ހޫތީން އަމާން ނުދޭނެކަމަށް ކިތައްފަހަރު އިންޒާރު ދިނީމު ހެއްޔެވެ؟

Loading

Facebook
Twitter
WhatsApp

ސުރުޚީގައި އެވަނީ ޔަމަނުން އެމެރިކާއަށް މީގެ ކުރިން ކަނޑައަޅުއްވާފައިވާ ސަފީރު އަދި މިހާރުގެ ޚާރިޖީ ވަޒީރު އަހްމަދު އަވާދު ބިން މުބާރަކު ޕޮލިޓިކޯ ދެއްވި ބަސްދީ ގަތުމެއްގައި ކޯފާ އިސްކުރައްވައި އެމެރިކާއާއި ޔޫރަޕިއަން ޔޫނިއަނަށް އަމާޒުކޮށް ވިދާޅުވެފައިވާ ބަސްފުޅެކެވެ.

މިހާރުވެސް ޔަމަނުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުންގެންދާ ހޫތީންގެ ޖެހިލުންކުޑަ ހުނަރުތަކާ ދޭތެރޭ އަހަރެން ދިން އިންޒާރުތަކަށް ބީރުކަންފަތެއް ދިނުމުގެ ސަބަބުން އީރާނުގެ އެހީތެރިކަމާއެކު މިއަދު މުޅި ސަރަހައްދު މިއޮތީ ބޮޑުވެގެންވާ ނާމާން ހަމަނުޖެހުމެއްގެ ތެރެއަށް ވައްޓާލައިފައެވެ. ބްރަސެލްސްގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މިތަނަށް މިއާދެވުނު ތިންފަހަރު މަތިންވެސް ދެމުންގެންދިޔަ އިންޒާރަކީ ހޫތީން ހުއްޓުވުމަކީ ފަސޭހަކަމަކަށް ނުވާނެ ކަމަށާއި އެ ޖަމާއަތުން އަމާން ނުދޭނެވާހައެވެ.

ހޫތީންނާއި އީރާނުންވެސް އޮތީ އެމީހުންގެ މަގްސަދު ހާސިލުކުރަން ލަނޑުދަނޑިއެއް ކަނޑައަޅާފައެވެ. ދެންތިބި ލީޑަރުން ތިބެނީ ނިދާފައެވެ. ހޫތީން ޔަމަނަށް ހަމަލާދީ ގައުމު ބިމާ ހަމަކުރަމުން ގެންދިޔައިރު އީރާނުން ހޫތީންނަށް ދެމުންގެންދިޔަ އެހީތެރިކަން ހުއްޓުވަން ހުޅަނގުގެ ގައުމުތަކުން އެއްވެސް މަސައްކަތެއް ނުކޮށް ހަމައެކަނި އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމަށް ލިމިޓެއް ކަނޑައެޅުމަށް ފޯރިއާއެކު މަސައްކަތް ކުރީތީ އަވާދު ބިން މުބާރަކު ނުރުހުން ފާޅުކުރެއްވިއެވެ. ހުޅަނގުގެ މުޅި ވިސްނުން އަމާޒުކޮށްފައިއޮތީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމަށެވެ. ޔަމަނާ ދޭތެރޭ އެއްވެސް ވަރަކަށް ވިސްނުން ގެންގުޅެފައެއް ނުވެއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ރައީސް ބައިޑަން އީރާނަށް ކަނޑައަޅުއްވާފައިހުރި ޚާއްސަ މުޝީރު ރޮބާރޓް މަލީއަށްވެސް އެބޭފުޅާ އީރާނުގެ ކަމާބެހޭ ފަރާތްތަކާއެކު ބޭއްވި މަޝްވަރާތަކުގައިވެސް ޔަމަނުގައި ހިނގަމުންދިޔަ ހަނގުރާމައިގެ ނަންވެސް ގެނެސްފައިނުވާތީ އެކަން ފާހަގަ ކުރައްވައި ނުރުހުން ފާޅުކުރެއްވި އެވެ.

މިއަދު މިއޮތީ އަހަރެން ދެއްކި ވާހަކަތަކަށް ފަރުވާކުޑަކުރުމުގެ ހިތި ނަތީޖާއާއި ކުރިމަތިލާން ޖެހިފައެވެ. ސަރަހައްދުގައި އަމާން ނެތެވެ. ޣައްޒާގައި ކުރަމުންގެންދާ ހަނގުރާމައާއި ގުޅުވައިގެން ރެޑްސީތެރެއިން ކުރަމުންގެންދާ ބައިނަލް އަގްވާމީ ދަތުރުތައް އޮތީ ހުއްޓުވާފައެވެ. ދުނިޔޭގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް މިދަނީ ކުރިމަތި ވަމުންނެވެ. ސީދާ އިސްރާއީލަށް މިސައިލުން ހަމަލާދިނުމުގެ ގާބިލުކަން ހޫތީން ލިބިގަނެފިއެވެ. މިވާހަކަތައް އަހަރެން ދައްކާތާ ކިހާދުވަހެއް ވެއްޖެ ހެއްޔެވެ؟

ހުޅަނގުގެ ބާރުތަކުން ހޫތީންނަށް ހަމަލާ ދެމުން ގެންދާއިރުވެސް އެ ޖަމާއަތުން އެގެންދަނީ ޔަމަނު ސަރުކާރުގެ އަމާޒުތަކަށް ހަމަލާ ދެމުންނެވެ. އަހަރެމެންނަށް ހުޅަނގުން މަދަދު ފޯރުކޮށްދީފިނަމަ ހޫތީންނާ ދެކޮޅަށް އަހަރެމެންވެސް ހުޅަނގުގެ ހަމަލާތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ. އަހަރެމެންގެ ކޯސްޓްގާރޑަށް ހުޅަނގުގެ އެހީތެރިކަން ލިބިއްޖެނަމަ އެއީ ހުޅަނގުގެ ލަޝްކަރުތަކަށް ލިބޭނެ ވަރަށް ބޮޑު ބާރަކަށްވެސް ވެގެން ދާނެއެވެ.

Loading

One Response

  1. އަމިއްލަ އެދުމަށްޓަކައި ހަލާކުވަމުންދާ ބައެއް. ހޫތީންނަކީ ޖެހިލުން ކުޑަ ބައެއްކަމާއި އަދި ހޫތީން އަމާން ނުދޭނެކަން އެނގޭއިރުވެސް ތަޅަން ނިކުންނަން ޖެހޭތަ. ދުވަސްކޮޅަކުން ފެންނާނީ އެއްކޮށް ހުޅުނބު ގޮއްސާވަނިކޮށް.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް