ދުނިޔޭގެ ހަތަރު ބިތުން ފެންނަމުންދާ މަންޒަރުތަކަށް ބަލާއިރު ބާރުހުރި މަގާމުތަކުގައި ތިބެން ބޭނުންވާ ގައުމުތަކުން އެކުވެރިކަމާއެކު އެއްބާރުލުން ދިނުމުގެ ބޭނުމުގައި ބައިވެރިންތަކެއް އިޚްތިޔާރުކޮށް އެއްވިސްނުމެއްގައި ހަރަކާތްތެރިވާން ފަށައެވެ. މާޒީގެ ސަފްހާތަކުގައި މީގެ އެތައް މިސާލެއް ލިޔެވިފައި އެބަހުއްޓެވެ.
އެކުވެރިކަމާއި އެއްބާރުލުންތަކުގައި ވަކި ހިސާބަކުން ރެނދުލައި އަދި ވަރަށްގިނަފަހަރު އެކުވެރިކަން ރޫޅިގެން ގޮސްފައިވެސް އެބަ ހުއްޓެވެ.
މިހާރު މުޅި ދުނިޔެއަށް އެންމެ ބޮޑަށް ނުފޫޒު ހިންގަނީ ބާރުގަދަ ނޭޓޯއިންނޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ގައުމުތައް އިސްތިއުމާރުކޮށްގެން އުޅުމުގެ ތެރޭގައި އެ ގައުމުތަކުގެ މުއްސަނދިކަން ފޭރިގަނެގެން ގެންގޮސްގެން ނަމަވެސް މިއަދު މުއްސަނދިކަމާއި ވަސީލަތްތައް އޮތީ ނޭޓޯ ގައެވެ.
ނޭޓޯ ޖަމާއަތުގެތެރޭގައިވެސް އެކި ދުވަސްވަރު ކުނި ޖެހިފައި އެބަ ހުއްޓެވެ. އަދި މަޑުމަޑުން ކުނިތައް މިހާރު ފުނިޖެހެމުންދާ މަންޒަރުވެސް ފެންނަން ފަށައިފިއެވެ. އެއީ އެކަންތައް ވާނެވެސް ގޮތެވެ. ބާރުހުރި ފަރާތްތަކުގެ މެދުގައިވެސް ތަފާތު ވިސްނުންތައް ހުންނާނެއެވެ. އަބަދަކު އެންމެ ބާރުގަދަ މީހާގެ އަމުރަށް ކިޔަމަންވުމަކަށް ވެސް ނުރުހެވޭނެއެވެ.
ނޭޓޯގެތެރޭގައި މަޑުމަޑުން ނަމަވެސް މި ވިސްނުން ޖާގަ ހޯދަމުން ގެންދާތަން އެބަ ފެނެއެވެ.
ޑޮނާލްޑް ޓްރަމްޕް އަލުން އެމެރިކާގެ ރިޔާސަތަށް އިންތިޚާބު ކުރެވިއްޖެނަމަ އެމެރިކާ ނޭޓޯއިން ވަކިވެދާނެ ކަމާއި އަދި ޔޫކްރެއިނަށް ދޭ އެހީ ކޮންގްރެސްއިން ހުއްޓުވާފާނެ ކަމުގެ ސިގްނަލްތައް ޔޫރަޕްގެ ވެރިންނަށް އިހްސާސްކުރެވެން ފަށައިފިއެވެ. މި ވިސްނުން ފުޅާވެގެންގޮސް އެމެރިކާއާއި ވަކިން ޔޫރަޕްގެ އަމިއްލަ ދިފާއީ ނިޒާމެއް އެކަށައެޅުމުގެ ޚިޔާލުތަކަށްވެސް ފުރުސަތު ލިބެން ފަށައިފިއެވެ. ބޭނުން ވެއްޖެނަމަ ލަކުޑިން ވަގުތީ ފާލަމެއް އަޅައިގެން ރަޝިޔާއާއެކު ކޮންމެވެސްވަރެއްގެ ގުޅުމެއް ގާއިމް ކުރަންޖެހިއްޖެނަމަ އެކަމަށްވެސް ތައްޔާރުވެގެން ތިބެއެވެ.
ކުރިމަގާ ދޭތެރޭ ވިސްނުން މިގޮތަށް ހުރިކަމުގައި ވިޔަސް ކުރިޔަށް ދާނެ އަމާން މަގެއް އަދި ފެންނާކަށް ނެތެވެ. ޔޫރަޕްގެ ސަލާމަތަށްޓަކައި އެމެރިކާ އިސްވެ އޮވެގެން ހަރަކާތްތެރިވަމުންގެންދާ ނޯތު އޭޓްލާންޓިކް ޓްރީޓީ އޯގަނައިޒާޝަނެއް ޔޫރަޕަށް މިވަގުތު ވަރަށް ބޭނުމެވެ.
ރަޝިޔާއިން 2014 ވަނައަހަރު ކްރީމިއާއަށް އަރައިގަތުމާ ގުޅިގެން އެމެރިކާއާއި ކެނެޑާވެސް ހިމަނައިގެން ނޭޓޯގެ މެމްބަރުންގެ ދިފާއަށް ކުރަންޖެހޭ ޚަރަދުތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި 2022 ގައި ރަޝިޔާއިން ޔޫކްރެއިނަށް އަރާގަތުމަށްފަހު އެ ހަރަދުތައް މިވަނީ އަދިވެސް މައްޗަށް ގޮސްފައެވެ. ހަމައެކަނި 3 ގައުމެއްގެ ޖީ. ޑީ. ޕީ. ގެ 2 ޕަރސެންޓް ދިފާއަށް ޚަރަދު ކުރިކަމުގައިވިޔަސް 18 ގައުމަކުން އެ އަދަދަށްވުރެން ގިނައިން މިއަހަރު މިއޮތީ ޚަރަދުކުރަން ޖެހިފައެވެ.
ނޭޓޯގެ 32 ގައުމުގެ ދިފާއީ ބަޖެޓަކީ އަހަރަކު 1.3 ޓްރިއަން ޑޮލަރެވެ. މިއީ އެމެރިކާއާއި ނުލައި ނޭޓޯގެ ގައުމުތަކުން އުފުއްލިދާނެ ބުރައެއް ނޫންކަން އެ ގައުމުތަކަށްވެސް އެނގެއެވެ. ނޭޓޯގެ ދިފާޢީ ބަޖެޓަށް އެމެރިކާއިން އެކަނި އަހަރަކު 680 ބިލިއަން އެމެރިކާ ޑޮލަރ ހިއްސާކުރެއެވެ. އެއީ މުޅި ބަޖެޓުގެ ދެބައިކުޅަ އެއްބަޔަށްވުރެން ގިނައިންނެވެ. އެހެންގައުމުތަކުގެ ހިއްސާއަކީ އަނެއް 620 މިލިއަން ޑޮލަރެވެ.
ހަގީގަތަށް ވާހަކަ ދައްކާނަމަ ނޭޓޯގެ ބަޖެޓަށް އެމެރިކާއިން ހިއްސާކުރާ ފައިސާގެ ބޮޑު ބަޔަކީ އެމެރިކާގެ އަމިއްލަ ފައިދާއަށްޓަކައި މެދު އިރުމައްޗާއި ދެކުނު އެމެރިކާއާއި އަދި އެޝިޔާގައި އެމެރިކާގެ ބާރާއި ނުފޫޒު ގަދަކުރުމަށް ކުރާ ޚަރަދުތަކަށް ހޭދަވެގެންދާ ފައިސާއެވެ. އެ ޚަރަދުތަކުން އާންމުގޮތެއްގައި ނޭޓޯއަށް ކުރާ މާ ބޮޑު ފައިދާއެއް ނެތެވެ.
ނޭޓޯ އަކީ ޖަމާއަތެއްގެ ގޮތުގައި ސިފަކުރާއިރު ދުނިޔޭގެ ކުރިމަތީގައި ޔޫރަޕްވެސް ޝާމިލުވެގެންދާނެއެވެ. އަދި ނޭޓޯ އަކީ އެގެ ޒާތުގައި އެއްގައުމަށް މެދުވެރިވާ ނުރައްކާތެރި ހާލަތުތަކުގައި އެހެންގައުމުތައް ގުޅިގެން އެހީތެރިކަން ފޯރިކޮށްދިނުން ލާޒިމް ކުރާ ޖަމާއަތެކެވެ. އެއީ މެމްބަރު ގައުމުތަކަށް ލިބިފައިއޮންނަ ވަރަށް ބޮޑު ޔަގީންކަމެކެވެ.
ޔޫރަޕިއަން ކައުންސިލްގެ ޚާރިޖީ ގުޅުންތަކާބެހޭ ބަރލިން އޮފީހުގެ އެންމެ އިސްވެރިޔާ ޖަނާ ޕަގްލީރިން ބުނެފައިވާގޮތުގައި މިހާރު ނޭޓޯގެ ކޮންމެ ގައުމަކުން ދިފާއަށް ހިއްސާކުރާ ޖީ. ޑީ. ޕީ. ގެ %2 ގެ ބޭނުންކޮށްގެން އެމެރިކާއާއި ވަކިން ޖަމާއަތެއް އުފެއްދުމަށްޓަކައި ފަނަރަ ވަރަކަށް އަހަރ ދުވަސް ހޭދަވެގެންދާނެއެވެ. އަދި އެމެރިކާއާއި ނުލައި އެފަދަ ޖަމާއަތެއް އުފައްދާނެ ގޮތެއް ތިމަން ކަމަނާއަކަށް ނުވިސްނޭކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
މިހާރު ފެންނަމުންދާ މަންޒަރުތަކަށް ބަލާއިރު އެފަދަ ޖަމާއަތެއް ވެގެންދާނީ އެއްބައިވަންތަކަމެއް ނެތް ޖަމާއަތަށެވެ. ހަގީގަތުގައި ނޭޓޯއަކީ އެއްބައިވަންތަ ޖަމާއަތެއްގެ ގޮތުގައި އޮތުމަށްޓަކައި އެމެރިކާގެ ދައުރު ވަރަށް ބޭނުމެވެ. މިހާރުވެސް ޔޫރަޕަށް ކަނޑައަޅާފައި ހުންނަ ނޭޓޯގެ ސުޕްރީމް އެލައިޑް ކޮމާންޑަރއަކީ އެމެރިކާ ސިފައިންގެ 4 ތަރީގެ ޖެނެރަލް އެކެވެ. އެކަމަށް މެމްބަރ އެއްވެސް ގައުމަކުން އިއުތިރާޒު ނުކުރާނެއެވެ.
ނޭޓޯގެ ވެބްސައިޓުގައި ހާމަކޮށްފައިވާގޮތުން ސުޕްރީމް އެލައިޑް ކޮމާންޑަރ ފޯރ ޔޫރަޕް އަކީ އެމެރިކާގެ 4 ތަރީގެ ޖެނެރަލް އެކެވެ. އަކީ މުޅި ނޭޓޯގެ އޮޕަރޭޝަންތަކާބެހޭ އެންމެ އިސް ކޮމާންޑަރެވެ.
އޭގެތެރޭގައި އެޖަމާއަތުގެ އެންމެހާ ކަންތައް ރާވައި ހިންގުމާއި ބޭނުންވާކަންތައްތައް ދެނެގަތުމާއި އެކިތަންތަނަށް ފޮނުވަން ބޭނުންވާ ސިފައިން ހަމަޖެއްސުމާއި ނޭޓޯގެ މެމްބަރު ގައުމުތަކާގުޅުންހުރި އެންމެހާ ކަންތައްތަކާއި ސިފައިންނަށް ބޭނުންވާ ތަމްރީނާއި އަދިވެސް ނޭޓޯ އަށް ބޭނުންވާ އެންމެހާކަންތައް ބެލެހެއްޓުމާއި ފަހުބަސްބުނުމުގެ ވެރިޔަކީ އޭނާއެވެ. އަދި ހަނގުރާމައެއްގެ ވަގުތުގައި ފޮނުވޭ ސިފައިންގެ ކޮމާންޑަރުންނަށް އަމުރުކުރުމާއި ސިފައިންގެ ހަރަކާތްތަކަށް މަގުދެއްކުމަކީވެސް އޭނާގެ މަސްއޫލިއްޔަތެކެވެ.
ނޭޓޯއާއި ވަކިން ޔޫރަޕުގެ އަމިއްލަ ދިފާއީ ނިޒާމެއް ގާއިމް ކޮށްފިނަމަ ކޮމާންޑަރަކަށް ވާނީ ކާކު ހެއްޔެވެ؟ ޔޫރަޕުފެ ކޮންމެ ގައުމެއްގައިވެސް އެމަގާމަށް ކުފޫ ހަމަވާ ކިތަންމެ ޖެނެރަލުންނެއް ތިބޭނެއެވެ. މިހާލަތުގައި ފަރަންސޭސި ވިލާތުން ޖަރުމަނުގެ ޖެނެރަލު އިޚްތިޔާރު ކުރަން ރުހުން ދޭނެ ހެއްޔެވެ. ނޫނީ ޕޯލެންޑުގެ ޖެނެރަލަކު އިޚްތިރުކުރަން ޖަރުމަނުން ރުހުން ދޭނެ ހެއްޔެވެ. ނޫނީ މިއީ ވަކި މުއްދަތަކަށް ފަހު ގައުމުތަކުގެ މެދުގައި ބަދަލުވެގެންދާ މަގާމަކަށް ވާނީ ހެއްޔެވެ ؟ މިއީ ޖަވާބު ހޯދަން ފަސޭހަ ސުވާލު ތަކަކަށް ނުވާނެއެވެ. އެ ވަރުގެ ބޮޑު އިއްތިހާދެއް ކޮންޓްރޯލްކުރަން ބާރުތަކެއް ބޭނުންވާނެއެވެ.
އެންމެ ފުރަތަމަ ޚަރަދުގެ ބޮޑު ހިއްސާއެއް ކޮނޑުގައި އަޅާނީ ކޮންގައުމަކުންތޯ ކުރެވޭ ސުވާލުގެ ޖަވާބުވެސް ފަސޭހައިން ނުލިބޭނެއެވެ. ގިނަ ފައިސާ ޚަރަދުކުރާ ގައުމަކުން ބޮޑަށް ބަސްކިޔަން ބޭނުންވާނެއެވެ. އަދި ބަސް ނުވިކޭނަމަ ދިރުނބާކޮޅަކަށް ނުވެސް އަރާނެއެވެ.
ިނޭޓޯގެ މިހާރުގެ ކޮމާންޑަރ 4 ތަރީގެ ޖެނެރަލް އެ މަގާމަށް އިޚްތިޔާރު ކުރެވިފައިވަނީ ދެވަނަ ބޮޑު ހަނގުރާމައިގާ އެނޫން އެހެންގޮތެއް ނެތިގެން ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ.
އޭގެފަހުން ހިނގާދިޔަ ފިނި ހަނގުރާމައިގެ ދުވަސްވަރު އެއީ ރަނގަޅު ނިންމުމެއްކަން އޮތީ ގަބޫލުކުރެވިފައެވެ.
ޒަމާންތައް ބަދަލުވަމުންދާއިރު އިންސާނުންގެ ވިސްނުމާ ފިކުރުވެސް ބަދަލުވެގެންދާނެއޭ ބުނާ ހަމައިގެ މަތިން ނޭޓޯގެ އެތެރޭގައިވެސް ދޭތެރެ ދޭތެރެއިން ދެބަސްވުން ދަނީ އުފެދެމުންނެވެ.
1960 ވަނައަހަރު ނިއު ޔޯރކަށް އިތުބާރު ކޮށްފައި ޕެރިސް އެމެރިކާގެ އަތްމައްޗަށް ދޫކޮށް ނުލާނެ ކަމަށް ވިދާޅުވެ އޭރުގެ ފަރަންސޭސިންގެ ރައީސް ޗާލްސް ޑި ގޯލް ނޭޓޯ އިން ވަކިވާން ނިންމެވިއެވެ. އަދި ނޭޓޯގެ ބަދަލުގައި ފަރަންސޭސި ވިލާތުގެ މިނިވަން ނިއުކްލިއަރ ބާރެއް އުފެއްދުމަށް އަމުރު ކުރެއްވިއެވެ. މިހާރުގެ ރައީސް މެކްރޯން ގެންގުޅުއްވަނީ އެމެރިކާގެ ނުފޫޒުން ނެއްޓިފައިވާ ޔޫރަޕުގެ މިނިވަން ދިފާއީ ނިޒާމެއް އުފެއްދުމުގެ ވިސްނުން ފުޅެވެ.
ރަޝިޔާގެ ބާރުގަދަ ވެރިކަން ވެއްޓުމާއި އަދި މިހާރު ރައީސް ޕޫޓިންގެ ވެރިކަމުގައި ޔޫކްރެއިނަށް އަރާގަތުމަށް ރިއާޔަތްކޮށް މަޝްހޫރު ތާރީޚު ލިއުން ތެރިޔާ ޓޮމޯޓީ ގާރޓްން އޭޝް ޔޫރަޕްގެ ޑިމޮކްރެސީގެ އާ ސަފްހާއެއް ހުޅުވުން މި މައުޟޫއުގެ ދަށުން ދަ ގާރޑިއަންގައި ލިއެފައިވަނީ އިރުމަތީ ފަރާތުން ޕޫޓިން
ހުޅަނގުފަރާތުން އެމެރިކާގެ އުނދަގުލާ ޔޫރަޕުން ކުރިމަތިލާން ޖެހިފައިވާއިރު ކައިރި މުސްތަގްބަލެއްގައި އެމެރިކާއިން އޭޝިއާ ޕެސިކްއާ ތޮޅެން ދޫކޮށްލާފައި ޔޫރަޕްގެ އަމިއްލަ ދިފާއީ ނިޒާމެއް ފެނިގެން ދިއުމަށް އުންމީދު ކުރަމުން ގެންދާ ކަމަށެވެ. އެހެންނަމަވެސް މި އުންމީދު ތައް ހަގީގަތަކަށް ވެދާނެކަމާ ދޭތެރޭވެސް ބޮޑެތި ޝައްކުތަކެއް ހިތުތެރޭގައި ހިނގަމުން ދެއެވެ. މީގެ އެންމެ ސާފު ހެއްކަކީ އެމެރިކާގެ ބައިވެރިވުމާ ނުލައި ޔޫކްރެއިނަށް އެޙީ ފޯރުކޮށްދިނުމުގައި ޔޫރަޕް އޮތީ ވާގިނެތިފައެވެ.
މިހާތަނަށް ފެންނަށް އޮތް ހަގީގަތަކީ ޔޫކްރެއިންގެ ސިފައިންނަށް ބޭނުންވާ ތަމްރީނު ދިނުމާއި އިންޓެލިޖެންސް މައުލޫމާތު ފޯރުކޮށް ދިނުންފަދަ ކަންތައްވެސް އެމެރިކާ ނުލައި ޔޫރަޕްގެ ގައުމުތަކުން ނުކުރެވޭނެކަން ސާބިތުވަމުން ދިއުމެވެ. އެމެރިކާ ނުހިމެނޭ ނޭޓޯ އެއްގައި ޔޫރަޕްގެ ގައުމުތަކުން އެއްވެސް މައިދާނެއްގައި ފައިތިލަ ސާބިތު ނުކުރެވޭނެއެވެ. ފެންނަން އޮތް ހަގީގަތަކީ މިއީއެވެ.
އެކަމަކު ޔޫރަޕްގެ ދިފާއީ ނިޒާމެއް ވުޖޫދު ކުރުމުގައި ޔޫރަޕް އެކަތި ގަނޑަކަށް ވެއްޖެނަމަ ރަނގަޅު ނަތީޖާއެއް ނުނެރެވޭނެކަމަށް ދެކިގެންވެސް ނުވާނެއެވެ. ބޭނުންވަނީ ފުރިހަމަ އެއްބައިވަންތަ ކަމަކާއެކު ވަރުގަދަ އަޒުމެކެވެ.