އަންނަ މާރިޗު 17 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ ފޮށީގެ މައުލޫމާތު ހިމެނޭ ރަޖިސްޓަރީ އާންމުކޮށް، ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ ފުރުސަތު ހުޅުވާލައިފައިވަނީ މާދަމާގެ މެންދުރުފަހު 03:00 ގެ ނިޔަލަށް ކަމަށެވެ.
ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ ފޮށީގެ މައުލޫމާތު ހިމެނޭ ރަޖިސްޓަރީ އީސީގެ ވެބްސައިޓުގައި އާންމުކޮށް ފެންނަން ހުންނާނެއެވެ. އަދި (VR space IDNO Send to 1414) އެސްއެމްއެސް ކޮށްގެން ޗެކްކުރެވޭނެއެވެ.
އީސީއިން ބުނީ މި ރަޖިސްޓަރީއަށް އެއްވެސް ފަރާތަކުން ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ ޝަކުވާ ހުށަހަޅާނީ ”ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއާ ބެހޭ ޝަކުވާ ހުށަހަޅާ ފޯމު“ އިން ކަމަށެވެ.
ޝަކުވާ ހުށަހަޅާ ފޯމު ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެއެވެ.
ޝަކުވާ ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ މާލެ ފިޔަވައި މީހުން ދިރިއުޅޭ ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ އަދި ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާއިން އަދި ކޮމިޝަނުގެ އީމެއިލް އެޑްރެސް ކަމަށްވާ، [email protected] އަށް ފޮނުވައިގެން ކަމަށް އީސީއިން ބުންޏެވެ.
އަދި މާލޭގައިނަމަ، އިންތިޚާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) އިންނެވެ.
މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވަނީ 368 ކެންޑިޑޭޓުންނެވެ. އެއީ 42 އަންހެން ކެންޑިޑޭޓުންނާއި 326 ފިރިހެން ކެންޑިޑޭޓުންނެވެ.