މީގެ ދެހަފްތާކުރިން ނޫސްވެރިންނަށް ރައީސް ޖޯ ބައިޑަން ދެއްވި ބަސްދީގަތުމެއްގައި މަނިކުފާނަށް ގައުމުތަކުގެ ވެރިންނާއި އިސްބޭފުޅުންގެ ނަންތައް ހަނދުމަފުޅު ނުހުންނަނީ ކީއްވެގެންތޯ ސުވާލު ދެންނެވުމުން ޖަވާބުގައި ވިދާޅުވިކަމަށްވަނީ އަހަރެންގެ ހަނދާނުގައި އެއްވެސް މައްސަލައެއް ނެތް ކަމަށާއި އަދި އެގޮތަށް ނަންތައްވެސް ހަނދާން ނެތިވަޑައިނުގަންނަވާކަމަށެވެ.
ރައީސް ޖޯ ބައިޑްން އެހެން ވިދާޅުވި ނަމަވެސް ގައުމުތަކުގެ ވެރިންނާއި އިސްބޭފުޅުންގެ ނަންފުޅުތައް އެމަނިކުފާނަށް އޮޅިގެން ވިދާޅުވުން މިހާރު އޮތީ އަޑުއިވޭމީހުންވެސް ލަދުގަންނަ ހިސާބަށް ގޮސްފައެވެ.
މި ސިލްސިލާގައި ރައީސް ބައިޑަން ކުރައްވާފައިހުރި ބައެއް ހެއްވާކަންތަކުގެ ވާހަކަ މީޑިއާތަކުގައި މިހާރު އޮތީ ކޮމެޑީއަކަށް ވެފައެވެ.
މިދިޔަ ބުރާސްފަތި ދުވަހު ރައީސް ޕޫޓިންގެ ދުޝްމިނެއްކަމުގައި މީޑިއާތަކުން ސިފަ ކޮށްފައިވާ އެލެކްސީ ނަވަލްނީގެ ހުވަފަތް އަނބި ކަނބަލުންނާއި ރައީސް ބައިޑްން ބައްދަލު ކުރެއްވިއެވެ. އެ ބައްދަލުކުރެއްވުމަށް އިޝާރާތް ކުރައްވައި ރައީސް ބައިޑްން ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ވިދާޅުވީ ޔޮލަންޑާ އާއި ބައްދަލުކުރެއްވުމަށް ލިބިވަޑައިގެންނެވި ފުރުސަތަކީ ފަޚްރެއް ކަމަށެވެ.
ޔޮލަންޑާއެއްގެ ނަން ލިބިވަޑައިގެންނެވީ ކޮންތަނަކުންކަމެއް އެނގޭ މީހަކު ނެތެވެ. އެމެރިކާގައި އެންމެން ދަންނަ ޔޮލަންޑައަކީ ރިއަލިޓީ ޓީ ވީ ޝޯތަކުގެ މަޝްހޫރު ބަތަލާ ޔޮލެންޑާ ހަދީދް އެވެ. ޔޮލެންޑާ ހަދީދުގެ ޝޯތައް ރައީސް ބައިޑްން އާންމުކޮށް ބައްލަވާކަންވެސް އެނގޭ ނޫސްވެރިޔަކު ހުރިކަމަކަށް ނުވެއެވެ.
ރައީސް ބައިޑްން އެލެކްސީ ނަވަލްނީގެ ހުވަފަތް އަނބިކަނބަލުންނާ ބައްދަލުކުރައްވަން ނިކުމެވަޑައިގެން އަޑުގެ ކޮޅަށް ގޮވާލެއްވިކަމަށްވަނީ “ ހަލޯ ޔޮލެންޑާ… ކަލޭގެ ޝޯތައް ވަރަށް ހިތްގައިމެވެ. ބަރވެލީ ހިލްގައި މިހާރު ކަންތައް ދަނީ ކިހެނެއް ހެއްޔެވެ؟ ލިބުނު ހައިރާންކަމުގައި މިއާދެވުނީ އެޕޮއިންޓްމެންޓުގެ ގަޑިއަށް ބާވައޭ ހީކުރައްވައި އެކަމަނާ ހުއްޓިވަޑައިގަތް ކަމަށްވެއެވެ. އަދި ހާޒިރުވެ ތިބި ނޫސްވެރިންވެސް ތިބީ މިވަނީ ކީއްކަން ނޭނގި ހައިރާން ކަމެއްގެ ތެރޭގައެވެ.
އެއްވެސް ފަހަރަކު ޕެރިސްހިލްޓަނަށް ޖައްސާލީމު ހެއްޔެވެ “ ! ރައީސް ބައިޑްން ދެން ވިދާޅުވިއެވެ.
ރައީސް ބައިޑްންއަށް މި ބައްދަލުކުރެވޭނީ ކޮންބޭފުޅަކާ ކަން ކުރިންވެސް އެނގިވަޑައިގަންނަވާނެއެވެ. އެކަން އޮތީ ފިސާރި ރަނގަޅަށް ދަންނަވާފައިވެސް މެއެވެ. އެންމެ ދެތިން މިނިޓް އިރުތެރޭގައި މީހާއާއި އޭނާގެ ނަންވެސް އެފުށް މިފުށަށް ޖަހާލީއެވެ. އެކަމަކުވެސް ހަނދާނުގެ މައްސަލައެއްނެތެވެ.
މިއީ ފާއިތުވެގެން މިދާ މަސްދުވަހުގެ ތެރޭގައި ތިންވަނަފަހަރަށް ރައީސް ބައިޑްންގެ ހަނދުމަފުޅު މީޒާނުން ކައްސާލުމެވެ.
ފަރަންސޭސި ވިލާތުގެ ރައީސް މެކްރޯނާ ބައްދަލުކުރައްވާފައި ނޫސްވެރިންގެ ކުރިމަތީގައި މުޚާތަބު ކުރެއްވީ “ ހަލޯ މިތުރާން ފްރޮމް ޖަރމަނީ “ މިހެންނެވެ. ރައީސް މިތުރާން ރައީސްކަމުން ވަކިވެ ވަޑައިގަތީ 1995 ގައެވެ. ޖެހިގެން އައި އަހަރު އަވަހާރަ ވެއްޖެއެވެ.
އޭގެފަހުން ޖަރުމަނަށް ވަޑައިގެން ޗާންސެލަރ އަންޖެލާ މާރކެލް އާއި ބައްދަލު ކުރައްވާފައި ވިދާޅުވީ “ ހަލޯ ހެލްމަޓް ކޯލް “ މިހެންނެވެ. ހެލްމަޓް ކޯލް ޗާންސެލަރ ކަމުންވަކިވެ ވަޑާއިގެންފައިވަނީ 1998 ވަނައަހަރުގައެވެ. އަދި 2017 ގައި ވަނީ އަވަހާރަ ވެފައެވެ.
އޭގެ ފަހުން އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުނަކް އާއި ބައްދަލުކުރައްވާފައި މުޚާތަބު ކުރެއްވީ “ ހަލޯ ސަރ ތިޔައީ ރައީސް ބައިޑްން ހެއްޔެވެ ؟ ބޮޑުވަޒީރު ސުނަކް މާފްކުރައްވާށޭ ނޫނެކޭ ދެންނެވުމުން ދެންވިދާޅުވީ އޯ ! ޔާ ތިޔައީ ތެޗަރ..ނޯ ނޯ.. ޗާރޗިލް ދޯއެވެ. މިއީ ލަންޑަނަށް ވަޑައިގަތުމުގެ ކުރިން ހުރިހާ އެއްޗެއް ތަފްސީލުކޮށް ލިއުމުން ރައީސް އަތްޕުޅަށް އެރުވީމާ ނިކުތް ނަތީޖާއެވެ.
ހަމަކަށަވަރުންވެސް ރައީސް ޖޯ ބައިޑްންގެ އެއިޑުންވެސް މިހާރު ތިއްބަވާނީ ރިޔާސީ ބަހުސަށް ނިކުމެވަޑައިގެން މި ބޭފުޅާ ކިޔާނެ އެއްޗަކާ ދޭތެރޭ ކަންބޮޑުވެފައެވެ.
މިގޮތަށް ދާނަމަ އިންތިޚާބުގައި ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް ވާދަކުރުމުގެ ފުރުސަތު ލިބިވަޑައިގެންފިނަމަ ރައީސް ޖޯ ބައިޑްން އަކީ މުގުރާފައިހުރި ގެރިމަސްގަނޑަކަށް ހަދާފައި ފުނޑާލާނެއެވެ.
One Response
ރައީސް ޖޯ ބައިޑަން އަކީ ވަރަށް ބޯ ރަނގަޅު ބޭފުޅެއް. އެއޮއް ބާރުގަދަ އެމެރިކާގެ ރައީސްކަން އެ ކުރަނީ ތަންދޮރުނޭގޭ މީހެއްކަމަށް ދައްކައިގެން.