ސުލްހައިގެ މަޝްވަރާ އިޚްތިޔާރުކުރަން މަޝްވަރާދިނުމުން އިސް ފާދިރީއަށް ރުޅިގަނޑު ބާލައިފި

Loading

Facebook
Twitter
WhatsApp

ޔޫކްރެއިނުން ރަޝިޔާއާއެކު ކުރަމުންގެންދާ ހަނގުރާމަ ކާމިޔާބުނުވާނެކަން އެނގުމުން އަމާންދީ ހުދު ދިދަ ނެގުމުގެ ހިތްވަރު ޔޫކްރެއިންގައި ހުންނަން ޖެހޭނެ ކަމަށް ނަސާރާ ދީނުގެ އެންމެ އިސް ފާދިރީ ޕޯޕް ފްރާންސިސް ވިދާޅުވެއްޖެއެވެ. 

ވެޓިކަންގައި މެންދުރުގެ އަޅުކަމަށްފަހު އެބޭފުޅާގެ ޚާއްސަ ސްޓޫޑިއޯގައި އިންނަވާފައި ދެއްވި ބަސްދީގަތުމެއްގައި އިސް ފާދިރީ ވިދާޅުވީ ރަޝިޔާއާ ދެކޮޅަށް ޔޫކްރެއިނުން ހަނގުރާމަ ކާމިޔާބު ނުކުރެވޭނެތީ ރަޝިޔާއާއެކު މަޝްވަރާގެ މޭޒު އިޚްތިޔާރުކޮށް ސުލްޙައިގެ ވާހަކަތަކުން ރަނގަޅު ގޮތެއް ނިންމަން މަސައްކަތްކުރުމަކީ ނާކާމިޔާބީގެ ލަދުވެތިކަމުން އެއްކިބާވުމަށް އޮތް އެންމެ ރީތި ގޮތް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.                                                       
ޕޯޕް ފްރާންސިސް ވިދާޅުވީ ވަގުތާ ޙާލަތަށް ރިޢާޔަތްކޮށް ރައްޔިތުންނަށް އެންމެ ގެއްލުން ކުޑަ މިސްރާބަކަށް ފައިސަލާ ކުރުމަކީ ވެރިންގެ ނުކުޅެދުންތެރިކަމެއް ނޫނެވެ. ޙަގީގަތުގައި ކާމިޔާބު ވެރިންނަކީ އެއީއެވެ. ތިމާއަށް ފެންނަގޮތާއި އަރިހުގައި ތިބި ބޭފުޅުންގެ ރައުޔަކީ އަދި އެންމެ ހަރުދަނާ ވިސްނުންކަމަށް ނުވެ ހިނގައިދާނެއެވެ. 

ޕޯޕްގެ މި ވާހަކަފުޅަށް ޔޫކްރެއިނާއި ބައިވެރިން ރުޅިވެރިކަން ފާޅުކޮށް ޕޯޕް ބޭނުންފުޅުވަނީ ޔޫކްރެއިނުން އެއްވެސް ޝަރުތަކާ ނުލައި އަމާންދިނުމަށްތޯ ސުވާލު އުފައްދަމުން ގެންދެއެވެ.                            

ޔޫކްރެއިނާއި ޕޯލޭންޑުގެ ޚާރިޖީ ވަޒީރުން ޕޯޕްގެ ވާހަކަފުޅަށް ނުރުހުން ފާޅުކޮށް ދެވަނަ ބޮޑޫ ހަނގުރާމައިގާ ނާޒީން ހިންގާފައިވާ ލާއިންސާނީ ޖަރީމާގެ މަތިން ޕޯޕް ހަނދުމަފުޅު ނެތުނީތޯ ސުވާލު ކޮށްފައިވެއެވެ.        

ޔޫކްރެއިންގެ ނަސާރާ ފާދިރީއަކު ބުނެފައިވަނީ ރަޝިޔާއިން ޔޫކްރެއިނަށް އަރާގަތުމުން ޔޫކްރެއިން ގައުމުގެ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުވެގެން ދިޔައީ  ސިފައިން ވަރުގަދަ އަޒުމާއި ހިތްވަރުން ކަމަށެވެ. އެހެންނޫންނަމަ ގައުމުގެ އެތައް ރައްޔިތުންނެއް މަރުވެގެން ދިޔައީހެވެ.

ޕޯޕް ފްރާންސިސްގެ “ ހުދު ދިދަ ނެގުމުގެ ހިތްވަރު ހުންނަން ޖެހޭނެކަމަށް “ ވިދާޅުވުން ހިމެނޭ ބަސްދީގަތުމުގެ އެއްބައި ސްވިސް ބްރޯޑްކާސްޓަރ އާރް އެސް އައި އިންދުރަށް ފޮނުވާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

 ޕޯޕްގެ ބަސްފުޅު ނަސާރާދީނުގެ އަހުލުވެރިން ތަރުޖަމާކުރަމުން ގެންދަނީ ރަޝިޔާއާއި ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމަ ޔޫކްރެއިނަށް ކާމިޔާބު ނުކުރެވޭނެ ކަމަށާއި ވަގުތުގެ ބޭނުންކޮށްގެން ސުލްޙައިގެ ވާހަކަތައް ފެށުން ރަނގަޅުވާނެ ކަމަށެވެ.

ޕޯޕްގެ ވާހަކަފުޅަށް ރައްދު ދެއްވައި ޔޫކްރެއިންގެ ޚާރިޖީ ވަޒީރު ދިމިތުރޯ ކްލެބާ ވިދާޅުވެފައިވަނީ “ އަހަރެމެންގެ ދިދައިގެ ކުލައަކީ ނޫކުލައާއި ރީނދޫ ކުލައެވެ. އަހަރެމެން ދިރި އުޅޭނީ އަދި މަރުވެގެން ދާނީވެސް އެ ދިދައިގެ ހިޔަލުގައެވެ. އަހަރެމެންގެ ގައުމުގައި އެހެން ގައުމީ ދިދައެއް ނުނަގާނެއެވެ ”.

ޕޮލިޝް ޚާރިޖީ ވަޒީރު ރަޑެކް ސިކޯރސްކީ ޔޫކްރެއިންގެ ޚާރިޖީ ވަޒީރުގެ ބަޔާނަށް ތާއީދުކުރައްވައި ވިދާޅުވެފައިވަނީ “ ރަޝިޔާގެ ލަޝްކަރު އެއްކޮށް ޔޫކްރެއިނުން ފައިބާށެވެ. އޭރުން ސުލްޙައިގެ މޭޒުގެ ވާހަކަވެސް ދައްކާކަށް ނުޖެހޭނެއެވެ ”.

މީޑިއާތަކުން ފާހަގަކޮށްފައިވާގޮތުގައި ޔޫކްރެއިންގެ ބައިވެރިންގެ ވާހަކަތައް ވަރަށް ރީއްޗެވެ. އެކަމަކު ޔޫކްރެއިނުން ހަނގުރާމަ ކާމިޔާބު ކުރުމަށް ބޭނުންޖެހިފައިވާ އެއްވެސް އެހީއެއް ފޯރުކޮށްދޭކަށް ނުކެރެއެވެ. 

މިއީ އާންމުކޮށް ޔޫރަޕްގެ ލީޑަރުންގެ އަމަލުތައް ހުންނަ ގޮތެވެ. ހިޓްލަރެކޭ އެއްފަދައިން މޮޅުވާހަކަ ދައްކާނެއެވެ. އެކަމަކު ބައިވެރިންނަށް އެންމެ ބޭނުން ޖެހޭ ދުވަހު މަދަދު ކުރުން ހުއްޓާލާނެއެވެ. މިއީ އަޅުވެތި ކުރުމުގެ ފުރަތަމަ ފިލާވަޅެވެ. 

އަހަރެން ފަހަތުގައި އެބަހުރީމޭ ބުނެ ދުޝްމަނުންނާ ދިމާއަށް ވަރަށް ބާރަށް ކޮށްޕާނެއެވެ. ވެއްޓުނީމާ ނުވެސް ދަންނަ ކަމަށް ހަދާފައި މަޑުމަޑުން ފެޔަށް ޖެހޭނީއެވެ. އެއަށްފަހު އެމީހުންގެ ލަޝްކަރުތައް ފޮނުވައިގެން ހަނގުރާމަ ކުރިއަށް ގެންދާނީއެވެ.

އެ ލަޝްކަރުތައް ގައުމުން ބޭލުމަށް ޒަމާންތަކެއް ފާއިތުވެގެން ދާނެއެވެ. އެ މުއްދަތުގައި ހެޔޮއެދޭ ބައެއްކަމަށް ދައްކަމުން ގައުމު ލޫޓުވާލާނެއެވެ. މިއީ ޔޫރަޕްގެ ފަލްސަފާއެވެ.

ކްލެބާގެ ވާހަކަ ކުރިއަށް ގެންދަމުން އަދިވެސް ބުނެފައިވެއެވެ. ދެވަނަ ބޮޑު ހަނގުރާމައިގާވެސް “ ހޮލީ ސީ “ ވެޓިކަނުން ތިބީ އަތްއުރާލައި ގެންނެވެ. ދެން މިހާރު އެކަން ތަކުރާރު ނުކުރާށެވެ. އަހަރެމެން ޕޯޕް ފްރާންސިސް މި ގައުމަށް ވަޑައިގަތުމަށް ދައުވަތު އަރުވަމެވެ. 

މި ގައުމުގައިތިބި މިލިއަނަކަށް ވުރެން ގިނަ ރޯމަން ކެތޮލިކުންނާއި ފަސްމިލިއަން ގްރީކް ކެތޮލިކުންނާއި އަދި ތަފާތު މަޒުހަބުތަކުގެ އެތައް މިލިއަން ނަސާރާއިން ވަރަށް ހިތްހަމަޖެހޭނެއެވެ.                                                           
ޔޫކްރެއިންގައި ހުންނަ ގްރީކް ކެތޮލިކް ފައްޅިތަކުގެ އެންމެ އިސްފާދިރީ ބުނެފައިވަނީ ހަތިޔާރު ބަހައްޓައި އަމާންދިނުމަކީ ޔޫކްރެއިން ސިފައިންގެ ސިކުނޑިތައް ދަންނަކަމެއް ނޫން ކަމަށެވެ.                       

ޔޫކްރެއިންގެ ސިފައިން ތިބީ ވަރުބަލިވެފައެވެ. އަތުގައި ބޭނުންކުރާނެ ހަތިޔާރު ފުދޭވަރަކަށް ނެތެވެ. އެކަމަކު މިހާރުވެސް ޒަޕޯރިންޒިއާ އޮޑެއްސާ ކާރކީވް ސުމީ ފަދަ ޝަހަރުތަކުގައި އެގެންދަނީ ހަނގުރާމަ ކުރަމުންނެވެ. ޔޫކްރެއިންގެ ސިފައިން ބަލި ގަބޫލެއް ނުކުރާނެއެވެ.

ވެޓިކަންގެ ރަސްމީ ތަރުޖަމާނު މެޓިއޯ ބުރޫނީ ބުނެފައިވަނީ މީޑިއާތަކުން ޕޯޕް ފްރާންސިސްގެ ވާހަކަފުޅުގެ މަގްސަދު އޮޅުވާލާފައިވާ ކަމަށެވެ. ޕޯޕްގެ ވާހަކަފުޅުގައި ހުދު ދިދަ ނެގުން ރަމްޒު ކޮށްދެނީ ހަނގުރާމައިގެ ވަގުތުގައިވެސް ސުލްޙަ މަސަލަސްކަމަށް އިސްކަން ދިނުމެވެ.

ރަޝިޔާއާއި ޔޫކްރެއިންގެ ހަނގުރާމައިގާ އަބަދުވެސް ވެޓިކަނުން ނަގަމުންގެންދަނީ އެ ދެގައުމުގެ ރައްޔިތުންގެ ޙައްގުގައި ވަކިފަރާތަކަށް ނުޖެހުމުގެ ސިޔާސަތެކެވެ. އެހެންނަމަވެސް ހުޅަނގުގެ ގައުމުތަކަށް މުޚާތަބުކުރައްވައި “ ކަލޭމެން ރަޝިޔާގެ ދޮރުމަތީގައި ކުއްތާތަކެއްހެން ހަޅޭއްލަވާ ހެދުން “ މިފަދަ އިބާރާތްތައް ބޭނުންކުރައްވާފައި ވާތީ ހުޅަނގުގެ ވިސްނުން ހުރީ ދީނީ އިމާމު ކަމަށް ވިޔަސް އެބޭފުޅާގެ އަގު ވައްޓާލުމަށެވެ.

ސްވިސް ބްރޯޑްކާސްޓަރަށް ދެއްވި އިންޓަރވިއުގައިވެސް ޕޯޕް ވިދާޅުވެފައިވަނީ ސުލްޙައިގެ ވާހަކަތަކަށް މަގު ހޯދުމާއި ސުލްޙައިގެ މަޝްވަރާތަކަށް އެއް މޭޒުދަށަށް ދިއުމަކީ ހަތިޔާރު ބަހައްޓާފައި އަމާންދިނުންކަން ތަރުޖަމާ ނުކުރެވޭނެ ކަމަށެވެ. އެކަމަކު ހަނގުރާމައެއް ކާމިޔާބު ނުކުރެވިދާނެ ކަމުގެ ނިޝާންތައް ފެންނާން ފެށުމުން ގޮތްދޫނުކޮށް ތިބުމަށްވުރެން ސުލްޙައިގެ ވާހަކަތަކަށް މަގުހޯދުމަކީ އެންމެ ބުއްދިވެރިގޮތެވެ.

ކޮންމެދުވަހެއްގެ މީޑިއާތަކުން ފެންނަމުންދަނީ ޔޫކްރެއިނަށް މި ހަނގުރާމައިގާ ގޮތް ހުސްވަމުންދާ ވާހަކައެވެ. އެންމެ ފަހުން އިއްޔެގެ ޓައިމްސް އޮފް ލަންޑަންގައި ޝާއިއުކޮށްފައިވާ ރިޕޯރޓެއްގައިވެސް ޔުޚްރެއިންގެ ސިފައިންނާ ޙަވާލާދީ ބުނެފައިއެވަނީ ޔޫކްރެއިން އިރު އުތުރު ސަރަޙައްދުގައި ސިފައިންނަށް ރަޝިޔާގެ ގްލައިޑް ބޮމުގެ ސަބަބުން ލިބެމުންދާ ގެއްލުން ބަޔާންކުރަން ދަތި ވާހަކައެވެ. 

އެ ޙަމަލާތައް ހުއްޓުވުމަށްޓަކައި އެފް-16 ގެ ހަނގުރާމަމަތީ މަތިންދާބޯޓު ފަހަރު ޔޫކްރެއިނަށް ބޭނުމެވެ. އެކަމަކު ހުޅަނގުން އެފް-16 ހަނގުރާމަމަތީ މަތިންދާ ބޯޓު ދޭކަށް ބޭނުމެއް ނުވެއެވެ. މިހާރު ބުނަމުން އެގެންދަނީ އެންމެ އަވަހަށްވެސް އޭގެ ބޯޓުފަހަރު ލިބޭނީ ސަމަރ މޫސުމުގައި ކަމަށެވެ.

މިހާރުގެ ޙާލަތު ލަންޑަން ޓައިމްސްއަށް ކިޔާދިން ސިފައިންގެ މީހާ ބުނެފައިވަނީ ރަޝިޔާގެ ޙަމަލާތަކުގައި  މަރުވެގެންދާ ޔޫކްރެއިންސިފައިންގެ އަދަދު ގިނަކަމުން އެ ހަށިގަނޑުތައް ވަޅުލުމަށްޓަކައި އެއްތަނަކަށް އެއްކުރެވޭނެ ފުރުސަތުވެސް ނުލިބޭ ކަމަށެވެ. ޔޫކްރެއިން ސަރުކާރުން މިވާހަކަ ހާމަކުރާކަށް ބޭނުމެއް ނުވެއެވެ.

ކޮމެޑިއަމް ކަމް ސްޓާ ރައީސް ޒެލެންސްކީ މިހާރުވެސް ވިދާޅުވަމުންގެންދަނީ ރަޝިޔާއާއެކު ދައްކާނެ ސުލްޙައިގެ ވާހަކައެއް ނޯންނާނެ ކަމަށެވެ.           

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް