މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މުހްޔުއްދީން ޔާސީންގެ މައްޗަށް އުފުލާފައިވާ ބާރާއި ނުފޫޒުގެ ނާޖާއިޒު މަންފާ ނެގުމުގެ ހަތަރު މައްސަލައެއް އޭނާގެ މައްޗަށް ސާބިތުނުވާކަމަށް ނިންމި ނިންމުން މެލޭޝިއާގެ ކޯޓް އޮފް އެޕީލްއިން ބާތިލުކޮށްފިއެވެ.
ދަ ސްޓާރ ގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އިސްތިއުނާފީ ކޯޓުގެ ތިން މެންބަރުންގެ ޕެނަލަކުން ބެލި މިމައްސަލާގައި، މުހްޔުއްދީންގެ މައްޗަށް އުފުލި ދައުވާތަކަކީ އެއްވެސް ސާބިތުނުކުރެވޭ ދައުވާތަކެއްކަމަށް ބުނެ ނިމި ދިޔަ އަހަރުގެ ތެރޭގައި މެލޭޝިއާގެ ހައިކޯޓުން ނެރުނު އަމުރަކީ ބާތިލް އަމުރެއްކަމަށް ވަނީ ނިންމާފައެވެ.
މުހްޔުއްދީންގެ މައްޗަށް އުފުލާފައިވަނީ މަގާމުގެ ބާރާއި ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދުމުގެ ހަތަރު ދައުވާއަކާއި، މަނީ ލޯންޑަރިންގެ ތިން ދައުވާއެކެވެ. މުހްޔުއްދީންގެ މައްޗަށް މާޗް 2023 ގައި އުފުލި މި ދައުވާތަކާއެކު އޭނާ ވެގެން ގޮސްފައިވަނީ ކޮރަޕްޝަނުގެ މިފަދަ މައްސަލައެއް އުފުލުނު މެލޭޝިއާގެ ދެވަނަ ބޮޑުވަޒީރަށެވެ. ކޮރަޕްޝަނުގެ ދައުވާއެއް އަލަށް ކޮށްފައިވަނީ މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާކްގެ މައްޗަށެވެ.
މިގޮތުން، ޕްރޮސެކިއުޓަރުންނާއި ހަވާލާދީ އެނގޭ ގޮތުގައި މުހްޔިއްދީން ބޮޑުވަޒީރުކަމުގައި ހުރިއިރު،، ތިން ކުންފުންޏަކާއި އަމިއްލަ ފަރާތަކުން މުހްޔިއްދީންގެ ޕާޓީގެ އެކައުންޓަށް 232.5 މިލިއަން މެލޭޝިއަން ރިންގިޓް (48.8 މިލިއަން އެމެރިކާ ޑޮލަރު) ޖަމާކޮށްފައި ވެއެވެ.
މުހްޔިއްދީން އަކީ މެލޭޝިއާގެ ސިޔާސީ އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕެރިކަޓަން ނެޝަނަލް ހިންގުމާއި ހަވާލުވެ ހުންނަ ފަރާތެވެ. އެންމެ ފަހުން އެ ގައުމުގައި ބޭއްވި ދެ އިންތިހާބުގައިވެސް އެ ޕާޓީއިން ފާހަގަކޮށއލެވޭ ނިސްބަތަކަށް ވޯޓު ހޯދާފައިވާއިރު، އޭނާ ގިނަ ވޯޓު ކަށަވަރުކޮށއފައިވަނީ ނަސްލީ ސިޔާސީ އުކުޅުތައް ބޭނުންކޮށްގެންނެވެ. އަދި ގައުމުގެ އަމަން އަމާންކަން ނަގާލައި ހަލަބޮލި ނުކުރުމަށް ގޮވާލެއްވި އެގައުމުގެ ރަސްގެފާނު މިކަމާއި ހިތްޕުޅާއިނުވެ ނުރުހުން ވެސް ފާޅުކުރައްވާފައިވެއެވެ.