ނަތަންޔާހޫގެ ސިޔާސީ ހަޔާތް ތަތުންފުޅިއަކަށް ލައިފައި ޑެޑްސީގެ ލޮނުރަހަ ގަދަ ހިސާބަކަށް ކަނޑުފައްތާށެވެ.

Loading

Facebook
Twitter
WhatsApp

އަޅުގަނޑުމެންގެ ކިއުންތެރިންނަށް މި ގެނެސްދެނީ ހަމާސްއާއި އިސްރާއީލުން ކުރަމުންގެންދާ ހަނގުރާމަ ދިރާސާ ކުރައްވަމުން ގެންދަވާ ޑެއިލީ ބީސްޓުގެ މުހައްލިލުންގެ ދިރާސާގެ މައްޗަށް ބިނާކޮށް ބައިނަލް އަގްވާމީ މީޑިއާތަކުގައި ދައުރުވަމުންދާ ރިޕޯޓެއްގެ އުސް އަލިތަކެވެ.

ކާމިޔާބު ނުކުރެވެމުންދާ ސުލްހައިގެ ވާހަކަތަކުގެ ސަބަބުން އިސްރާއީލުން ބޭނުންވާ ގޮތަށް ހަނގުރާމަ ނިންމާލަން އަވަސް އަރުވާގަނެގެން އޫޅޭހެން ހިއެއްނުވެއެވެ. މިހާރުގެ ހާލަތަށް ބަލާއިރު ފެންނަމުންދަނީ 7 އޮކްޓޯބަރުގައި ހަމާސްއިން އިސްރާއީލަށް ދިން ކުއްލި ހަމަލާއާއި ގުޅިގެން މެދުކެނޑުމެއްނެތި އިސްރާއީލުން ހަމާސްގެ ސަރަހައްދުތަކަށް ބޮންއަޅަމުން ގެންދިޔަ ނަމަވެސް ދުނިޔޭގެ ލީޑަރުންގެ މޭޒުކޮޅުމަތީގައި އެންމެ ގަދަޔަށް ކުރެވޭ ބަހުސްއަކީ ފަލަސްތީނުގެ ގައުމިއްޔަތާއި އަދި އެކަމުގައި އިންސާފު ހޯދައި ދިނުމަށް އެ ލީޑަރުން ނުކުޅެދިފައިވުމެވެ. އަދި މި މައްސަލައާ ގުޅިގެން ބޮޑުވަޒީރު ނަތަންޔާހޫގެ އަގު ވެއްޓެމުން ބޭޒާރުވަމުންދިއުމާ މިއަދު ނޫނީ މާދަމާވިޔަސް ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުންނޫން އެހެން ގޮތެއް ނެތްކަމެވެ.

އޮކްޓޫބަރު 7 ގެ ކުރިން ވަކިވަކި ގައުމުތަކަކުން ފަލަސްތީނުގެ މިނިވަންދައުލަތެއް ގަބޫލުކުރިކަމުގައިވިޔަސް ސުލްހައިގެ މޭޒަކުން ފަލަސްތީނާއި އިސްރާއީލުގެ މައްސަލަ ހައްލު ނުކުރެވޭނެކަން ގަބޫލުކޮށް މިހާރު ބައިނަލްއަގްވާމީ ދުނިޔެ ދެކޭގޮތުގައި އިސްރާއީލާއި އަދި ފަލަސްތީނުގެ މިނިވަން 2 ދައުލަތް އުފެއްދުމަކީ ކޮންމެހެންވެސް ކުރަންޖެހިފައިވާ ކަމެކެވެ.

ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެދި މުޅި ދުނިޔެއިން އެ ދައުލަތް ގަބޫލު ކުރުމަކީ އަދުލު އިންސާފު ގާއިމުވެގެން ދިއުމެވެ. ހަމައެކަނި އިސްރާއީލުގެ ދައުލަތެއް އުފެއްދުމުން ދުނިޔޭގެ ލީޑަރުން ކުރިމަތިލާން ޖެހިފައިވާ ނާއިންސާފެއް ނޫނެވެ. އެއީ މުޅި ބައިނަލްއަގްވާމީ ޖަމާއަތާއި އަދި ވަކިން ޚާއްސަކޮށް އަރަބި ގައުމުތަކުގެ ލީޑަރުންގެ ފޭލިވުމެކެވެ. އަދި ކޮންމެވެސް މިންވަރަކަށް ފަލަސްތީނުގެ އިސް ބޭފުޅުންވެސް އެކަމުގައި އެކަށީގެންވާގޮތެއްގައި މަސައްކަތް ކޮށްފައިވެއެކޭ ވެސް ނުބުނެވޭނެއެވެ.

މިހާލަތުގައި އެއްބަޔަކު އަނެއް ބަޔަކާ ދިމާއަށް ބަދުނާމުގެ އިނގިލި ދިއްކުރުމަކުން މައްސަލަ ހައްލެއް ނުކުރެވޭނެއެވެ. އަދި މައްސަލައިގެ ހަގީގަތް ވެލިއަޅާ ނުވެސް ފޮރުވޭނެއެވެ.

ދަންނަން ޖެހޭ ހަގީގަތަކީ ފަލަސްތީނުގެ ރައްޔިތުންނަށް އެމީހުން ތަމްސީލުކުރާނެ މިނިވަން ދައުލަތެއް ލިބެން ޖެހޭނެއެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި ގައްޒާގައި އިސްރާއީލުން ހިންގަމުންގެންދާ އަނިޔާވެރި ގަތުލު އާންމަށްވުރެން ފާޅުކަންބޮޑު ހަގީގަތެއް ނުލިބޭނެއެވެ. ގައްޒާގެ ހާލަތާ އެއްވަރަށް އެތައް ހާސްބަޔަކު މަރުވެ ބަނޑަށްޖެހި ގެދޮރު ވީރާނާވެ އާބާދީތައް ވިއްސި ވިހާވެގެން ދިއުމަކީ ވަރަށް މަދުފަހަރެއްގައި މެނުވީ ދުނިޔޭގެ ތާރީޚުން އެނގެން އޮތް ކަމެއް ނޫނެވެ.

ހުޅަނގު އައްސޭރީގައި އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކުގައި އިސްރާއީލުގެ ރައްޔިތުން ވަޒަންވެރިކުރުވުމަކީ އަނިޔާވެރިކަން ހައްދުފަހަނަޅައިދިއުން ކަމުގައި މެނުވީ ނުބުނެވޭނެއެވެ. އެއީ އިސްރާއީލުގެ މިލްކުގައި ހިމެނޭ ބިމެއް ނޫނެވެ. އެހެން ބަޔަކާއެކު އިސްރާއީލުން ކުރި ހަނގުރާމައެއްގެ ޝިކާރައަކަށް ފަލަސްތީނުގެ ރައްޔިތުންވެގެން ދިޔައީއެވެ. ހަނގުރާމައިގާ ހިފާ ބިންތަކަކީ މިލްކުކުރެވޭ ތަންތަނެއް ނޫނެވެ. ހުޅަނގު އައްސޭރިއާއި ގައްޒާއަކީ ފަލަސްތީނުގެ ބިންތަކެކެވެ. އެހެންނަމަވެސް އެ ބިންތަކުގައި ފަލަސްތީނުގެ ސަރުކާރެއް އުފެއްދުމުގެ ފުރުސަތު ވަނީ ދުނިޔޭގެ ބައެއް ބޮޑެތި ބާރުތަކުން މަނާކޮށްފައެވެ. މިހާރު ބަހުސް ކުރެވެމުން އެދަނީ ބާރުގަދަ އެ ގައުމުތަކުން ހިންގަމުން ގެންދާ ނާއިންސާފު އިންސާފަކަށް ބަދަލުކުރުމަށެވެ.

ހަމާސްއަކީ ޓެރަރިސްޓް ޖަމާއަތެކޭ ނުވަތަ ހައްދު ފަހަނަޅާފައިވާ ޖަމާއަތެކޭ ކިޔަސް މިއަދު ފަލަސްތީނުގެ ދައުލަތެއް އުފަންކޮށް ހުޅަނގުން އެ ދައުލަތް ގަބޫލުކުރަންޖެހޭ ވާހަކަ ދައްކާއިރު ދެބަސްނުވެވޭނެ ހަގީގަތަކީ މިއަދު މިވާހަކަތައް ދެކެވެމުން މިދަނީ ހަމާސްގެ ސަބަބުންނެވެ. މިހާތަނަށް ފަލަސްތީނުގެ ދައުލަތް ރަސްމީގޮތުން ގަބޫލުކޮށްފައިވާ 150 ގައުމުގެ ފަހަތުން ނަމަވެސް މިއަދު ހުޅަނގުގެ ގައުމުތަކުން ދުލުކުރިންނަމަވެސް ފަލަސްތީނުގެ ދައުލަތަކަށް އިއުތިރާފުވާން އޮތީ ޖެހިފައެވެ.

ފަލަސްތީނުގެ ދައުލަތެއް އުފެދުމަކީ އިސްރާއީލަށް ވެސް މިނިވަންކަން ލިބުމާ އެއްފަދަ ކަމެކެވެ. ފަލަސްތީނުގެ ދައުލަތުން މިނިވަންކަން ލިބުމެއް ނޫނެވެ. މާޒީވެ ދިޔަތަނުގެ ހިތްދަތި ހަނދާންތަކުން އިސްރާއީލު މިނިވަން ވުމެވެ. މިހާރު ހިނގަމުންދާ ހަނގުރާމަތަކާއި ދެކޮޅުވެރިކަމާއި ލޭ އޮހޮރުވުންތަކުން އިސްރާއީލު މިނިވަން ވުމެވެ. އެހިސާބުން މިއަދު އިސްރާއީލުން ފަލަސްތީނީންނާ ދެކޮޅަށް ހިންގަމުންގެންދާ އުދުވާންގެ ވާހަކަ މަޑުމަޑުން ފަނޑުވެގެން ހިނގައިދާނެއެވެ. އިސްރާއީލާ ދެކޮޅު ހަރަކާތްތަކަށް ފަރުވާއެއް ލިބިގެންދާނެއެވެ. ބޮޑުވަޒީރު ބީބީއާއި ބެން ގްވީރް އާއި ބެޒާލެލް ސްމޯރިޗް އަށް ބައިނަލް އަގްވާމީ ފޯރަމްތަކުގައި އިހްތިރާމް ލިބިގެންދާނެއެވެ. އިސްރާއީލުންވެސް ފަލަސްތީނުގެ ދައުލަތް ގަބޫލުކޮށްފިނަމަ މެދުއިރުމަތީގައި އިސްރާއީލުގެ ރައްޓެހިން އުފެދެން ފަށާނެއެވެ. ސަލާމަތާ ރައްކާތެރިކަމާއި އިގްތިސާދީ ބައިވެރިވުން ސަރަހައްދީ ފެންވަރުގައި އިތުރުވެގެންދާނެއެވެ. ފަލަސްތީނުގެ ދައުލަތެއްގެ ފަރާތުން އިސްރާއީލަށް ގޯނާކުރުމުގެ ވާހަކައެއް ނުދައްކާނެއެވެ. މިއީ ފަލަސްތީނުގެ ދައުލަތެއް އުފެދުމުން އިސްރާއީލަށް ކުރާނެ ފައިދާތަކުން ކުޑަކުޑަ މިންވަރެކެވެ.

ބައިޑަން ސަރުކާރުން އިސްރާއީލާއި ހަމާސްގެ ހަނގުރާމަ ހުއްޓުވަން ފައިވިއްދާފައި ތިބިއިރު އިސްރާއީލު ސަރުކާރުން ގޮތްދޫނުކޮށް ހަގީގަތާ ދުރަށް ދެވޭނީ ވަކިވަރެއް ވަންދެންކަން ގަބޫލުކުރަން ޖެހޭނެއެވެ. ފަލަސްތީނުގެ ދައުލަތެއް އުފެއްދުމަކާ ނުލައި އިސްރާއީލުންނަކަށް ޔަހޫދީންގެ ގޮތުގައިތިބެ ޑިމޮކްރެސީއެއްކަމުގައި ވެސް ނުބުނެވޭނެއެވެ.

ފަލަސްތީނުގެ ދައުލަތެއް އުފެއްދުމަށް ރުހުންދިނުމާއި އަދި އެދައުލަތް ގަބޫލުކުރުމުން ވައުދުވީ ކަންތައް ނިންމާދިންކަމުގެ ޝަރަފް ދުނިޔޭގެ ކުރިމަތީގައި އިސްރާއީލަށް ލިބިގެންދާނެއެވެ. އޮކްޓޯބަރު 7 ގައި ހަމާސްއިން އިސްރާއީލަށް ދިން ހަމަލާއަކީ ފަލަސްތީނުގެ ދައުލަތެއް އުފެއްދުމުން އިސްރާއީލަށް ނުރައްކާތެރިކަން އޮތްކަމަށް ދަލީލު ލިބޭ ކަމެއް ނޫނެވެ.

އިސްރާއީލުން އީމާންވެގެންތިބި އަމިއްލަވަންތަ ދައުލަތެއްގެ މުއުޖިޒާތަކީ ދެކޮޅުވެރިކަމުގެ ލައުނަތެއްކަން މިހާރު ގަބޫލުކުރަން ވެއްޖެއެވެ. އިސްރާއީލުންނާއި ފަލަސްތީނުން ބޮމާއި ރޮކެޓާއި ގަތުލު ޢާންމުގެ ބިރުވެރިކަންނެތި ސަލާމަތާ ރައްކާތެރިކަމުގެ މާހައުލެއްގައި މުޅިން އާ ޖީލެއް އުފަންކުރުވަން އެބަ ޖެހެއެވެ. މިނޫން އެހެން ގޮތެއް މިހާރަކު ނެތެވެ. ބަނޑުހައިގެންފައިވާ މިނިކާވަގުތަކެއް ފަދައިން ސިފައިންނާއި ޖިހާދީން ޝިކާރަވެރިންނަށް ވެގެން މަގުތަކަށް ނިކުމެ އުޅުންވެސް ހުއްޓުމަކަށް އަންނާން ޖެހެއެވެ. ރައީސް ބައިޑަންއާއި ހުޅަނގުގެ ވެރިންގެ ކުރިމަތީގައި ވެސް މިނޫން އެހެން މަގެއް ޚިޔާރުކުރެވޭކަށް މިހާރަކު ނެތެވެ.

ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް ބޮޑުވަޒީރު ނަތަންޔާހޫގެ އިދިކޮޅު ހެދުން ތަތުންފުޅިއަކަށްލާފައި ބަހުރުލް މައްޔިތު ( ޑެޑް ސީ ) ގެ ލޮނުރަހަ ގަދަ ހިސާބަކަށް ކަނޑުފެއްތުން ނޫންގޮތެއްވެސް މިހާރަކު ނެތެވެ. ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމާ ދެކޮޅަށް ލަދު ހަޔާތެއްނެތި ބައިނަލް އަގްވާމީ ފޯރަމްތަކުގައި މަ ވަރެއް ނެތިގެން އުޅުނު ނަތަންޔާހޫއާދިމާލަށް ރުހުމުގެ ލޮލަކުން ބަލާލާނެ ސިޔާސީ ލީޑަރަކު މިހާރު ނެތެވެ. ކޮންމެވެސް އަމިއްލަ އެޖެންޑާއެއްގެ ސަބަބުން ޑިމޮކްރެސީގެ ނަމުގައި ގައުމުތަކުގެ ރައްޔިތުންގެ ރުހުމާ ދެކޮޅަށް ނަތަންޔާހޫގެ ކުރިމަތީގައި ހިނިތުންވުމަކީ އޭނާއަށް ރުހި ގަބޫލުވުން ކަމުގައި ދެކެނީވެސް ހަމައެކަނި އޭނާއެވެ.

ހަގީގަތުގައި އެމެރިކާއާއި ޔޫރަޕުގެ ލީޑަރުން ކޮންމެ ގޮތެއް ހަދާފައިނަމަވެސް ފަލަސްތީނުގެ ދައުލަތެއް އުފެއްދުމަށް ބާރު އަޅަމުންގެންދާ މައިގަނޑު ސަބަބަކީ ރީތި ގޮތުގައި އެ ލީޑަރުން ދެއްވި މަޝްވަރާ ނަތަންޔާހޫ ގަބޫލުނުކޮށް ގަދަހެދުމެވެ. އެބޭފުޅުންގެ ދެކިވަޑައިގަންނަވާ ގޮތުގައި ނަތަންޔާހޫއަށް ކުރުނީސް ކުރުމަކީ ޒަމީރު ހުއްދަކުރާކަމަކަށް ނުވަނީއެވެ.
ވަކިމިންވަރަކަށްވުރެން ބޮޑަށް ގޮތްދޫނުކުރުމުގެ އާޚިރު ނަތީޖާއަކަށް އަބަދުވެސް ވެގެންދާތަން ފެންނަނީ ބިމަށް ތުންހަރާލަން ޖެހުމެވެ. ނަތަންޔާހޫއަށްވެސް އެންމެފަހުން ކުރިމަލާންޖެހޭނީ މި ހާލަތަށެވެ. ފަލަސްތީނުގެ މިނިވަން ދައުލަތެއް ވުޖޫދަށް ގެނައުން މާބޮޑަށްވެސް ލަސްވެއްޖެއެވެ. މެދު އިރުމަތީގެ ސުލްހައަށްޓަކައި އެންމެ ފުރަތަމަ އަޅަންޖެހޭ ފިޔަވަޅަކީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމެވެ. އޭގެ ފަހުން ފެނިގެންދާނީ މިހާރަށްވުރެން އަމާން މެދުއިރުމައްޗެކެވެ.

Loading

One Response

  1. އެކިތަނުގައި އެކިބައިތައް ކަނޑުފައްތާނީވެސް. އެއްބައި ޑެޑް ސީގައި އަނެއްބައި ރެޑް ސީގައި ބާކީ ހުރިއެއްޗެއް މެޑިޓެރޭނިއަން ސީ ގައި.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް