އިންޑިޔާގެ ގުޖްރާތު ސްޓޭޓްގައި ތިން އަހަރުގެ އަންހެން ކުއްޖެއްގެ މެޔަށް ހެރުނު ކަތުރެއް ޑޮކްޓަރުން ކާމިޔާބު ކަމާއި އެކު ނަގައިފި އެވެ. އަދި ކުއްޖާ މިހާރު ރަގަޅު ވަމުން އަންނަކަމަށް ޚަބަރު ލިބެއެވެ.
ގުޖްރާތު ސްޓޭޓްގެ ކޫޗް އަށް ނިސްބަތްވާ މިތުއްތު ކުއްޖާގެ މެޔަށް ކަތުރު ހެރުނީ އޭނާގެ ފަސް އަހަރުގެ ބޭބެއާއި އެކު ކުޅެން އުޅުމުގެ ތެރޭގައި ކަމަށް ވެއެވެ.
ހާދިސާ ހިގުމަށްފަހު ކައިރީގައި ހުރި ޕްރައިވެޓް ހެލްތު ފެސިލިޓީ އަކަށް ކުއްޖާ ގެންދެވުނު ކަމަށް ވެއެވެ.ނަމަވެސް ސީޓީ ސްކޭން އަކާއި އެއްޗެހި ހެދުމަށްފަހު، ކުރަންޖެހޭ ސަރޖަރީގެ ނާޒުކް ކަމާއި އެކު އެތަނުން އަހުމަދުއާބާދުގެ ސިވިލް ހޮސްޕިޓަލް އަށް ޕޭޝަންޓް ރިފަރ ކުރީ ކަމަށް ވެއެވެ.
އަހުމަދު އާބާދުގެ ސިވިލް ހޮސްޕިޓަލް އަށް ކުއްޖާ ގެންދެވުމާއި އެކު ޕީޑިއޭޓްރިކް ސަރޖަރީ ޑިޕާޓްމަންޓް ގެ ޚާއްސަ މެޑިކަލް ޓީމަކުން އިމަރޖެންސީކޮށް ސަރޖަރީ ހަދާފައި ވެއެވެ. ސަރޖަރީ ހެދި ޓީމްގައި ދެ އެސިސްޓަންޓް ޕްރޮފެސަރުން ކަމަށްވާ ޑޮކްޓަރ ކާޝްވީ އާއި ޑޮކްޓަރ މްރިނާލިނީ ހިމެނުނު އިރު ސަރޖަރީ ކުރިޔަށް ދިޔައީ ޑިޕާޓްމަންޓްގެ ހެޑް ޑރ ރާކޭޝް ޖޯޝީ ގެ އިރުޝާދާއި އެކުގައެވެ.މިޓީމް އާއި ހޭނައްތާ ޑޮކްޓަރުން ގުޅިގެން ކުރި މަސައްކަތުން ކުއްޖާގެ ހަށިގަޑުގެ އެތެރޭގެ އެއްވެސް ގުނަވަނަކަށް ގެއްލުން ނުލިބި ކަތުރު ނަގާފައިވާ ކަމަށް ވެއެވެ.
މެޑިކަލް އެކްސްޕަރޓުން ފާހަގަ ކޮށްފައިވާ ގޮތުގައި މިހާދިސާއަށް ފަހު ކުއްޖާ ސަލާމަތްވެފައިވަނީ ހަމަ ނަސީބު ރަގަޅު ކަމުންނެވެ.ކަތުރު ހެރިފަ އިންތަނަށް ވުރެ ކުޑަތަންކޮޅެއް މައްޗަށް ހެރުނު ނަމަވެސް ފުއްޕާމެޔަށް ވައި ގެންގޮސްދޭ ހޮޅި ޓްރެކިޔާ ފޫއެޅުނީހެވެ. އަދި ނޫންނަމަ ލޭހޮޅި ތަކަށް ގެއްލުން ލިބުނީހެވެ. މިއިން ކަމެއްވީނަމަ އެތެރެއަށް ވަރަށް ބޮޑަށް ލޭ އެޅި މަސްއަލަ ސީރިއަސް ވީސް ކަމަށް ޑޮކްޓަރުން ބުނެފައި ވެއެވެ.
މިހާދިސާއަށް ފަހު ސިވިލް ހޮސްޕިޓަލުގެ މެޑިކަލް ސުޕްރިންޓެންޑެންޓް ޑޮކްޓަރ ރާކޭޝް ޖޯޝީ ވަނީ ފަސް އަހަރުގެ ކުއްޖަކަށް އެފަދަ ތޫނު އެއްޗަކުން ލިބޭނެ ގެއްލުން ނޭގޭނެ ކަމަށްބުނެ، ކުދިން ކުޅެން ތިބޭ އިރު ތޫނު އެއްޗެތި ކުދިންގެ އަތް ފޯރާފަށުގައި ނުބެހެއްޓުމަށް ނަސޭހަތްތެރިވެފައެވެ.
![]()
