބޭފުޅުންގެ މަރްޙަބާގެ މެސެޖުގައި ރަޝިޔާއާއެކު އޮންނަ ގުޅުންތައް ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު އެއްބައިވަންތަ މާޙައުލަކަށް މަގުފަހިވެގެން ދިއުމަށް އެދިވަޑައިގަންނަވާކަން ހާމަކުރައްވާފައި ވެއެވެ.

ހުޅަނގުގެ ގައުމުތަކުން އެފްރިކާގެ ބައެއް ގައުމުތަކުގެ ވިސްނުން ރަޝިޔާއާއި ދުރަށް ޖައްސަން މަސައްކަތް ކުރަމުންގެންދާ ނަމަވެސް މާލީ އާއި ނައިޖަރ އަދި ބުރުކީނާފާސޯ އިން ރައީސް ޕޫޓިންގެ ކާމިޔާބީއަށް މަރުޙަބާ ކިޔާފައިވެއެވެ. އެ ތިން ގައުމަކީ ވެސް ކުރީގައި ފަރަންސޭސިންގެ ބާރުގެ ދަށުގައި އޮތް ގައުމުތަކެކެވެ. ދާދިފަހުން އެގައުމުތަކުގައި ހިންގި ދެކޮޅުވެރި ޙަރަކާތްތަކެއްގެ ނަތީޖާއެއްގެ ގޮތުން ފަރަންސޭސީންނާއި އެމެރިކާގެ ފަރާތަށް ލެނބިފައި އޮތް އޮތުން ނިމުމަކަށް ގެނެސް ރަޝިޔާއާއިއެކު ގުޅުން ވަރުގަދަ ކުރަން ނިންމާފައިވަނީއެވެ. އެގައުމުތަކުން ގަބޫލުކުރާގޮތުގައި ރަޝިޔާއިން ފައިމައްޗަށް ތެދުވެގެން ނޫންގޮތަކަށް ދުނިޔޭގައި ބެލެންސް އޮފް ޕަވަރ ޔަގީނެއް ނުކުރެވޭނެއެވެ.

Loading

One Response

  1. ޕުޓިންވަރުގެ މީހެއްވެސް މިޒަމާނުގައި ހުރިކަން ނަސީބެކެވެ. އެނޫނީ އެމެރިކާއާއި އޭނާގެ ބައިވެރިން މުޅިދުނިޔެ މަކަރާ ޖަހައިގެން ކާލީހެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް