މިފްކޯއަށް ލޯނެއް ނަގައިގެން ނަމަވެސް މަސްވެރިންނަށް ދޭންޖެހޭ ފައިސާ މަސްވެރިންނާ ހަވާލުކޮށް، އެކަން ހަމަޖައްސަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ ޢާންމުންގެ ސުވާލުތަކަށް މީސްމީޑިއާގައި ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވުމުގެ ގޮތުން، ރައީސް އޮފީހުން މިއަދު ފެށްޓެވި ސިލްސިލާ ”ރައީސްގެ ޖަވާބު“ ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ޖަވާބު
— Government of Maldives (@governmentmv) February 1, 2024
1 ފެބްރުއަރީ 2024
ހދ. ނޮޅިވަރަންފަރު، ހިޖުރަ، ޢަބްދުލްޣަނީ، މަސްވެރީންނަށް ނުދެވިހުރި ފައިސާއާ ބެހޭގޮތުން ކުރެއްވި ސުވާލަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވި ޖަވާބު pic.twitter.com/vaacwJa2kS
މި ސިލްސިލާގެ ދަށުން ރައީސް މިއަދު ޖަވާބުދެއްވީ، މަސްވެރިއެއް ކަމުގައިވާ ހދ. ނޮޅިވަރަންފަރު، ހިޖުރަ، ޢަބްދުލްޣަނީގެ ސުވާލަކަށެވެ.
އެގޮތުން ޢަބްދުލްޣަނީ ސުވާލުކުރައްވާފައި ވަނީ މަސްވެރިން ބާނާ މަހަށް ފައިސާ ދިނުމާ ގުޅޭގޮތުންނެވެ.
ޢަބްދުލްޣަނީގެ ސުވާލަށް ދެއްވި ޖަވާބުގައި ރައީސް އިތުރަށް ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު މަސްވެރިންނަށް ދޭންޖެހޭ 250 މިލިޔަނެއްހައި ރުފިޔާ ހަވާލުނުކޮށް ހުރި ކަމަށެވެ.
އެ މަނިކުފާނު ސަރުކާރާ ހަވާލުވެވަޑައިގެންނެވުމަށްފަހު، ދެ ފަހަރެއްގެ މަތިން، މިހާތަނަށް 200 މިލިޔަން ރުފިޔާ މަސްވެރިންނަށް ހަވާލުކުރައްވާފައިވާ ކަމަށާއި، އެހެންނަމަވެސް އަދިވެސް މަސްވެރިންނަށް ދޭންޖެހޭ ގިނަ ޢަދަދެއްގެ ފައިސާ ނުދެވި ހުރިކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، ސަރުކާރުން މަސައްކަތްކުރަނީ މިހާތަނަށް މަސްވެރީންނަށް ނުދެވިހުރި ހުރިހާ ފައިސާ ވީހާވެސް އަވަހަކަށް ހަވާލުކޮށް ނިންމެވުމަށް ކަމަށެވެ.
އެއަށްފަހު، ކުރިއަށް އޮތްތަނުގައި ކަންކަން އިންތިޒާމުވެގެން ދާނީ މަސްވެރިންނަށް ބޮޑެތި ޢަދަދުތަކުން ފައިސާ ނުދެވި ގިނަ ދުވަސް ހޭދަވާން ނުޖެހޭ ގޮތަށްކަންވެސް އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރައީސްއަށް ރައްޔިތުންގެ ފަރާތުން ހުށަހަޅުއްވާ ސުވާލުތަކަށް، މި ސިލްސިލާގައި، މިއަދުން ފެށިގެން ކޮންމެ ދުވަހަކުވެސް، ވަގުތު ލިބިވަޑައިގަތް ވަރަކުން އެ މަނިކުފާނު ޖަވާބުދެއްވަމުން ގެންދަވާނެއެވެ. ވީޑިއޯ މެދުވެރިކޮށް ރައްޔިތުން ކުރާ ސުވާލަށް ދެއްވާ ޖަވާބު، ރައީސް އޮފީހުގެ ރަސްމީ މީސް މީޑިއާ މަންސަތަކުން ކޮންމެ ދުވަހަކުވެސް ޢާންމުކޮށް ހިއްސާކުރަމުން ގެންދާނެއެވެ.
![]()
