އީރާނުގެ ގުޅުން އިސްރާއީލާއި ހަމާސްގެ ހަނގުރާމައިގާ ސައޫދީގެ އައްޑަނައަކަށް

Loading

Facebook
Twitter
WhatsApp

އެސޯޝިއޭޓެޑް ޕްރެސްއިން ހާމަކޮށްފައިވާ ތަޖުރިބާކާރުންގެ ދިރާސާއެއްގައި އީރާނާއެކު ސައޫދީ އެރޭބިޔާގެ ގުޅުން ރަނގަޅުވަމުން ދިއުމަކީ މިހާރު ހިނގަމުންދާ އިސްރާއީލާއި ހަމާސްގެ ހަނގުރާމައިގާ ސައޫދީ އެރޭބިޔާ ހިމާޔަތް ކޮށްދޭ އައްޑަނައެއްކަމުގައި ސިފަކޮށްފިއެވެ.

އެ ދިރާސާގައި ހާމަކޮށްފައިވާ ގޮތުން މީގެ އަހަރެއްހާ ދުވަސްކުރިން ޗައިނާގެ އިސްނެގުމާއެކު ކުރެވިގެންދިޔަ އީރާނާއި ސައޫދީ އެރޭބިއާގެ ސުލްހަނާމާގެ ފޮނި ނަތީޖާ މިހާރުވެސް ސައޫދީ އެރޭބިޔާއަށް ލިބިއްޖެއެވެ. އިސްރާއީލާއި ހަމާސްއާ ދެމެދު ކުރެވެމުންދާ ހަނގުރާމައިގާ ސައޫދީ އެރޭބިޔާ ހިމާޔަތް ކޮށްދޭ އައްޑަނައަކީ އީރާން ކަމުގައި އެ ދިރާސާގައި ވަނީ ސިފަކޮށްފައެވެ.

އީރާނާއި ސައޫދީ އެރޭބިޔާގެ ސުލްހައިގެ އެއްބަސްވުމުގެ ކުރިން އެ ދެގައުމަކީ އެތައްހާސް ތޫނު ކަށިތަކެއްފަދަ ރުޅިވެރިކަމެއް އޮންނަ ދެ ގައުމުކަމުގައި ސިފަ ކުރެވިފައިވުމާއެކު ދެ ގައުމުގެ މުޅި ވެށި އަމާން އޮމާން މަސްރަހަކަށް ވެއްޖެކަމުގައި ނުބުނެވުނަސް ސައޫދީގެ ވަލީއަހްދު މުހަންމަދު ބިން ސަލްމާނުގެ ވިސްނުންފުޅުގައި ދެގަމުގެ ގުޅުން އިތުރަށް ބަދަހިކުރަން ބޭނުންފުޅުވާކަމުގެ ހެކިތައް ދަނީ ފެންނަމުންނެވެ.

އާއިލާގެ ތެރޭގައި އުފެދިގެންދިޔަ ގިނަ ގޮންޖެހުންތަކެއް ގިރާކުރައްވައި ވަލީ އަހްދުގެ މަގާމަށް ވަޑައިގަތުމަށްފަހު ބެލެވޭ ގޮތުގައި އީރާނުގެ މަދަދު ލިބެމުންދިޔަ ހޫތީންނާ ދެކޮޅަށް ސައޫދީ އެރޭބިޔާއިން މުޙައްމަދު ބިން ސަލްމާނު ހަނގުރާމަ ފެށްޓެވިއެވެ. އެއަށްފަހު ޗައިނާގެ އިސްނެގުމާއެކު ވެވިގެންދިޔަ އެއްބަސްވުމުގެ ނަތީޖާއެއްގެ ގޮތުން މުޙައްމަދު ބިން ސަލްމާނު ގެންގުޅުއްވި ހަނގުރާމައި ވިސްނުންފުޅު ސުލްހައިގެ މަގަށް މިސްރާބު ޖައްސަވައި ހޫތީންނާއެކު ސުލްހައިގެ ވާހަކަތަކަށް މަގު ހުޅުއްވައިލެއްވިއެވެ. އަދި މިދިޔަ އަހަރު މާޗް މަހުގެ 10 ވަނަ ދުވަހު އެކަން އިއުލާންކުރެއްވިއެވެ. އެއަށްފަހު ސައޫދީ އެރޭބިޔާގެ މައިގަނޑު ވިސްނުމަކަށް ވެފައިއޮތީ މިހާރު ދުނިޔޭގެ ތެލުގެ ބާޒާރުގައި އެންމެ ބޮޑު ހިއްސާއެއް ލިބިފައި އޮތްނަމަވެސް ތެލުން ލިބޭ އާމްދަނީ ކުރިމަގުގައި އެގޮތުގައި ދެމިއޮތުމުގެ ފުރުސަތު ހަނިވަމުން ދިއުމުގެ ސަބަބުން އެހެނިހެން ދާއިރާތަކުން އިގްތިސާދީ ފުދުންތެރިކަން ލިބިގަނެވޭނެ ގޮތްތައް ރޭވުމެވެ.

ސައޫދީ އެރޭބިޔާގެ މި ވިސްނުމުގެ ނާޒުކު މިންވަރު ހާމަވެގެން ދިޔައީ އިސްރާއީލާއި ހަމާސްގެ ހަނގުރާމަ ފެށުމުންނެވެ. ރެޑްސީން ދަތުރުކުރާ އެމެރިކާއާއި އިނގިރޭސި ވިލާތާއި އަދި އިސްރާއީލާގުޅުންހުރި ކޮންމެ އުޅަނދަކަށް ހޫތީން ހަމަލާދޭނެކަމުގެ އިންޒާރު އިއުލާން ކުރެވިގެން ދިއުމާއެކު ސައޫދީ އެރޭބިޔާއަށް ކުރިމަތިލާން ޖެހިދާނެ ނުރައްކާ އޮތީ ހާމަޔަށް ފެންނާށެވެ. އެމެރިކާއާއި ބައިވެރިން ރެޑްސީގެ ދަތުރުތަކުގެ އަމާންކަން ކަށަވަރު ކުރަން އުފެއްދި ކޯލިޝަނުގައި ބައިވެރިވުމުގެ ފުރުސަތު އެންމެ ފުރަތަމަ ލިބުނު ގައުމުތަކުގެ ތެރޭގައި ސައޫދީ އެރޭބިޔާއާއި އެމިރޭޓްސް ހިމެނިގެން ދިޔައެވެ.

މުހައްލިލުން ހާމަކޮށްފައިވާ ގޮތުގައި ޙޫތީންނާ ދެކޮޅަށް އެމެރިކާގެ ބައިވެރިން އެކުލަވާލި ކޯލިޝަނުގައި ސައޫދީ އެރޭބިޔާއާއި އެމިރޭޓްސްއިން ބައިވެރިވުމުގެ ނުރައްކާތެރިކަން ވިސްނައިދިނުމުގައި އީރާނުން އަދާކުރީ ވަރުގަދަ އައްޑަނައެއްގެ ދައުރެވެ. ސައޫދީ އާއި އެމިރޭޓްސްއިން ތެޔޮ އެކްސްޕޯރޓް ކުރުމަށް ގިނަގުނަ ހުރަސްތަކެއް ހޫތީންނަށް ކުރިމަތި ކުރެވިދާނެތީ އީރާނުން އެ ފުރުސަތު ހުޅުވިފާއޮތުމަކަށް ބޭނުމެއް ނުވިއެވެ. ސައޫދީ އެރޭބިއާއަށްވެސް ހަމާސް އާއި ހޫތީންނާއި އިރާނުގެ ގުޅުން ރަނގަޅަށް ވަޒަން ކުރެވޭތީ އީރާނާ ދެކޮޅަށް އަމަލު ކުރާކަށް ބޭނުމެއް ނުވެއެވެ.          

ސައޫދީ އެރޭބިޔާގެ ސިޔާސަތު ރަނގަޅަށް އެނގިވަޑައިގަންނަވާ މުހައްލިލު އަޒީޒު އަލް ޣާސިޔަން ވިދާލުވެފައިވަނީ ސައޫދީ އެރޭބިޔާއާއި އީރާނުގެ ގުޅުމުގެ މުހިންމުކަން ވަޒަންކުރެވެން ފެށީ މިހާރު އެވެ. ކޮންމެވެސް ވަރެއްގެ ޝައްކުތަކެއް ހުރި ކަމުގައިވިޔަސް ސައޫދީ އެރޭބިޔާއާއި އީރާނުންވެސް ގަބުލުކުރާ ހަގީގަތަކީ “ އަހަރެމެންނަކީ ދުޝްމިނުންނެއް ނޫނެވެ. އަދި އަހަރެމެންގެ ގުޅުންތައް މިވަނީ ހެޔޮމަގުގައި މުޅިން އާ ހަރުފަތްތަކެއް ގިރާކުރަން ފަށާފައެވެ.“

އަލްޣާސިޔަން ވިދާޅުވެފައިވާ ގޮތުގައި އީރާނާއި ސައޫދީ އެރޭބިޔާއާ ދެމެދު އަދިވެސް އެއްބަސްނުވެވޭ ކަންތައް ހުރިކަން ފާހަގަ ކުރެވެއެވެ. އެހެންނަމަވެސް އެ މައްސަލަތަކުގައިވެސް ރަނގަޅު ހައްލެއް ހޯދުމުގެ އަޒުމުގައި މަޝްވަރާ ކުރެވެމުން ދިއުމަކީ ބަލާގަންނަޖެހޭ ރަނގަޅު ފާލެކެވެ.                              

ތެދަކަސް ދޮގަކަސް ހަމާސްއާއި ހޫތީންނާއިއެކު އީރާނުން އޮންނަ ގުޅުމަކީ ސިއްރެއް ނޫނެވެ.            

ބައިނަލްއަގްވާމީ މީޑިއާތަކުން މިހާރުވެސް ކެނޑިނޭޅި މަސައްކަތްކުރަމުން ގެންދަނީ އެ ދެ ގައުމުގެ ދެމެދަށް ވައިރަސް ފާ ކުރުމަށެވެ. ސުންނީ ޝިޔައީގެ ނަން ބޭނުންކޮށްގެންނެވެ. ސަރަހައްދީ ކޮންމެ ކޯޅުމެއްގައި ދެ ގައުމުން އެއްގަލަކަށް ނާރާކަން ހަނދާންކޮށްދީގެންނެވެ. ސީރިޔާއާއި ލެބަނަން އަދި އިރާގުގެ ފޮޓޯ ދައްކައިގެންނެވެ. ޝިޔާއީންގެ ދަންނަ ބޭކަލަކު ކަމުގައިވާ ނިމްރު އަލް ނިމްރު ސައޫދީގައި މަރާލިކަން ހަނދާކޮށްދެމުންނެވެ.

މިހުރިހާ ދޭތެރޭ ޖެއްސުންތަކަކާ އެކުގައި ވެސް ދެ ގައުމުގެ އަމާޒަކަށް ވެފައި އޮތީ ސުލްހައިގެ އެއްބަސްވުމަށްފަހު ވީހާވެސް އަވަހަކަށް ސިޔާސީ ގުޅުން ގާއިމްކޮށް ސަފީރުން ބަދަލުކޮށް ނިންމުމަށެވެ. ދާޚިލީ ހަނގުރާމައިގާ ވީދެމުންދިޔަ ސޫދާނުގައި ތާށިވެފާތިބި އީރާނުގެ 65 މީހުން ކޮންމެވެސް ގޮތަކުން ސޫދާނުން ފިލައިގެން ސައޫދީ އެރޭބިޔާގެ ޖިއްދާއަށް އައުމުން އީރާނުގެ ޑިޕްލޯމެޓުންނާއެކު އެމީހުންނަށް ސައޫދީ އެރޭބިޔާއިން ލިބުނު ހޫނު މަރުހާބާ ދުނިޔޭގެ މީޑިއާތައް ހައިރާންކޮށްލިއެވެ.

ކަންމިހެން އޮތްނަމަވެސް އަދިވެސް އެއްބަސްނުވެވި ހުރި ކަންތަކެއް އޮތީ ފެންމަތިވެފައެވެ. އޭގެތެރޭގައި ސައޫދީ އެރޭބިޔާއާއި ކުވޭތުން ގުޅިގެން ތަރައްގީކުރަން ރާވާފައި އޮތް ގޭސް ދަނޑު ހިމެނެއެވެ. ގާހިރާގައި ހުންނަ އީޖިޕްޝަން ސެންޓަރ ފޯރ ސްޓްރާޓީޖިކް ސްޓަޑީޒް ގެ އީރާނާބެހޭ ޕްރޮގްރާމުގެ އެންމެ އިސްވެރިޔާ ހުދާ ރައޫފް ވިދާޅުވެފައިވާ ގޮތުގައި ސައޫދީ އެރޭބިޔާއާއި އީރާނުން ދަތުރުކުރަމުންގެންދަނީ އިތުބާރު އުފެއްދުން ކަށަވަރު ކުރުމުގެ މިސްރާބަކަށެވެ. އެހެންނަމަވެސް އަދިވެސް އެއްބަސްވުމަކަށް ނާދެވިހުރި ބައެއް ކަންތައްތައް ހުރިކަމަށް ގަބޫލުކުރަންޖެހެއެވެ.                                                          
ޔަމަނުގެ ހަނގުރާމަ މެދުކަނޑާލައި ސުލްހައިގެ ވާހަތައް ކުރިއަށް ދަނިކޮށް ކުއްލިއަކަށް އިސްރާއީލާއި ހަމާސްގެ ހަނގުރާމަ ފެށި ރެޑް ސީން ދަތުރުކުރާ ވަކި ގައުމުތަކެއްގެ ބޯޓުފަހަރަށް ހޫތީން ހަމަލާދޭން ފެށުމުން މިހާރު އޮތީ ޔަމަނުގެ ސުލްހައިގެވާހަކަތައް ވަގުތީގޮތުން ހުއްޓިފައެވެ. މިކަމުގެ ސަބަބުން ސައޫދީ އެރޭބިޔާގެ އިގްތިސާދަށާއި ފަތުރުވެރިކަމަށް ނޭދެވޭ އަސަރުރަކެއް ކުރެއެވެ. އެހެންނަމަވެސް ހޫތީންގެ އެއްވެސް ހަމަލާއެއް ސައޫދީގެ އެއްވެސް ސަރަހައްދަކަށް އަދި ސައޫދީގެ ވަސީލަތަކަށްވެސް އަމާޒު ނުވާނެކަން އޮތީ ޔަގީންކޮށްދީފައެވެ.

މުހައްލިލުން ފާހަގަކޮށްފައިވާ ގޮތުގައި އިސްރާއީލާއި ހަމާސްގެ ހަނގުރާމައިގެތެރެއަށް ސީދާގޮތުން ނުވަނުމަށް ސައޫދީއާއި އީރާނުން ކުރަމުންގެންދާ މުވާސަލާތުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވަމުންދާކަން ވަނީ ފާހަގަ ކުރެވިފައެވެ.

ގާހިރާގައި ހުންނަ އީޖިޕްޝަން ސެންޓަރ ފޯރ ސްޓްރާޓީޖިކް ސްޓަޑީޒް ގެ އީރާނާބެހޭ ޕްރޮގްރާމުގެ ރަބްހާ ސައިފް އައްލާމް ވިދާޅުވެފައިވަނީ ސައޫދީ އެރޭބިޔާއާއި އީރާނުން މިއަދު  އެއްވިސްނުމެއްގައިނެތްނަމަ އިސްރާއީލާއި ހަމާސްގެ ހަނގުރާމަ މުޅި ސަރަހައްދަށް ފެތުރިގެން ދިއުން ހުއްޓުވުމަކީ ވަރަށް އުދަނގޫ ކަމަކަށް ވާނެއެވެ.

އަދިވެސް ސައޫދީ އެރޭބިޔާއާއި އީރާނުގެ ގުޅުން ރަނގަޅުވަމުންދާކަން ސާބިތުކޮށްދޭ އަނެއް ހަގީގަތަކީ ފާއިތުވެގެންދިޔަ ދިހަ އަހަރު ދުވަހު ސައޫދީ އެރޭބިޔާއާއި އެރެބްލީގުން ހުރިހާ ގުޅުމެއް ކަނޑާލާފައި ހުންނެވި ސީރިޔާގެ ރައީސް ބައްޝާރުލް އަސަދު ސައޫދީގައި ބޭއްވުނު އެރެބްލީގުގެ ވެރިންގެ ބައްދަލުވުމަށް ވަޑައިގެންނެވުމަށް ދައުވަތު އެރުވުމެވެ. ބައްޝާރުލް އަސަދަކީ އީރާނަށް ތާއީދުކުރައްވާ ބޭފުޅެކެވެ.

Loading

One Response

  1. އަވަށްޓެރިންނަކީ އެކަކު އަނެކަކަށް ސަލާމަތާއި ރައްކާތެރިކަމަކަށް ވާނެޖެހޭނެއެވެ. މިދުވަސްވަރު އީރާނާއި ސައޫދީގެ ގުޅުން ގޯސްވެއްޖެނަމަ ގެއްލުންތަކެއް މެދުވެރިވުމުގެ ފުރުސަތު ނެތެކޭ ނުބުނެވޭނެއެވެ. ހުޅަނގުން ބޭނުންވާނީ ވެސް އެގޮތެވެ. ބައެއް މީޑިޢާތަކުގައި އެކަމަށް މަސައްކަތް ކުރާތީވެސް ފެނެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް