އަސްކަރީ ބާރު ވަރުގަދަކުރުމަށްޓަކައި އިރާނާއި، ރަޝިއާ އަދި ޗައިނާ ގުޅެނީ

Loading

Facebook
Twitter
WhatsApp

އަސްކަރީ ބާރު ވަރުގަދަކުރުމަށްޓަކައި އިރާނާއި، ރަޝިއާއާއި، ޗައިނާއިން ގުޅިގެން ޕާޝިއަން ގަލްފުގައި ހާއްސަ ޑްރިލްތަކެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ. 

ކަމާއިބެހޭ މާހިރުން ބުނާ ގޮތުގައި މިއީ މިހާތަނަށް އުފެދޭ ދުނިޔޭގެ އެންމެ ބާރުގަދަ އެއް އަސްކަރީ ގުޅުމެވެ. 

ތިންގައުމުގެ ނިންމުން އާންމުކުރުމާއެކު، އަސްކަރީ ކަންކަން ބަލައި ދިރާސާކުރާ ފަރާތްތަކުން ބުނެފައިވަނީ މިއީ އެންޓި-ނޭޓޯ ކޯލިޝަނެއް މަޑުމަޑުން އުފެދެމުންދާކަމުގެ އަލާމާތެއް ކަމަށާއި، މި ލިސްޓަށް އުތުރު ކޮރެއާ އިތުރުކޮށްލައިފިނަމަ ހަތިޔާރުގެ ގޮތުންނާއި، ޓެކްނޮލޮޖީގެ ގޮތުންނާއި، އަސްކަރީ ތަޖުރިބާގެ ގޮތުން ދުނިޔޭގައި އެންމެ ވަރުގަދަ ބައިގަނޑަށް އެ ހަތަރު ގައުމު ވެގެންދާނެކަމަށެވެ. 

ޗައިނާއާއި ރަޝިއާއިން ގުޅިގެން އަސްކަރީ ޓެކްނޮލޮޖީ އުފައްދައި އީޖާދުކުރުމަށްޓަކައި ސައިންޓިފިކް ސެންޓަރެއް ހުޅުވުމަށް އެއްބަސްވެފައިވާއިރު، ރަޝިއާއިން އިރާނަށް އެޑްވާންސްޑް ފައިޓަރ އެއަރކްރާފްޓް ”ސުކްހޮއި-35“ ފޮނުވުމަށް ތައްޔާރުވެފައިވާކަން ވަނީ ހާމަކޮށްފައެވެ. މިގޮތުން، އުތުރު ކޮރެއާއިންވެސް ވަނީ އެގައުމުން ޖައްވަށް ފޮނުވާ އެންމެ ފުރަތމަ ޖާސޫސީ ސެޓެލައިޓް ދުނިޔޭގެ އޯބިޓަށް ފޮނުވާލާފައެވެ. 

އެމެރިކާއާއި އިޒްރޭލުން ގުޅިގެން އިރާނު ހަލަބޮލިކުރުމަށްޓަކައި ކުރާ މަސައްކަތް ފާހަގަކޮށް އިރާނުގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާގޮތުގައި، އެމެރިކާގެ އެއްބާރުލުމާއެކު އިޒްރޭލުން ޣައްޒާގައި ހިންގާ ގަތުލުއާންމާއި ހަނގުރާމައާއި އެކު، ސީރިއާއާއި އިރާޤުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކަށް ސަރަހައްދީ މުޖާހިދުންގެ ޖަމިއްޔާތަކުން ހަމަލާތައް ދެމުންގެންދާ ކަމަށެވެ. މިގޮތުން، މީގެ މަސްތަކެއް ކުރިން މުޖާހިދީންގެ ޖަމާއަތްތަކުން އެމެރިކާގެ ސިފައިންނާއި ދެކޮޅަށް އޮޕަރޭޝަނެއް ރާވައި ހިންގާ، ސީރިއާއިން ގެއްލިފައިވާ ބިމުގެ ބައެއް ސަރަހައްދުތަށް އަނބުރާ ހޯދާ، ފަތަހަވެސް ކޮށްފައިވެއެވެ. 

ފާހަގަކުރެވޭގޮތުގައި، ޗައިނާގެ އިންވެސްޓްމަންޓްތަކުން މަންފާ ހޯދައިގެން ތިބެ، އިޒްރޭލާއި އެމެރިކާއާއި ގާތްކަން ބޭއްވުމަކީ އެންމެ ރައްކާތެރި މަގުކަމަށް އަރަބި ދުނިޔޭގެ ގައުމުތަކުން ގަބޫލުކުރާކަން ޗައިނާއާއި ރަޝިއާއަށް އެނގެއެވެ. ހުރިހާ ގޮތަކުން އެމެރިކާއާއި ދެކޮޅަށް އޮންނަ ހަމައެކަނި ގައުމަކީ އިރާނެވެ. ވީމާ، އެތައް ޒަމާނެއް ވާންދެން ޗައިނާއާއި ރަޝިއާއިން އިރާނާއެކު ގުޅުން ބަދަހިކުރުމުން ހައިރާނެއް ނުވެއެވެ. އެމެރިކާއާއި ދެކޮޅަށް ޖެހިލުމެއް ނެތި މަސައްކަތްކުރާނެ ހަމައެކަނި ގައުމަކީ އިރާނުކަން އެދެގައުމަށްވެސް އެނގެއެވެ. 

ސީރިއާގައި އައިސިސްގެ ނިރުބަވެރި ޖަމިއްޔާ ނައްތާލުމަށްޓަކައި، ރަޝިއާއާއި އިރާނުން އަތާއި އަތްގުޅައިގެން މަސައްކަތްކޮށް، ކާމިޔާބު ހޯދާފައިވެއެވެ. އަދި ޗައިނާއިން މިދެގައުމާއި ބައިވެރިވެފައި އެވަނީ އެމެރިކާގެ އަސްކަރިއްޔާއާއި ސިޔާސީ ވެރީން އޭޝިއާ ބައްރަށް އަމާޒު ހިފާފައިވުމާއެކު، ސަރަހައްދީ ހަމަޖެހުން ނައްތާލައި ހަލަބޮލިކުރުމަށް މަސައްކަތްކުރަމުން ގެންދާތީ އެކަން ހުއްޓުވުމަށްޓަކައެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް