ކޮންމެ ހަނގުރާމައަކާއި ދެކޮޅުވެރިކަމެއްގައި ވެސް އަނެކުންނަށް އެނގެން ބޭނުންނުވާ ހަގީގަތްތަކެއް ފޮރުވާފައިވާ އޮންނާނެކަމަށް ކަމުގެ މާހިރުން ވަނީ ވިދާޅުވެފައެވެ.
އަޅުގަނޑުމެންގެ ކިއުންތެރިންނަށް މި ގެނެސްދެނީ ހޫތީ މުޖާހިދުން އެމެރިކާގެ ބިޔަ ކޯލިޝަނާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމައިގާ އެ މުޖާހިދުން ހާމަކުރަން ބޭނުންނުވާ ކަންތައްތަކާ ބެހޭގޮތުން ތަޖުިރިބާކާރުން ބުނެފައިވާ ބައެއް ވާހަކަތަކުގެ ޚުލާސާއެކެވެ.
ޔަމަނުގެ ސަރަހައްދުތެރެއިން ލައިފައި ދަތުރު ކުރަމުން ގެންދާ ވަކި ގައުމުތަކެއްގެ ބޯޓުފަހަރަށް އަމާޒުކޮށް ހޫތީ މުޖާހިދުން މިސައިލާއި ޑްރޯނުން ހަމަލާދެމުންގެންދާތާ ތިން ހަތަރު މަސް ފާއިތުވެގެން ދަނީއެވެ. މި ހަމަލާތައް ކޮމާރޝަލް ދަތުރުކުރާ ބައެއް ބޯޓުފަހަރަށް އަމާޒުވެ އޭގެ ތެރެއިން ބައެއް ބޯޓުފަހަރަށް ބޮޑެތި ގެއްލުންތައް ލިބިފައިވާއިރު އެމެރިކާ ކަނޑު ސިފައިންނާއި ކޯލިޝަންގެ ބައިވެރިންގެ ސިފައިން އުޅަނދުފަހަރަށް މިހާތަނަށް އެއްވެސް ހަމަލާއެއް އަމާޒުވެފައެއް ނެތެވެ. އެހެންނަމަވެސް އެ އުޅަނދުފަހަރާއި އަތްފޯރާފަށަށް ކިތަންމެފަހަރަކު ހަމަލާތައް ވަނީ ކައިރިވެފައެވެ. އަދި އެ ހަމަލާތަކަކީ އެމެރިކާއާއި ކޯލިޝަންގެ އުޅަނދުފަހަރަށް މެދުވެރިވެފައިވާ ވަރަށްބޮޑު ނުރައްކަލެއް ކަމުގައި ވަނީ ސިފަކޮށްދީފައެވެ.
ތަޖުރިބާކާރުންގެ ނަޒަރުގައި މި ހަމަލާތައް ދިނުމުގައި މުޖާހިދުން ގެންދަނީ ބައިވަރު މައުލޫމާތާއި ހަނގުރާމައިގެ އުކުޅުތައް އުނގެނެމުންނެވެ. މިއީ އެ ޖަމާއަތަށާއި އަދި އެ ޖަމާއަތުގެ ހުރިހާ ކަމެއް ތަރުތީބުކޮށް ރާވައި ހިންގުމުގެ މޭސްތިރިން ކަމަށްބެލެވޭ އީރާނަށްވެސް ވަރަށް ގިނަ ތަޖްރިބާތަކެއް ހާސިލުކުރެވޭނެކަމެކެވެ. މި ހަނގުރާމައިގައި ހާމަކުރަން ބޭނުން ނުވާނެ އެންމެ މުހިންމު ތަޖުރިބާތަކަކީ އެއީއެވެ. މެދުއިރުމަތީގެ ހަނގުރާމައިގެ ހާލަތު ދިރާސާ ކުރަމުންގެންދާ ފަރާތްތަކުން ދެކޭގޮތުގައި ހޫތީ މުޖާހިދުންގެ ހުރިހާ ހަރަކާތެއް ތަދުބީރުކޮށް އަދި ރާވައި ހިންގަމުންގެންދަނީ އީރާނުންނެވެ. އެ ޖަމާއަތަށް ސިއްރު މައުލޫމާތު ފޯރުކޮށްދެނީ އީރާނުންނެވެ. އެ މައުލޫމާތުތަކާއި އަދި އޭގެސަބަބުން ހަނގުރާމައިގެ ހާލަތަށް އަންނަމުންދާ ބަދަލުތަކަކީ އީރާނަށް ވަރަށް ބޭނުންތެރި މައުލޫމާތު ތަކަކަށް ވާނެއެވެ.
ހަނގުރާމައިގެ ހުނަރުތަކަށް ފަރިތަ މުހައްލިލުންތަކެއް މިދިޔަ ބުރާސްފަތިދުވަހު ހާމަކޮށަފައިވާ ދިރާސާއެއްގައި މިހާރު ހޫތީ މުޖާހިދުންނާއި އެމެރިކާގެ ކޯލިޝަނުން ބަދަލުކުރަމުންގެންދާ ހަމަލާތަކުގެ ސަބަބުން އެމެރިކާގެ ދިފާއީ ނިޒާމު މަސައްކަތް ކުރާގޮތުގެ ވަރަށް ފުރިހަމަ މައުލޫމާތުތަކެއް ހޫތީ މުޖާހިދުންނަށާއި އީރާނަށް ލިބިގެންދާނެއެވެ. އަދި އޭގެމައްޗަށް ބިނާކޮށް މުސްތަގުބަލްގައި ހަމަލާ ދިނުމުގެ އުކުޅުތައް ރޭވުމުގައި ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.
ހޫތީ މުޖާހިދުންގެ ހަތިޔާރު ގުދަންތަކުގައި އަދަދު ނުކުރެވޭހާ ގިނަ ވަން-ވޭ އެޓެކް ޑްރޯނާއި އެންޓި-ޝިޕް ކްރޫޒް މިސައިލާއި އަދި މިހާތަނަށް އެއްވެސް ވަރަކަށް ބޭނުންނުކުރާ އެންޓި-ޝިޕް ބެލެސްޓިކް މިސައިލް އާއި އަދި މިހާރު މުޅިން އަލަށް ތަޢާރަފުކޮށްފައިވާ ސަރފޭސް އެންޑް އަންޑަރ-ވޯޓަރ ޑްރޯން ހުރިކަމަށް އެ ޖަމާއަތުން ހާމަކޮށްފައިވެއެވެ.
އިންޓަރނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޓްރާޓީޖިކް ސްޓަޑީޒް އިން މިދިޔަ ޖެނުއަރީ މަހު ނެރެފައިވާ ރިޕޯރޓެއްގައި އޭގެތެރެއިން ބައެއް ހަތިޔާރަކީ އީރާނުގެ އުފެއްދުމެއް ކަމަށާއި އެހެން ބައެއް ހަތިޔާރުގެ ބައެއް ބައިތައް އެއީ އީރާނުގައި އުފައްދާފައިވާ ތަކެތިކަމަށް ބުނެފައިވެއެވެ.
އެމެރިކާގެ ހަމަލާތަކުގައި ހޫތީންގެ ޑްރޯންތަކާއި މިސައިލްތައް ނައްތާލަމުން ގެންދާނަމަވެސް އެ ޖަމާއަތަށް އެ ހަތިޔާރުތައް އަލުން ލިބެމުންދާ މަގުތައް ބަންދުކުރެވިފައެއް ނުވެއެވެ.
ފަހަކަށް އައިސް ކުދިކުދި އުޅަނދުފަހަރުގައި އީރާނުން ހޫތީންނަށްބޭނުންވާ ހަތިޔާރު ފޯރުކޮންދޭން ދަތުރުކުރަނިކޮށް އޭގެ ބައެއް އުޅަނދުފަހަރު އެމެރިކާ ކަނޑުގެ ސިފައިން ވަނީ އަތުލައިގެންފައެވެ.
ވައިޓް ހައުސްގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާނު ޖޯން ކާރބީ މިދިޔަ ހުކުރު ދުވަހު ނޫސްވެރިންގާތު ބުނެފައިވަނީ އެމެރިކާއިން ފާރަލަމުން ގެންދާއިރުވެސް އީރާނުން ހޫތީންނަށް ބޭނުންވާ ހަތިޔާރު މިހާރުވެސް ފޮނުވަމުންގެންދާ ކަމަށެވެ. އަހަރެމެން މިއުޅެނީ އެ މަގު ބަންދުނުކުރެވިގެންނެވެ.
އެމެރިކާގެ ކޯލިޝަންގެ ހަމަލާތަކުގައި ހޫތީންނަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ. އެހެންނަމަވެސް އެ ޖަމާއަތުގެ ސަބަބުން ކޮމާޝަލް ބޯޓުފަހަރަށް އަމާޒުވަމުންދާ ހަމަލާތަކާއި ބިރުވެރިކަން އަދިވެސް ކުޑައެއް ނުކުރެވެއެވެ. މިދިޔަ ހަފްތާގައިވެސް ބަލްކް ކެރިއަރަކަށް ދިން ހަމަލާގައި އެބޯޓު ވަނީ ބޭނުންނުކުރެވޭވަރަށް ހަލާކުވެފައެވެ.
ޖޯން ކާރބީގެ ވާހަކައިގައި އިތުރަށް ބުނެފައިވަނީ ހޫތީންގެ ހަމަލާތައް ހުއްޓުވިދާނެ ދުވަހެއް ނޭނގޭ ކަމަށާއި އޭގެ ސަބަބުން އެމެރިކާގެ ނޭވީން އެސަރަހައްދުގައި ތިބެންޖެހިދާނެ މުއްދަތެއްވެސް ބުނަން ނޭނގޭ ކަމަށެވެ. މިހާތަނަށް އަހަރެމެންނަށް ލިބުނު ކާމިޔާބީއަކީ ހޫތީ ޖަމާއަތް ބަލިކަށިކޮށްލެވުމާއި އެ ޖަމާއަތުން ދެމުންގެންދާ ހަމަލާތަކުގެ ބާރު ކަނޑައިލުމެވެ.
One Response
ބަލިކަށި ކޮށްލެވިއްޖެތާ. ދެމުން އަންނަ ހަމަލާތައ ގިނަވެފާއި ލިބޭ ގެއްލުންތައް ގިނަވީމާ ދެން ތިޔަހެން ކިޔާލަ ކިޔާލަ ތިބޭ.