މަޖިލީވެސް ޤާނޫނުއަސާސީއަށް ވުރެ ބޮޑެއް ނުވާނެ. ދިވެހިރާއްޖެއަކީ ދުސްތޫރީ ސިޔާދަތީ ބާރުއޮންނަ ޤައުމެއް!

Loading

Facebook
Twitter
WhatsApp


ޖުމްހޫރީ ނިޒާމެއްގައި ދައުލަތް އެކުލެވިގެންވަނީ ވަރަށް މުސްތަޤިއްލު ތިން ގޮތްޕެއް ނުވަތަ ތިންބާރެއް އެކުލެވޭގޮތުންނެވެ. ޤާނޫނުއަސާސީ ކަށަވަރުކޮށްދެނީ އެއްވެސް ޙާލެއްގައި އެއްބާރު އަނެއްބާރުގެ މައްޗަށް ނުފޫޒު ނުހިންގޭނެކަމެވެ. އެއްބާރުގެ އިޚްތިޞާޞަށް އަނެއްބާރަކުން ގަދަވެގަތުމަށް ހިންގާ ކޮންމެ ޢަމަލަކީ ޤާނޫނު އަސާސީގެ ބާރުކަނޑުވާލަން ހިންގޭ ޣައިރު ދުސްތޫރީ ޢަމަލެކެވެ. ދުސްތޫރީ ޢިލްމުވެރިންގެ ނަޒަރުގައި ޖުމްހޫރީ ނިޒާމެއްގައި ދައުލަތުގެ ތިންގޮފީންކުރެ އެއްވެސް ގޮތްޕަކީ ވަކީން މާބާރުގަދަ ގޮތްޕެއް ނޫނެވެ. އެހެންނަމަވެސް ތަފާތު ޒިންމާތަކަކާއި ބާރުތަކެއް ކޮންމެ ގޮތްޕެއްގެ ދައުރާމަސައްކަތާއި ގުޅޭގޮތުން  ޙަވާލުވެފައި ވަނީއެވެ.

ދުސްތޫރީ ވެރިކަންހިންގާ ޑިމޮކްރެޓިކް ނިޒާމުތަކުގައި ސިޔާދަތީބާރު ދައުލަތްތަކުގައި ތަފާތު ދެގޮތަކަށް ލިބިދެވިފައި ވެއެވެ. ބައެއް ޤައުމުތަކުގައި އޮންނަނީ ބަރުލަމާނީ ސިޔާދަތީ ބާރެވެ. އަނެއްބައި ޤައުމުތަކުގައި އޮންނަނީ ދުސްތޫރީ ސިޔާދަތީ ބާރެވެ.

ޤާނޫނު އަސާސީގެ 8 ވަނަ މާއްދާގައި ބުނެފައިވާގޮތުން ދިވެހިރާއްޖެއަކީ ދުސްތޫރި ސިޔާދަތީ ބާރުއޮންނަ ޤައުމެކެވެ. އެހެންކަމުން ދިވެހި ދައުލަތުގައި އެންމެ ބާރުގަދަވާނީ މިޤައުމުގެ ދުސްތޫރެވެ. ޤާނޫނު އަސާސީގައި ކަނޑައެޅިފައިވާ އުސޫލާޚިލާފަށް އެއްވެސް ކަމެއް ދުސްތޫރީ ސިޔާދަތީ ބާރުއޮންނަ ތަނެއްގައި ހިންގިގެން ނުވާނެއެވެ.

ދައުލަތުގެ ތިން ބާރަށް ނިސްބަތްކޮށް ޤާނޫނު އަސާސީގެ 8 ވަނަ މާއްދާގައި ދުސްތޫރީ ސިޔާދަތީބާރު ބަޔާންކުރަމުން ބުނެފައިވަނީ ”ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ހިންގާންވާނީ މިޤާނޫނު އަސާސީގައިވާ ގޮތުގެ މަތީންނެވެ.“ މިހެނެވެ.

މިރާއްޖޭގައި ދުސްތޫރީ ސިޔާދަތީ ބާރުއޮންނަ އުސޫލާއި ޚިލާފަށް، އިނގިރޭސިވިލާތުގައި އޮންނަނީ ބަރުލަމާނީ ސިޔާދަތީ ބާރެކެވެ. އެޤައުމުގައި ޤާނޫއަސާސީއަށް ވުރެ ބަރުލަމާނުގެ ބާރުގަދައެވެ. އެގޮތުން ޤާނޫނުއަސާސީއިން ކަނޑައަޅާފައިވާ އުސޫލުތަކާއި ޚިލާފަށް ޤާނޫނު ހަދާމަޖިލީހުން ޤާނޫނުތައް ހަދައި އެޤައުމުގައި ހިންގާފައިވެއެވެ.

މިސާލަކަށް 2001 ވަނައަހަރު އިނގިރޭސި ޤާނޫނުހަދާ މަޖިލީހުން ފާސްކޮށް ހިންގާފައިވާ އެންޓި ޓެރަރިޒަމް އެންޑް ސެކިއުރިޓީ އެކްޓަކީ އިނގިރޭސި ދުސްތޫރީ ނިޒާމުގައި ބިންވަޅުނެގިފައިވާ، ޢާއްމު ރައްޔިތުންގެ މިނިވަންކަމާއިފަރުދީ ޙައްޤުތައް ނިގުޅައިގަނެވިގެން ދިޔަ އަދި ދުސްތޫރީ ހަމަތަކާއި ޚިލާފަށް ފާސްކުރެވުނު ގާނޫނެއްކަމަށް އިނގިރޭސިވިލާތުގެ ދުސްތޫރީ ޢިލްމުވެރިން ފާހަގަކުރެއެވެ.

އިނގިރޭސިވިލާތުގައި ބަރުލަމާނީ ސިޔާދަތީބާރު އޮތުމުން އެގައުމުގައި ދުސްތޫރީގޮތުން އެންމެ ބާރުގަދަ ފަރާތަކީ ރައްޔިތުންގެ މަޖިލީހެވެ. ބަރުލަމާނީ ސިޔާދަތީބާރު އިނގިރޭސި ވިލާތުގައި ބިނާވެފައި އޮންނަނީ މައިގަނޑު ދެއުސޫލެއްގެ މައްޗަށް ބިނާކޮށެވެ. އެއީ މަޖިލީހުން ފާސްކުރާ އެއްވެސް ޤާނޫނެއް ކޯޓަކުން ބާތިލު ނުކުރެވުމާއި، ފަހުންހޮވޭ މަޖިލީހަކަށް ބަދަލުނުކުރެވޭ ގޮތަށް އެއްވެސް ޤާނޫނެއް މަޖިލީހުން ނުހެދުމުގެ އުސޫލެވެ. މިއުސޫލުގެ މައިގަނޑު މަފްހޫމަކީ ގާނޫނު ހަދާމަޖިލީހުން ބޭނުން ކޮންމެ ހިނދެއްގައި ކޮންމެ ގާނޫނެއް ހެދުމާއި އުވާލުމާއި ބަދަލުކުރުމުގެ ބާރު އެމަޖިލީހުގައި ދެމިއޮތުމެވެ

ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 71 ވަނަ މާއްދާގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު ސާފުކޮށް ބަޔާންކޮށްފައި ވަނިކޮށް، މަޖިލީހުގެ ޤަވާޢިދަށް އިދާރީގޮތުން ގެންނަ ބަދަލަކާއި ގުޅިގެން އެޢަދަދަށް އުނިއިތުރު އައުމަކީ މުސްތަޙީލުކަމެކެވެ.

ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ އުސޫލާއި ޚިލާފަށް މަޖިލީހުގެ ގަވާޢިދަށް ބަދަލުގެނެސް، މަޖިލީހުގެ މެންބަރުންގެ ޢަދަދު މަދުވެއްޖެކަމަށް ނިންމާފައިވާ ނިންމުމަނީ ގާނޫނު އަސާސީއާއި ކަނޑައެޅިގެން ޚިލާފު ނިންމުމެކެވެ.

ޢާއްމު އުސޫލަކީ މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެ ހިނދެއްގައ އެގޮނޑިއަށް އަލުން މީހަކު އިންތިޚާބު ކުރުމެވެ. އެހެން ނަމަވެސް ގާނޫނު އަސާސީގެ 78 ވަނަ މާއްދާގައި އިސްތިސްނާ ޙާލަތެއްވެސް ބަޔާންކުރެއެވެ. އެއީ ގޮނޑި ހުސްވިދުވަހާއި އައު ދައުރަކަށް އިންތިޚާބު ބާއްވާނެ މުއްދަތާއި ދެމެދު ހަމަސްދުވަސް ނުވަތަ އެއަށްވުރެ ކުރުމުއްދަތެއް އޮތްނަމަ އެގޮނޑިއަށް އަލުން މީހަކު އިންތިޚާބު ނުކުރުމެވެ. މިޙާލަތެއްގައި އެގޮނޑި ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ދާއިރާ އުވުނީއެއް ނޫނެވެ. 

އެގޮނޑީގައި އެވަގުތު މީހަކު ނެތުމަކީ ނުވަތަ ގޮނޑި ހުސްވުމަކީ އެގޮނޑި ވުޖޫދުން ފުހެވިގެން ދާނޭކަމެއް ނޫނެވެ. ބަރުލަމާނީ ޙަޔާތެއްގައި، ދައުރުގެ އެކިހިސާބުން މަޖިލީހުން ގޮނޑި ހުސްވުމަކީ ވަރަށް ޢާއްމުކަމެކެވެ. އެގޮތަށް ގޮނޑި ހުސްވާ ވަގުތުތަކުގައި މަޖިލީހުގެ މެޖޯރީ ކޮޅުކޮޅަށް ފުރޮޅޭތަންވެސް އާދެއެވެ. އެއީ ބަރުލަމާނެއްގެ ޠަބީޢީ ސިފައެކެވެ.

އެހެން ނަމަވެސް މިގޮތަށް މަޖިލީހުން ގޮނޑިއެއް ހުސްވާ ކޮންމެ ފަހަރަކު މަޖިލީހުގެ ގޮނޑީގެ ޢަދަދަށް ބަދަލު އައިއްސިއޭ ބުނުމަކީ ދުސްތޫރީ އުސޫލުތަކާ ޚިލާފުބުނުމެކެވެ.  

ޤާނޫނު އަސާސީން ކިތަންމެގިނަ ބާރުތަކަކާއި އިމްތިޔާޒުތަކެއް ރައްޔިތުންގެ މަޖިލީހަށް ދީފައިވިއަސް، ގާނޫނު އަސާސީއާ ޚިލާފަށް އަމަލު ކުރުމުގެ ކުޑަވެސް ފުރުސަތެއް ޤާނޫނު އަސާސީން އެމަޖިލީހަކަށް ނުދެއެވެ.

ޤާނޫނު އަސަސީއިން ބިނާކޮށްފައިވާ އިންފާރު ވައްޓާލާފައި ރައްޔިތުންގެ މަޖިލީހަކަށްވެސް ނުނިކުމެވޭނޭކަމެވެ. ސަބަބު ވަރަށް ސާފެވެ. ކުރިންވެސް ދެންނެވިފަދައިން ދިވެހިރާއްޖެއަކީ ދުސްތޫރީ ސިޔާދަތީ ވެރިކަމެއްހިންގާ ޤައުމަކަށްވާތީއެވެ. 

މަޖިލީހުގެ މެންބަރުން ހަނދުމަފުޅުގައި ބަހައްޓަވަންވ އިނގިރޭސި ޕާލިމަންޓްހިންގާގޮތަށް ރާއްޖޭގެ ޕާލިމަންޓް ހިންގަން ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ ތަންނުދޭކަމެވެ.

ޤާނޫނު އަސާސީގައިވާ ގޮތުން ރައްޔިތުންގެ މެޖޯރިޓީއިން ރައީސުލް ޖުމްހޫރިއްޔާއާއި ވެރިކަން ޙަވާލުކުރަނީ ފަސްއަހަރުގެ ދައުރެއް ފުރިހަމަކުރުމަށެވެ. ޤާނޫނު އަސާސީގެ ރޫޙަކީވެސް ދައުލަތުގެ އެހެން ބާރުތަކުން އެފުރުސަތު ރައީސުލް ޖުމްހޫރިއްޔާއަށް ފަހިކޮށްދިނުމެވެ. 

ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މަސައްކަތް ކުރުމަކީ ރިޔާސީ ދައުރުގެ ތެރެއިން ސަރުކާރުގެ ހިންގުން ހަރުދަނާކުރުމަށާއި ގާނޫނުގެ ތަރަހައިގެ ތެރޭގައި ސަރުކާރުހިފެހެއްޓުމަށް މަޖިލީހުން ކުރަންޖެހޭ މަސައްކަތެކެވެ.

ޅަފަތުގައި އޮތް ސަރުކާރެއްގެ ވުޒާރާތައް ދުސްތޫރީގޮތުން ކޮޅަށްނުޖެހިގެން އުޅެނިކޮށް ނުވަތަ ކެބިނެޓަށް މަޖިލީހުން ރުހުން ދޭނެތޯވެސް ނުބަލައި، ރައީސުލް ޖުމްހޫރިއްޔާއާއި އޭނާގެ ނައިބު ޢަޒުލުކުރާނެކަމަށް ބުނެ ރައްޔިތުންގެމަޖިލީހުގެ މެޖޯރިޓީ ތަމްސީލުކުރާ ޕާޓީން ގަދަބަސް އެއްލުމަކީ ޑިމޮކްރަސީގެ އުސޫލާ ޚިލާފު ޚުދުމުޚްތާރު ޢަމަލެކެވެ. 

ޚުދުމުޚްތާރުކަމުގެ ސިފަ ޤާނޫނުހަދާ މަޖިލީހަށް ނިސްބަތް ކުރެވެނީ، އެމަޖިލީހުގެ ފުރިހަމަ އަޣްލަބިއްޔަތު އެއްބަޔަކަށް ލިބޭހިނދެއްގައި، ދުސްތޫރީ އުސޫލުތައް ފަހަނައަޅައި ހިތުހުރިގޮތަކަށް ޤާނޫނާއި، ޤަވާޢިދާއި އުސޫލުތައްހަދައި ހިންގަން ފެށުމުންނެވެ. އެހައިތަނުން އެފަދަ މަޖިލީހަކީ ވަރަށް ޚުދުމުޚްތާރު ޑިމޮކްރަސީއާއި ބީރައްޓެހި މަޖިލީހެކޭ ބުނެވެއެވެ. މިވަގުތު މިރާއްޖޭގައި މިއޮތްމަޖިލީހަށް ވެގެން އުޅެނީ މިކަހަލަ ގޮތެކެވެ

ރައީސުލްޖުމްހޫރިއްޔާ ޢަޒުލްކުރުމަކީ ޤާނޫނުއަސާސީއިން ރައްޔިތުންގެ މަޖިލީހަށް ލިބިދިފައިވާ ބާރެކެވެ. ޤާނޫނުއަސާސީގެ 100 ވަނަ މާއްދާގައި އެބާރު ރައްޔިތުންގެ މަޖިލީހަށް ދީފައިވަނީ ވަރަށް ބޮޑު ތިން ޝަރުޠެއް ކުރިމަތި ކުރުމަށްފަހުގައެވެ. 

ރައީސުލްޖުމްހޫރިއްޔާ ޢަޒުލުކުރުމުގެ ޤަރާރު މަޖިލީހަށް ހުށަހަޅަންވާނީ މިއިން ޝަރުޠެއް ފުރިހަމަވާކަން ކަށަވަރު ކުރުމަށްފަހުގައެވެ. އެގޮތުން ފުރަތަމަ ޝަރުޠަކީ އިސްލާމްދީނުގެ އަޞްލަކާ ނުވަތަ ޤާނޫނުއަސާސީއާއި ނުވަތަ ޤާނޫނަކާއިކަނޑައެޅިގެން ޚިލާފުވުމެވެ. 

ދެވަނަ ޝަރުޠަކީ ރައީސުލް ޖުމްހޫރިއްޔާގެ މަޤާމުގައި ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމުގައި ހުރެ ކުރުން އެކަށީގެންނުވާ ފަދަ ކަމެއްކުރުމެވެ. އަދި ތިންވަނަ ޝަރުތަކީ ރައީސުލް ޖުމްހޫރިއްޔާގެ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނާގާބިލުވުމެވެ. 

ޤާނޫނު އަސާސީގެ 100 ވަނަ މާއްދާގެ (ށ) ގައި އޮންނަނީ ރައީސުލްޖުމްހޫރިއްޔާ ޢަޒުލުކުރުމުގެ ޤަރާރެއް މަޖިލީހަށް ހުށަހެޅޭނީ މަދުވެގެން މަޖިލީހުގެ ތިންބައިކުޅަ ދެބައި މެންބަރުން ސަބަބު ބަޔާންކޮށް ސޮއިކޮށްފައިވާ ލިއުމަކުންނެވެ. އަދި އެމާއްދާގެ (ބ)ގައި ވާގޮތުން ރައިސުލްޖުމްހޫރިއްޔާ ނުވަތަ އޭނާގެ ނައިބު މަޤާމުން ވަކިކުރުމަށް ހުށަހަޅާ ޤަރާރެއް ފާސްވާނީ މަޖިލީހުގެ ”ޖުމްލަ މެންބަރުންގެ“ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތުންނެވެ. 

މަޖިލީހުގެ ޖުމްލަ މެންބަރުންގެ ޢަދަދު މިދައުރު ފެށުނުއިރު އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ޢަދަދުން އެންމެ ގޮނޑިއެއްވެސް  މަދުވެއްޖެކަމަށް މަޖިލީހުގެ އިދާރީ ގަވާޢިދަށް ގެންނަ ބަދަލަކާގުޅިގެން ނުނިންމޭނެއެވެ.

އެފަދަ ކަމެއްކުރުމަށް މަސައްކަތް ކުރުމަކީ ޤާނޫނުއަސާސީގެ ބާރު ކަނޑުވާލުމަށް މަސައްކަތް ކުރުމެވެ. ވެރިކަން ހިންގާފަރާތާއި، ރައްޔިތުންގެ މަޖިލީހާއި، ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރުންނާއި، މުސްތަގިއްލު ކޮމިޝަންތަކާއި އަދި ދައުލަތުގެ މަގާމުތަކާ ޙަވާލުވެތިބި މީހުންނާއި، އެންމެހައި ރައްޔިތުން ގާނޫންއަސާސީއަށް ފުރިހަމައަށް ކިޔަމަންވެ ޢަމަލުކުރާން ވާނެކަމަށް ޤާނޫނު އަސާސީގެ 299 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، ގާނޫނު އަސާސީއާ ޚިލާފުވުމަށް ރައްޔިތުންގެ މަޖިލީހަށް އިސްތިސްނާއެއް ދެވިފައެއް ނެތެވެ. 

ޤާނޫނު އަސާސީގެ 268 ވަނަ މާއްދާ ސާފުޞަރީޙަ ޢިބާރާތުން ބަޔާންކުރަނީ، އެންމެހައި ގާނޫނުތަކާ ގަވާޢިދުތައް ހަދަންވާނީ ގާނޫނު އަސާސީގައި ބަޔާންވެގެންވާ ގޮތުގެ މަތީންކަމަށެވެ. އަދި ގާނޫނު އަސާސީން ލާޒިމުކުރާ އެންމެހައި ކަންކަން ފުރިހަމަ ކުރާންވާނެ ކަމާއި، ޤާނޫނު އަސާސީއާއިޚިލާފަށްކުރާ ކޮންމެ ކަމަކީ ބާޠިލު ކަމެއްކަމަށް އެމާއްދާ ކަނޑައަޅައެވެ. ގާނޫނު އަސާސީއަށް ޙުރުމަތްތެރިކޮށް ހިތުމާއި، މިރާއްޖޭގައި ޤާނޫނުގެ ވެރިކަން ހިންގުމުގެ އުޞޫލަށް ޙުރުމަތްތެރިކޮށް ހިތުމަކީ، ޤާނޫނު އަސާސީގެ 67 ވަނަ މާއްދާގެ (ބ) ގައި ބުނާގޮތުން އެންމެން ޝާމިލުވާގޮތުން ރައްޔިތުންގެ މަޖިލީހަށްވެސް ޤާނޫނު އަސާސީ ލާޒިމުކުރާ ކަމެކެވެ. 

އިދިކޮޅު ޕާޓީއަށް މަޖިލީހުގެ މެޖޯރިޓީލިބުމަކީ ދައުލަތުގެ ހިންގުން ޚަރާބުކޮށް ހިތުހުރި ގޮތޮތަކަށް ޤާނޫނު އަސާސީއާ ކުޅެވޭނޭ ކަމެއް ނޫނެވެ. ތިމާމެންގެ އަމިއްލަ އެދުން ކުރިއަށްނެރެ ބާރުދައްކާލާނަމޭ ހިތައި ކޮށްލާ ކަމަކުން  ރާއްޖޭގެ ދުސްތޫރީ ނިޒާމަށް އަންނާނޭ ލޮޅުމަކާއި، ގައުމުގެ އިގްތިޞާދާއި އިޖުތިމާޢީ ހަމަޖެހުމާއި އަމަންއަމާން ކަމަށް ލިބިދާނޭ ގެއްލުމަކާއި ދޭތެރެ ވިސްނާލަން ޖެހޭނެއެވެ. 

ރައްޔިތުންގެ އަޣްލަބިއްޔަތުން އިންތިޚާބު ކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާއެއް ޢަޒުލު ކުރުމަކީ ކުޅިކުޅިވަރަށް ކުރެވޭނޭ ކަމެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވާޢިދަކަށްވެސް ގާނޫނުއަސާސީއާ ޚިލާފަށް ގެންނަބަދަލަކީ، އެމައްޗަށް ޢަމަލު ނުކުރެވޭ ބާޠިލު ބަދަލެކެވެ. 

ރައްޔިތުންގެ މަޖިލީހުން ކަމަށްވިއަސް ޤާނޫނު އަސާސީގެ ބާރުކެނޑޭ ގޮތަށް އަމަލުކޮށްގެން ނުވާނެއެވެ. ދިވެހި ދައުލަތުގެ އެންމެމަތީ ބާރަކީ ޤާނޫނު އަސާސީއެވެ. އަދި ދިވެހިރާއްޖެއަކީ ދުސްތޫރީ ސިޔާދަތީ ބާރުއޮންނަ ޤައުމެކެވެ.ބަރުލަމާނީ ސިޔާދަތީ ބާރުއޮންނަ ގައުމެއް ނޫނެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް