ރެޑްސީ ތެރޭގައި ދަތުރުކުރާ ބޯޓުފަހަރުގެ ބޮކިތައް ނިއްވާލަން ޖެހިއްޖެ

Loading

Facebook
Twitter
WhatsApp


ޔަމަނުގެ ހޫތީން ޙަމަލާތަކުގެ އަމާޒަކަށް ނުވެ ރެޑްސީގެ ތެރެއިން ދަތުރުކުރުމަށްޓަކައި ބޯޓުފަހަރުގެ ބޮކިތަކާއި ޓްރެކިންގ ސިގްނަލްތައް ނިއްވާލަން މަޖުބޫރު ކުރުވައިފިއެވެ. މިހިސާބުން އުފެދޭ ބޮޑު ސުވާލަކީ ޔަމަނުގެ ހޫތީންނަކީ ކިހާ ބާރުގަދަ ބައެއް ހެއްޔެވެ؟                                                

މީގެ ދިހަވަރަކަށް އަހަރުކުރިން ދުނިޔޭގެ މާބޮޑު ސަމާލުކަމެއް ލިބިފައިނުވާ ހޫތީންނަކީ މިއަދު ދުނިޔޭގެ އިގްތިސާދު އެފުށްމިފުށަށް ޖަހާލުމުގެ އިންޒާރުދީ އެކަން ކުރުމުގެ ބާރުލިފައިވާ ޖަމާއަތަކަށް މިވަނީ ވެފައެވެ.

ރެޑްސީތެރެއިން ދަތުރުކުރަމުންދިޔަ ބައެއް ބޯޓުފަހަރަށް ހޫތީން ދިން ރޮކެޓްޙަމަލާތަކާއި ގުޅިގެން ދުނިޔޭގެ ހަކަތައިގެ ބާޒާރުގެ ބިޔަ ނަންތައް ކަމުގައި ބެލެވޭ ބީ. ޕީ. ފަދަ ކުންފުނިތަކުން ކިތަންމެ ޚަރަދު ބޮޑު ނަމަވެސް އެކުންފުނިތަކުގެ ބިޔަ އުޅަނދު ފަހަރުން ދަތުރުކުރާނެ ރެޑްސީ ނޫން އެހެން މަގެއް މިއޮތީ ޚިޔާރު ކުރުން މަޖްބޫރު ކުރުވައިފައެވެ. 

ޔޫރަޕުން އުފައްދާ މުދަލުގެ ސާޅީސް އިންސައްތަ އޭޝިޔާއަށް އުފުލުމުގައި އޮތް ހަމައެކަނި ކުރު ރާސްތާ މިއޮތީ ބަންދުވެފައެވެ. ރެޑްސީގެ ތެރެއިންލާފާ ދުނިޔޭގެ ބާޒާރަށް ދުވާލަކު ނިކުންނަކަމަށް އަންދާޒާކުރެވިފައިވާ 380 މިލިއަން ޓަނުގެ މުދަލާއި 9 މިލިއަން ފީފާތެޔޮ ރެޑްސީ ހުރަސްކޮށް ގެންދިއުން މަނާކުރުމުގެ އާރާއި ބާރު މިހާ ކުރު މުއްދަތެއްގެ ތެރޭގައި ހޫތީންނަށް މިލިބުނީ ކިހެނެއްތޯ ސުވާލު އުފެދެއެވެ. 

ހޫތީންގެ ޙަމަލާތަކަށް ހުރަސްއަޅަން އެމެރިކާއާއި ބައިވެރިން އުފައްދަން އުޅޭ މެރިޓަމް ކޯލިޝަންގައި ސަރަހައްދުގެ ގައުމުތަކުން ބައިވެރިވުމަށް އުޒުރުވެރިވަނީ ހޫތީންގެ އާރާއި ބާރު ހަގީގަތުގައިވެސް އަންދާޒާ ކުރެވޭތީ ހެއްޔެވެ؟ މިއީ ބައިނަލް އަގްވާމީ މީޑިއާއިން ޖަވާބު ހޯދަން މަސައްކަތް ކުރަމުންގެންދާ ސުވާލުތަކެވެ.                 

މިސުވާލުތަކަށް ހޫތީންގެ ބައެއް އިސްވެރިން ވަނީ ވަރަށް ކުރު ޖަވާބެއް އާންމުކޮށްފައެވެ. ހުޅަނގުގެ ލަޝްކަރުތައް ފަދައިން ހޫތީންނަކީ ފިނޑިންނެއް ނޫނެވެ. އަހަރެމެންގެ މަންޒިލް އޮތީ ހާމަކޮށް ފެންނާށެވެ. ކޮންމެ ގޮތެއްގައިވެސް އެ މަންޒިލް ޙާސިލު ކުރާނަމެވެ. މި ޖިހާދުގައި މަރުވެގެން ދިއުމާއި ދުނިޔެއިން ޙާސިލުކުރަން ބޭނުންވާ ލަނޑުދަނޑިއަށް ވާސިލުވުމާއި މި ދެކަމުގައިވެސް އޮތީ ނަސްރާއި ކާމިޔާބީއެވެ.  

ފަލަސްތީނުގެ ޙަމާސްއާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރެޑްސީގެ ތެރެއިން ދަތުރުކުރާ ބޯޓުފަހަރަށް ނުރައްކަލާ ކުރިމަތިލާންޖެހި އެ ސަރަހައްދަކީވެސް ބޯޓު ދަތުރުކުރުމަށް ވަރަށް ނުރައްކާތެރި ތަނަކަށް ވެއްޖެއެވެ. އެެހެނީ ހޫތީން ބުނަމުންގެންދަނީ ފަލަސްތީނަށް އިސްރާޢީލުން ދެމުންގެންދާ ޙަމަލާތަކައި އަހަރެމެންގެ އަޚުންތައް މެރުން ނުހުއްޓާހަ ހިނދަކު އިސްރާޢީލަށް މުދާ އުފުލާ ބޯޓްފަހަރާއި އެމީހުނަށް މަދަދުދޭ ކޮންމެ ބަޔަކީ އަހަރެމެންގެ ޓާގެޓެއްކަމުގައެވެ. އަހަރެމެން އެފަދަ ބޯޓްފަހަރުތަކަށް ޙަމަލާ ދޭނެކަމުގައެވެ. 

ރެޑްސީ އަކީ ބައިނަލް އަގްވާމީ ބޯޓު ދަތުރުފަތުރު ކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރަމުން ގެންދާ ސަރަހައްދެކެވެ. އަންދާޒާ ހިސާބުތަކުން އެނގޭގޮތުގައި ދުނިޔޭގެ ބާޒާރުގައި ދައުރުވަމުންދާ މުދަލުގެ ބާރަ އިންސައްތަ އުފުލެނީ ސުއޭސްކެނަލާއި ރެޑްސީގެ ތެރެއިންނެވެ.

ޔޫރަޕުން އޭޝިޔާއަށް މުދާ އުފުލުމުގައި ސުއޭސް ކެނަލާއި ރެޑްސީ ނޫން އެހެން މަގެއް ޚިޔާރު ކޮށްފިނަމަ އެ ދަތުރަށް އެވްރެޖްގޮތެއްގައި ތިންހާސް ވަރަކަށް މޭލު އިތުރު ވުމާއި ނުވަތަ ބާރަވަރަކަށް ދުވަސް އިތުރުވެގެން ދާނެއެވެ.  

މިގޮތުން އިޚްތިޔާރު ކުރެވޭނެ ގިނަ މަގުތަކެއް ނުމެ ނެތް މެއެވެ. ހަމައެކަނި މަގަކީ ދެކުނު އެފްރިކާގެ ކޭޕް އޮފް ގުޑް ހޯޕް ކައިރިން އޭޝިޔާއަށް މިސްރާބު ޖެހުމެވެ.ނަތީޖާއަކަށް ވެގެންދާނީ ދުނިޔޭގެ ބާޒާރުގައި ދައުރުވަމުންދާ މުދަލު އަގުތައް ވަރަށްބޮޑަށް އުފުލިގެން ދިއުމެވެ.                             

ބައިނަލް އަގްވާމީ މީޑިއާތަކުގައި ހޫތީންގެ ނަން ގެނެވޭ ކޮންމެ ފަހަރަކު އީރާނުގެ ފުރިހަމަ މަދަދު ލިބެމުންދާ ކަމަށް ހާމަކުރަމުން ގެންދިއުމަކީވެސް ވިސްނާލަން ޖެހޭ ކަމަކެވެ. ދުނިޔޭގައި އެބައެއްގެ މަދަދުގާރުންނަށް މަދަދު ފޯރުކޮށްދެނީ ހަމަ އެކަނި އީރާނުން ބާވައެވެ. 

އަމިއްލަ ދިފާއުގައި ނުވަތަ މިނިވަން ކަމަށްޓަކައި ނުވަތަ ތިމަތިމާމެންގެ މަސްލަޙަތު ރައްކާތެރި ކުރުމަށް ޓަކައި މަސައްކަތްކުރާ ޖަމާއަތްތަކަށް އެހީފޯރުކޮށްދޭ ގައުމުތައް މަދެއް ނޫނެވެ. އޭގެތެރޭގައި ދުނިޔޭގެ ބޮޑެތި ބާރުތައްވެސްހިމެނެއޭ ބުނެވިދާނެއެވެ. އެމެރިކާއާއި އިޒްރޭލުގެ ގުޅުމަކީ  މިކަމުގެ ފުރިހަމަ މިސާލެކެވެ.

ކޮންމެއަކަސް ހޫތީންގެ ޙަމަލާތަކާ ގުޅިގެން ހޫނުވެފައިވާ ރެޑްސީ ސަރަޙައްދުން ދަތުރު ކުރާ ބޯޓުފަހަރަށް ހިމާޔަތް ދިނުމުގައި އިނގިރޭސި ވިލާތާއި ފަރަންސޭސިންގެ މަނަވަރުތަކުން މިހާރު ފާރަލާން ފަށައިފިކަމަށް ބުނެފައިވެއެވެ. 

މި މައްސަލައަށް މިއަށްވުރެންވެސް ހަރުދާނާ ޙައްލެއް ގެނައުމަށްޓަކައި އެމެރިކާގެ ޕެންޓަގަނުން މިހާރު ޢިއްލާން ކޮށްފައިވާ އޮޕަރޭޝަން ޕްރޮސްޕަރިޓީ ގާރޑިއަންގެ ޙަރަކާތްތައް ފަށާގަތުން އަވަސްކުރަން ނިންމާފައިވާ ކަމަށް ދިފާއީ ވަޒީރު ލޯއިޑް އައުސްޓިން ވަނީ ހާމަކޮށްފައެވެ.                                      

މިޙާލަތުގައި އެމެރިކާއިން ފަށަން ރާވާފައިވާ މެރިޓައިމް އޮޕަރޭޝަން ކާމިޔާބު ވެދާނެތޯ ނުވަތަ އެކަމުގެ ސަބަބުން މިހާރު ހިނަގަމުންދާ ހަނގުރާމަ އިތުރަށް ފުޅާވެގެންދާނީތޯ މި ސުވާލަށް ޖަވާބު ލިބޭނީ މުސްތަގްބަލް ގައެވެ.ލަފާކުރެވޭގޮތުގައި އެކަންވާނީ ބޮޑު ނާކާމިޔާބީއަކަށެވެ. އެހެނީ ޔޫރަޕްގެ ގައުމުތަކުގައިވެސް އެ ގައުމުތަކުގެ ރައްޔަތުންވަނީ އިޒްރާޢީލުގެ ލާއިންސާނީ ހައްދުފަހަނަޅައިފާ ޢަމަލުތަކަށް ވަރަށްބޮޑަށް ނުރިހި ސީދާޙަރަކާތްތައް ޖައްސައިފައެވެ. ކޮންމެދުވަހެއްގަހެން މަގުމަތިފުރާލައި އިޒްރާޢީލުއާއި ދެކޮޅަން މުޒާހަރާތަށް ކުރިއަށް ދެއެވެ.

އެހެންކަމުން އެބުނާ އޮޕަރޭޝަނެއްގައި އަރަބި ބައްރުގެ މުއްސަނދިކަން  ވީރާނާ ކޮށްލުމުގެ ފޮރުވިފައިވާ ސިއްރު އެޖެންޑާއެއް ނެތްކަމަށް ހީކޮށްގެންނުވާނެއެވެ.އެކަން ސަަޢޫދީ ޢަރަބިޔާއާއި އިމެރެޓްސް އަށްވެސް ވަސްދުވައިފި ކަހަލައެވެ. އެ ދެގައުމުންވެސް މިހާރު ބުނެފައިވަނީ ޔަމަންނާއި ދެކޮޅަށް އެއްވެސް ހަނގުރާމައެއްގައި ބައިވެރި ނުވާނެކަމަށެވެ. 

އެންމެފަހުގެ ޚަބަރުތަައް ބުނާގޮތުގައި އެމެރިކާއިން އީރާނަށް އެދިފައިވަނީ ޔަމަން ހޫތީންގެ ރެޑްސީގެ ހަމަލާތަށް ހުއްޓުވައި ދިނުމަށެވެ. ނަމަވެސް އީރާނުގެ ޖަވާބަކީ އެމެރިކާއަކީ އިޒްރާޢީލު ފަލަސްތީނު ހަނގުރާމައިގެ ސިދާ ބައިވެރިއަކަށްވާތީ،އިތުރުވާހަކައެއް ދެއްކެން ނެތްކަމަށާއި ފަލަސްތީނުގެ ރައްޔަތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކާ އެޅެންހުރި ކޮންމެފިޔަވަޅެއް ވަގުތާއި އެކަށީގެންވާގޮތަށް އަޅާނެކަމުގައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް