މާފުށި ޖަލުގައި ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މޯބައިލް ފޯނުތަކެއް އަތުލައިގެންފިއެވެ.
ފުލުހުން މިއަދު ބުނީ މި މަހުގެ 6 ވަނަ ދުވަހު މާފުށި ޖަލުގައި ހިންގި އޮޕަރޭޝަނެއްގައި މޯބައިލް ފޯނުތަކަކާއި އެހެނިހެން ތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
އެގޮތުން މި އޮޕަރޭޝަނަކީ ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅި ބަލަމުންދާ، މަކަރާއި ހީލަތުން ފަސްލައްކަ ރުފިޔާ އަތުލާފައިވާ މައްސަލައަކާއި މަކަރާއި ހީލަތުގެ އިތުރު އެހެން މައްސަލައަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަނުގައި، މާފުށި ޖަލުގެ ބައެއް ގޮޅިތައް ބަލައިފާސްކޮށް 22 މޯބައިލް ފޯނު، 10 ޗާޖަރު، 10 ހެޑްސެޓް/އެއާޕޮޑް، ދެ ސިމްކާޑު އަދި މޯބައިލް ފޯނުގެ ބައިތަކެއްގެ އިތުރުން މައްސަލައާ ގުޅުންހުރި އިތުރު ހެކި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
މީގެ އިތުރުން ފުލުހުން ވިދާޅުވީ މި މައްސަލަ އިތުރަށް ތަހުޤީގު ކުރަމުން އަންނަ ކަމަށެވެ.