ތ. އަތޮޅު ހޮސްޕިޓަލް ތަރައްގީކުރުމަށް ދިވެހި ސަރުކާރާއި ކުވެއިތު ފަންޑާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

Loading

Facebook
Twitter
WhatsApp

ތ. ވޭމަންޑޫގައި ހުންނަ ތ. އަތޮޅު ހޮސްޕިޓަލް ތަރައްޤީކުރުމަށް ދިވެހި ސަރުކާރާއި ކުވެއިތު ފަންޑާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއީ ދިވެހިރާއްޖޭގެ ސިއްޙީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމުގެ މަޤްޞަދުގައި އެކުލަވާލާފައިވާ ”ތ. ވޭމަންޑޫގައި އަލަށް އިމާރާތްކުރާ ހޮސްޕިޓަލް ޕްރޮޖެކްޓް“ ހިންގުމަށް ދިވެހި ސަރުކާރާއި ކުވެއިތު ފަންޑް ފޮރ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭ.އެފް.އޭ.އީ.ޑީ) އާއެކު ވެވުނު ޖުމްލަ 3 މިލިއަން ކުވައިތީ ދީނާރުގެ ލޯނު އެއްބަސްވުމެކެވެ. އަދި މިއީ ގާތްގަނޑަކަށް 9.7 މިލިއަން އެމެރިކާ ޑޮލަރުގެ އެއްބަސްވުމެކެވެ.

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްގައި ބޭއްވުނު މި ރަސްމިއްޔާތުގައި، މި ލޯނު އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް ޙަސަން ޒަރީރެވެ. އަދި ކުވެއިތު ފަންޑް ފޮރ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ފަރާތުން ސޮއިކުރެއްވީ އެ ފަންޑުގެ އެކްޓިންގ ޑިރެކްޓަރ ޖެނެރަލް ރަޝައިދު އަލްބަދަރް އެވެ. އަދި މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ އަދި ކުވެއިތު ފަންޑުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޒަރީރު ވަނީ، ދިވެހިރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް ކުވައިތު ފަންޑުން ވެދެއްވަމުން ގެންދަވާ އަގުހުރި އެހީތެރިކަން ފާހަގަކުރައްވައި އެ ފަރާތަށް ޝުކުރު އަދާކުރައްވާފައެވެ. މިގޮތުން، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމަށް ހިންގި ކޮންމެ މަޝްރޫޢަކާއި އައު ޓާމިނަލްގެ ބިޔަ މަޝްރޫޢާއި، ފުވައްމުލަކު ގިރާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަޝްރޫޢު ފަދަ ޤައުމީ މުހިންމު މަސައްކަތްތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ތ. ވޭމަންޑޫގައި މި ހޮސްޕިޓަލް ޤާއިމު ކުރުމަށް މި ލޯނު އެއްބަސްވުން ހަމަޖެހިގެން ދިޔައީ ކުވެއިތު ފަންޑް ފޮރ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓުން ރާއްޖެއަށް ކޮންމެ އަހަރަކަށް ކަނޑައަޅާފައިވާ 10 މިލިއަން އެމެރިކާ ޑޮލަރުގެ ކަންޓްރީ ލިމިޓްގެ ދަށުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޒަރީރު ވިދާޅުވީ ސޮއިކުރެވުނު އެއްބަސްވުމަކީ ހަމައެކަނި ޢިމާރާތެއް ބިނާކުރުމަށް ވެވުނު އެއްބަސްވުމެއް ނޫން ކަމަށާއި، މިއީ ދިވެހި ރައްޔިތުންގެ ޞިއްޙަތާއި ދުޅަހެޔޮކަމުގެ އިތުރުން، ޤައުމުގެ މުސްތަޤްބަލުގެ ފާގަތިކަމަށްޓަކައި ކުރެވުނު މުހިންމު އިންވެސްޓްމަންޓެއް ކަމަށެވެ. އަދި ދިވެހިރާއްޖެ ފަދަ ޖަޒީރާ ޤައުމެއްގައި، ކޮންމެ ރައްޔިތަކަށްވެސް އެމީހަކު ދިރިއުޅޭ ރަށަކުން ފެންވަރު ރަނގަޅު، ހަމަހަމަ ޞިއްޙީ ޚިދުމަތެއް ކަށަވަރުކޮށްދިނުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތު ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކުވައިތު ފަންޑުގެ އެކްޓިންގ ޑިރެކްޓަރ ޖެނެރަލް ރަޝައިދު އަލްބަދަރް ވިދާޅުވީ، މިއީ އެ ފަންޑުން ދިވެހިރާއްޖެއަށް ދޫކުރި 15 ވަނަ ލޯނު ކަމަށާއި، އަދި މިއީ ރާއްޖޭގެ ޞިއްޙީ ދާއިރާއަށް އެ ފަންޑުން އިންވެސްޓްކުރި ފުރަތަމަ ފަހަރު ކަމަށެވެ. މީގެ އިތުރުން، 1976 ވަނަ އަހަރު ވެވުނު ފުރަތަމަ އެއްބަސްވުމާއެކު އެ ފަންޑުން ރާއްޖޭގެ މަޝްރޫޢުތަކަށް ފައިނޭންސް ކުރަން ފެށިތާ 50 އަހަރު ފުރިފައިވާކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، ވޭތުވެދިޔަ މުއްދަތުގައި 185 މިލިއަން އެމެރިކާ ޑޮލަރުގެ 14 ލޯނެއް ދޫކޮށްފައިވާ ކަމަށެވެ. އަދި ހިލޭ އެހީއާއި ފަންނީ އެހީތެރިކަމުގެ ގޮތުގައި 5.7 މިލިއަން އެމެރިކާ ޑޮލަރު ފޯރުކޮށްދީފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީގައި އެންމެ އިސްކަންދޭ ދާއިރާތަކަށް އެއްބާރުލުން ދެއްވުމުގައި ކުވައިތު ފަންޑު އަބަދުވެސް ދެމިއޮންނާނެކަމުގެ ޔަޤީންކަން ދެއްވަމުން އަލްބަދަރް ވިދާޅުވީ، އަލަށް ޢިމާރާތްކުރެވޭ މި ހޮސްޕިޓަލް ވެގެންދާނީ މުޅި އެ ސަރަޙައްދަށްވެސް އިތުބާރުހުރި، ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތަކެއް ފޯރުކޮށްދޭނެ މުހިންމު މަރުކަޒަކަށް ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ތ. އަތޮޅުގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތަކެއް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. މިގޮތުން، ލާމަރުކަޒީ އުޞޫލުން ސެކަންޑަރީ ފެންވަރުގެ ޞިއްޙީ ޚިދުމަތް އެންމެ އެކަށީގެންވާ ވަގުތުގައި ފޯރުކޮށްދިނުމަށް މަގުފަހިވެ، ފަރުވާއަށް މާލެއަށް ކުރަންޖެހޭ ދަތުރުތަކާއި އެކަމަށް ހިނގާ ޚަރަދުތައް ބޮޑުތަނުން ކުޑަވެގެންދާނެއެވެ. އަދި މި ޚިދުމަތްތަކުގެ ފައިދާ އެ އަތޮޅުގެ އާބާދީގެ އިތުރުން އެ އަތޮޅަށް ޱޒިޔާރަތްކުރާ ފަތުރުވެރިންނަށްވެސް ލިބިގެންދާނެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް