ރާއްޖޭގައި މިހާރު ތިބި އިންޑިއާ ސިފައިންގެ އަދަަދަކީ 88 ކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.
ސަރުކާރުން ކުރިން ހަާމަކުރި ގޮތުގައި ރާއްޖޭގައި ތިބީ އިންޑިއާގެ 77 ސިފައިންނެވެ. ފަހުން އެ އަދަދު 89 އަށް ބަދަލުވިއެވެ.
ރައީސް އޮފީހުން މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ ޢަބްދުﷲ ނާޒިމް ވިދާޅުވީ އެންމެ ފަހުން ސަރުކާރުގެ އެކަމާބެހޭ ފަރާތްތަކުން ހާމަކުރި މައުލޫމާތުތަކުން ދައްކާ ގޮތުން ރާއްޖޭގައި ތިބީ އިންޑިއާގެ 88 ސިފައިން ކަމަށެވެ.
“މީގައި މުހިންމީ ތިބި އަދަދަށްވުރެ ތިބިއްޔާ ތިބި ބަޔަކު ފޮނުވައިލުމުގެ މަސައްކަތް ކުރިއަށްދާކަން ދިވެހި ރައްޔިތުންނަށް ކަށަވަރުވެގެންދިއުން“
ނާޒިމް ވިދާޅުވީ މިދިޔަ އާދިއްތަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހަށް އިންޑިއާ ސިފައިން ފޮނުވާލުމަށް މިހާރު ކުރަމުންދާ ކަންކަމުގެ އެންމެފަހުގެ މައުލޫމާތު ކަމާބެހޭ މިނިސްޓްރީން ހިއްސާކުރި ކަމަށެވެ.
މީގެއިތުރުން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާ ސިފައިންގެ މައްސަލާގައި ސަރުކާރުގެ އެކި ލެވެލްތަކުގައި 10 ބައްދަލުވުމެއް ބާއްވާފައިވާ ކަމަށާއި ކުރިއަށް މުހިންމު ބައްދަލުވުންތަކެއް ރޭވިފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ މިކަން ދިރާސާކޮށް ނިމޭއިރު ތިބީ 100 ސިފައިން ނުވަތަ 88 ސިފައިން ކަމުގައިވީ ނަމަވެސް އެ ބަޔަކު ފައިބައިގެންދާނެ ކަމަށާއި ނަމަވެސް އެކަމަކީ ފަސޭހަވާނެ ކަމެއް ނޫން ކަމަށް ސަރުކާރުން އަބަދުވެސް ދެކޭ ކަމަށެވެ.
ނަމަވެސް ރާއްޖެއިން އިންޑިއާ ސިފައިން ބާލާނެ ކަމަށް ވީ ވައުދު ފުއްދުމުގައި ސަރުކާރު އޮތީ ސާބިތުކަމާއެކު ކަމުގެ ޔަގީންކަން ނާޒިމް ދެއްވިއެވެ.
One Response
ޢަދަދާއި ކުރިން ބުނެފާވާ އެއްޗެއްވެސް ދިމާވާނެ ކަމެއްނެތެވެ. ރޮނޑު އަތުޖެހުނީމާ އެއެތީގެ ހަންދަމާނެގޮތް އެނގޭނީ އެމީހަކަށޭ ބުނެއުޅޭ ނޫންތޯއެވެ؟ ގައުމާއިގެން ކުރިއަށް!