އަޅުގަނޑުމެން ގެންގުޅޭނީ 'ޕްރޯ މޯލްޑިވްސް' ގެ ސިޔާސަތު: ރައީސް

Loading

Facebook
Twitter
WhatsApp

ގައުމުގެ މިނިވަންކަމާ އިސްތިގުލާލު ރައްކައުތެރިކުރުމާއެކު ގައުމުގެ ކަންކަން ހިންގުމުގައި ހިފަހައްޓާނެ އެންމެ މައިގަނޑު އުސޫލަކީ ދިވެހީންނަށާއި ދިވެހި ގައުމަށް އިސްކަން ދިނުން ނުވަތަ ’ޕްރޯ މޯލްޑިވްސް‘ ގެ ސިޔާސަތު ކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާއަށް އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ދިވެހިންނަށް ވެވަޑައިގެންނެވި އެންމެ ބޮޑު ވައުދަކީ ދިވެހީންގެ މިނިވަންކަމާ އަމިއްލަވަންތަކަން ހިމާޔަތްކޮށްދޭނެކަމުގެ ވައުދު ކަމަށެވެ. އަދި ދިވެހި ރައްޔިތުންގެ ބޮޑު އަޣްލަބިއްޔަތެއް އެމަނިކުފާނާ ބައިއަތު ހިފީ ރާއްޖޭގައި ތިބި ބޭރުގެ އަސްކަރީ ސިފައިން މި ފަސްގަނޑުން ފޮނުވައިލުމަށާއި ރާއްޖޭގެ ކަނޑުން ގެއްލުނު ބައި އަނބުރާ ހޯދުމަށާއި ރާއްޖޭގެ ސިޔާދަތަށް އުނިކަމެއް ލިބިދާނެގޮތަކަށް ދައުލަތުން ހަދާފައިވާ ކޮންމެ އެއްބަސްވުމެއް އުވައިލުމުގެ މައްޗަށް ކަމަށެވެ.

އެގޮތުން ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ގެންދިއުމަށް އެ ގައުމުގެ ސަރުކާރުގައި ދަންނަވާފައިވާއިރު މިކަމުގެ މަޝްވަރާތައް މިހާރުވެސް ކުރެވެމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

“އެންމެ ފަހުގެ މަޝްވަރާތަކުން އެއްބަސް ވެވިފައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގައި ގާއިމްވެތިބި 3 އޭވިއޭޝަން ޕްލެޓްފޯމުތަކުގެ ތެރެއިން 1 ޕްލެޓްފޯމުގައި ތިބި މިލިޓަރީ ފަރާތްތައް 10 މާރިޗު 2024ގެ ކުރިން ގެންދާނެ. ބާކީ 2 ޕްލެޓްފޯމުން 10 މޭ 2024ގެ ކުރިން މިލިޓަރީ ފަރާތްތައް ގެންދާނެ.“

މީގެއިތުރުން ރާއްޖޭގެ އިންތަކާ ކަނޑުއަޑީގެ ޗާޓުތައް ކުރަހައި ކަންކަން ބެލުމުގެ ބޮޑެތި އިޚްތިޔާރުތަކެއް އިންޑިއާއަށް ލިބިދީފައިވާ އެއްބަސްވުން ދިވެހި ދައުލަތުން އަލުން އާ ނުކުރާނެ ކަމަށް ވެސް އަންގާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ގައުމުގެ ސިޔާދަތަށް ލޮޅުން އަރާނެ މިފަދަ އެއްވެސްކަމެއްގައި އެއްވެސް ފަރާތަކަށް ދުލެއްނުދެއްވާނެ ކަމަށެވެ.

“ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި އަނބުރާ ހޯދުމަށް ބައިނަލްއަގުވާމީ ހަމަތަކުގެ މަތީން އަލުން އެދި، ވަކާލާތުކުރެވޭނެ ގޮތްތައް ހޯދައި ދިރާސާކުރުމުގެ މަސައްކަތް، ތަޖްރިބާކާރުންގެ ޓީމަކުން މިހާރު އެ ގެންދަވަނީ ވަރަށް ހަލުވިކަމާއެކު ކުރައްވަމުން.“

ރައީސް ވިދާޅުވީ އެއްގަމާއި ކަނޑާއި ވައިގެމަގުންވެސް ގައުމު ދިފާއުކުރެވޭނެ ޒަމާނީ އަސްކަރީ ގާބިލުކަން ދިވެހިރާއްޖޭގައި ވަރުގަދަކުރަންޖެހޭ ކަމަށާއި އެކަން ކުރަން ފަށާފައިވާ ކަމަށެވެ.

އެގޮތުން ރާއްޖޭގެ 900،000 އަކަކިލޯމީޓަރުގެ ބޮޑު އެކްސްކްލޫޒިވް އިކޮނޮމިކް ޒޯން 24 ގަޑިއިރު ހުއްޓުމެއް ނެތި ބެލެހެއްޓޭނެ ގާބިލްކަން އިރާދަކުރެއްވިއްޔާ ދާދި އަވަހަށް ދިވެހި އަސްކަރިއްޔާގައި ގާއިމް ކުރެވިގެންދާނެ ކަމަށެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް