ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ބިލު ތަސްދީގު ކުރައްވައިފިއެވެ.
މިދިޔަ ޑިސެންބަރު 18 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 37 ވަނަ ޖަލްސާއިން ފާސްކުރި މި ބިލުގައި ގާނޫނުއަސާސީގެ ދަށުން ލިބިދޭ މަސައްކަތްތެރިންގެ ޖަމްއިއްޔާތައް އުފެއްދުމާއި އެފަދަ ޖަމްއިއްޔާތަކުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމާއި ނުވުމުގެ ހައްގު ކުރިއަރުވައި އެ ހައްގުތައް ކަށަވަރުކޮށްދިނުމުގެ ގޮތުން ކުރާނެ ކަންކަން ބަޔާންކޮށްފައިވެއެވެ. އަދި އެ ހައްގު ލިބިދެވޭނެ ދާއިރާ އެކަށައެޅުމާއި މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތައް އުފެއްދުމާއި އެފަދަ ޔޫނިއަންތައް ހިންގުމާގުޅޭ އުސޫލުތަކާއި މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތަކުގެ ދެމެދުގައި އުފެދޭ މައްސަލަތަކާއި ދެބަސްވުންތައް ހައްލުކުރުމާގުޅޭ އުސޫލުތަކާއި ޓްރޭޑް ޔޫނިއަންތަކާގުޅޭ އެނޫންވެސް ކަންކަން އިންތިޒާމު ކުރުމުގެ އުސޫލުތައް ބިލުގައި ބަޔާންކޮށްފައިވެއެވެ.
މީގެއިތުރުން މި ބިލު ގާނޫނަކަށްވެ އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ރަޖިސްޓްރާރ އޮފް ޔޫނިއަންސްގެ މަގާމަށް މީހަކު އައްޔަންކުރައްވަން ޖެހެއެވެ.
ބިލުގައި ބަޔާންކޮށްފައިވާ ގޮތުން މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތައް ރަޖިސްޓަރީކުރުމުގައާއި ގާނޫނާ ޚިލާފުވާ ޔޫނިއަންތަކާމެދު ފިޔަވަޅު އެޅުމުގައި މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރާނީ ރަޖިސްޓްރާރ އޮފް ޔޫނިއަންސްއެވެ. އަދި މި ބިލު ގާނުނަކަށްވެ އޭގެ ދަށުން ޔޫނިއަންތައް ރަޖިސްޓަރީކުރުމަށް އެކުލަވާލާ ގަވާއިދަށް އަމަލުކުރަން ފަށާތާ މަސްދުވަހުގެ ތެރޭގައި ކުރިން އެހެން ގާނޫނެއްގެ ދަށުން ރަޖިސްޓަރީކޮށްގެން ހިންގަމުން އައި މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތައް މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރަޖިސްޓްރާރ އޮފް ޔޫނިއަންސްއަށް ހުށަހަޅައިގެން ރަޖިސްޓަރީ ކުރަންޖެހެއެވެ.
މި ބިލު ގާނޫނަކަށްވެ އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 3 މަސްދުވަހުގެ ތެރޭގައި 8 މެންބަރުންގެ މައްޗަށް އެކުލެވޭ ”ޓްރައިޕަރޓައިޓް އެޑްވައިޒަރީ ބޯޑު“ގެ ނަމުގައި ބޯޑެއް އުފެއްދުން ވެސް ހިމެނެއެވެ. އަދި ހަމަ މި މުއްދަތުގެ ތެރޭގައި ”އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޜަން“ގެ ވަކި ޑިވިޜަނެއް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގައި އުފައްދަން ވެސް ޖެހެއެވެ.
މި ބިލު ތަސްދީގުކުރެއްވުމާ ގުޅިގެން މި ގާނޫނު މިއަދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރައްވާފައިވާއިރު މި ގާނޫނަށް އަމަލުކުރަން ފަށާނީ މިއަދުން ފެށިގެން 3 މަސްދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.
މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު ވަޒީފާދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކާ ދެމެދު އުފެދޭ ދެބަސްވުން ހައްލުކުރުމުގައި މުއާމަލާތްކުރުމުގެ ގަވާއިދު އުވިގެންދާނެއެވެ.