ދެ ދައުލަތް އުފެއްދުން ނޫންގޮތަކަށް ފަލަސްތީނަށް ދާއިމީ ސުލްޙައެއް ނުގެނެވޭނެ - ޗައިނާ

Loading

Facebook
Twitter
WhatsApp


ޔުނައިޓެޑް ނޭޝަންސްގެ ސަލާމަތީ ކައުންސިލްގެ ބައްދަލުވުން ނިމުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީ ވިދާޅުވީ މެދުއިރުމަތީގައި ދާއިމީ ސުލްޙަވެރި ވެއްޓެއް ގާއިމްކުރުމަށްޓަކައި ފަލަސްތީނުގައި ދެ ދައުލަތް ގާއިމް ކުރުން ނޫން އެހެން ގޮތެއް ނެތްކަމަށާއި އެކަން މާދަމައަށް ފަސްކުރެވޭކަށްވެސް ނެތް ކަމަށެވެ.

މިއީ ބައިނަލް އަގްވާމީ ގޮތުން އެންމެ ފުރަތަމަ ކުރަންޖެހިފައިވާ މަސައްކަތެވެ. އަދި މިހާރު ހިނަގަމުންދާ ހަނގުރާމައަކީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުން އެންމެ ހިނދުކޮޅަކަށްވެސް ލަސްކުރެވެން ނެތްކަން ހާމަވެގެންދާ ހެއްކެއްކަމަށެވެ.

ޔުނައިޓެޑް ނޭޝަންސްގެ ސަލާމަތާބެހޭ ކައުންސިލްގައި ވާހަކަފުޅު ދައްކަވަމުން ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީ ވިދާޅުވީ އިސްރާއީލަށް ދައުލަތެއް ލިބިދިންތާ އެތައް ޒަމާނެއް ފާއިތުވެގެން ދިޔައިރުވެސް ފަލަސްތީނަށް ދައުލަތެއް ދިނުން އޮތީ ފަހަތުފަޔަށް ބުރަވެގެން ގޮސް ވަޅުޖަހާފައެވެ. 

މިއީ ޗައިނާއަށް ގަބޫލުކުރެވިދާނެ އުސޫލެއް ނޫންކަމަށެވެ. ހަމަޔާއި އިންސާފު ލިބެންޖެހޭނީ ހަމަހަމަ ގޮތެއްގައި ދޭށެވެ. އަދި އަދުލު އިންސާފާއި ހަމަހަމަކަމާއި ހަނގުރާމަތައް ހުއްޓުވުމާއި އަމަން އަމާންކަމާއި އެކު ހުރިހާ އިންސާނުންނަށްވެސް ދިރިދުނިޔޭގައި ތިބެވޭނެ ވެއްޓެއް ކަށަވަރު ކުރުމަކީ ޔުނައިޓެޑް ނޭޝަންސްގެ ކޮނޑުގައި އަޅުވާފައިވާ މަސްއޫލިއްޔަތެއްކަން ހަނދާން ނައްތާލައިގެން ނުވާނެއެވެ.                             

ޗައިނާއިން ބައިނަލް އަގްވާމީ ހުރިހާ ޕްލެޓްފޯމަކަށް މި ގޮވާލަނީ ފަލަސްތީނުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި އެއްވެސް ގައުމަކުން އިޢުތިރާޒުކުރާނެ ފުރުސަތު ނުލިބޭނެފަދަ ބާރުހުރި ނިންމުމެއް ބައިނަލް އަގްވާމީ ސުލްޙައިގެ ބައްދަލުވުމެއްގައި ނިންމުމަށްފަހު އެކުލަވާލެވޭ މަގުޗާޓެއްގެ މަތިން ފަލަސްތީނުގެ ދައުލަތެއް ވީހާ އަހަކަށް އުފައްދައި ނިންމުމަށެވެ.

ޗައިނާގެ ޚާރިޖިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި މި ނޮވެމްބަރު މަހު ޔުނައިޓެޑް ނޭޝަންސްގެ ސަލާމަތާ ބެހޭ ކައުންސިލްގެ ރިޔާސަތުން ފޭބުމުގެ ކުރިންޗައިނާއިން ވަނީ އެ ހުށައެޅުން ސަލާމަތީ ކައުންސިލަށް ހުށައަޅާފައެވެ.އެހެންނަމަވެސް އެމެރިކާއިން ބުނެފައިވަނީ އެމެރިކާއިން ދެކޭގޮތުގައި ޗައިނާއިން ހުށައަޅާފައިވާ ހަތަރު ނުކުތާގެ މައްޗަށް އެކުލެވޭ ސުލްޙައިގެ ހުށައެޅުން ފުރިހަމަނުވާ ކަމަށާއި ޗައިނާ މަސައްކަތް ކުރަމުން ގެންދަނީ ޗައިނާއަކީ ދުނިޔޭގެ ސުޕަރ ޕަވަރެއްކަން ދެއްކުމަށް ކަމުގައެވެ.

އަދި މެދު އިރުމަތީގެ މަސްރަޙް ފިނިކުރެވިދާނެ ގޮތްތައް އެމެރިކާއިން ގެންދަނީ ބަލަމުން ކަމަށާއި އެކަން ޔުނައިޓެޑް ނޭޝަންސް އަށް އަންގާފައިވާނެ ކަމަށެވެ.އަދި އިސްރާއީލާއި ފަލަސްތީނުގެ މައްސަލަ އަބަދުވެސް އެމެރިކާއިން ވަރަށް ގާތުން ބަލަމުން ގެންދާކަމަށާއި ޗައިނާއިން ދަލު ބޭރުން ޖެހުމުގެ ބޭނުމެއް ނެތްކަމަށެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑްން އާއި އެމެރިކާގެ އިސް އޮފިޝަލުންވެސް ގެންދަވަނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމުގެ މަޝްވަރާތައް ކުރަމުން ކަމަށާއި ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމުން ނޫނީ މެދުއިރުމަތީގައި ސުލްޙަވެރި ހަމަޖެހުމެއް ނޯންނާނެކަން އެމެރިކާއަށްވެސް ތަސައްވުރު ކުރެވޭ ކަމަށެވެ.                   

ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ސީދާ ބެއްލެވުމުގެ ދަށުން އީރާނާއި ސަޢޫދީ އެރޭބިޔާ ސުލްޙަވެރި ކުރެވުނީމާ ޗައިނާއިން އުޅެނީ މެދުއިރުމަތީގައި މާ ބާރުގަދަ ބައިވެރިއެއް ކަމަށް ދެކިގެން ކަމުގައިވެސް އެމެރިކާއިން ބުނެފައި ވެއެވެ.

ކްވިންސީ އިންސްޓިޓިއުޓް ފޯރ ރެސްޕޯންސިބްލް ސްޓޭޓްކްރާފްޓް ގެ ނައިބު ރައީސާ ޓްރިޓާ ޕާރސީ ވިދާޅުވެފައިވަނީ އެންމެފަހަރަކު މެދުއިރުމަތީގެ މަސްރަޙްގެ ސުލްޙަ ކާމިޔާބު ކުރެވުނީމާ ޗައިނާއިން ހީކޮށްގެން އެ އުޅެނީ މެދުއިރުމަތީގެ މަސްރަޙުގައި ޗައިނާއަކީ ވަރަށް ބަސްވިކޭ ގައުމެއް ކަމަށެވެ. އެކަމަނާގެ ބަހުރުވައިން ބުނާނަމަ ޗައިނާއިން ދެކެނީ އެއީ އެ ގައުމުގެ އުންމީދުތަށް ފުރިގެން ބަންޑުންދާނެ ދޮރާއްޓެއް ހުޅުވުނީ ކަމަށެވެ.

އެމެރިކާގެ ބައެއް އޮފިޝަލުންގެ ބަސްމަގު މިގޮތަށް ހުރިކަމުގައި ވިޔަސް އެމެރިކާއިން ޔުނައިޓެޑް ނޭޝަންސް އަށް ކަނޑައަޅުއްވާފައިވާ ސަފީރު ލިންޑާ ތޯމަސް ގްރީންފީލްޑްގެ ބަސްމަގު ވަރަށް މަޑުމައިތިރިކަން ފާހަގަކުރެވެއެވެ. އެކަމަނާ ހާމަ ކުރައްވާފައިވާ ގޮތުގައި މެދުއިރުމަތީގެ ސުލްޙައަށް ކުރެވެމުންދާ މަސައްކަތުގައި އެހެން ބައިވެރިންގެ އެއްބާރުލެއްވުން ވަރަށް ބޭނުމެވެ.

މީޑިއާގައި ހާމަކޮށްފައިވާ މިކަމާގުޅުންހުރި އެހެން ޚަބަރުތަކަށް ބަލާއިރު ފަލަސްތީނުގެ ރައްޔިތުންނާއި ދޭތެރޭ އަނިޔާވެރިކަން އިސްކުރަމުން ގެންދާ އިސްރާއީލީން އެމެރިކާއަށް އެތެރެވުން މަނާކުރަން އެމެރިކާ ސަރުކާރުން ވިސްނަމުން ގެންދާކަމަށާއި އެފަދަ މީސްމީހުންގެ މައްސަލަތަކާމެދު އެމެރިކާއާއި ބައިވެރިން ފިޔަވަޅުއަޅާނެކަން ޚާރިޖީ ވަޒީރު ބްލިންކަން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖާމިން ނަތަންޔާހޫ އަށް މިހާރު އަންގަވާފައިވާކަންވެސް ވަނީ ހާމަކޮށްފައެވެ. 

މީގެ ކުރިން ޖެރޫސަލަމް އާއި ޓެލް އަވީވުގައި ބްލިންކަން ބޭއްވެވި ނޫސްވެރިންގެ ބައްދަލު ކުރެއްވުމެއްގައިވެސް ފަލަސްތީނުގެ ބިންތަކުގައި ވަޒަން ވެރިވެގަނެގެން އުޅޭ ޔަހޫދީންގެ ހައްދުފަހަނަޅާފައިވާ އަނިޔާވެރި ކަމާމެދު ކަންބޮޑުވެ ވަޑައިގަންނަވާކަން ބްލިންކަން ވަނީ ހާމަކުރައްވާފައެވެ.

ޔަހޫދީންގެ މި އަނިޔާވެރިކަން ހުއްޓުވުމަށްޓަކައި ފިޔަވަޅު އެޅުމަށް އިސްރާއީލުގެ ސަރުކާރަށް އަހަރެމެންވާނީ އަންގާފައެވެ. އަދި އެކަމުގައި އަހަރެމެންވެސް ހަމަހިމޭނުން ނުތިބޭނެކަން އޮންނާނީ އަންގާފައެވެ. 

މިވަގުތަށް އަހަރެމެން އަޅަން ގަސްދުކޮށްފައިވާ ފިޔަވަޅުތަކުގެ ތެރޭގައި މިހާރު ގިނަ ގައުމުތަކެއްގެ ރައްޔިތުންނަށް ކުރިން ވިސާ ނެގުމަކާ ނުލައި އެމެރިކާއަށް އެތެރެވުމާއި އަދި 90 ދުވަސްވާންދެން އެމެރިކާގައި ތިބުން ހުއްދަކޮށްފައިވާ ޕްރޮގްރާމުން އެފަދަ ޢަމަލުތައް ހިންގާ އިސްރާއީލީން އެކަހެރި ކުރުން ހިމެނެއެވެ. 

ވިސާ ނެގުމަކާ ނުލައި އެމެރިކާއަށް އެތެރެވުން ހުއްދަ ކޮށްފައިވާ ގައުމުތަކުގެ ތެރޭގައި އިސްރާއީލް ހިމެނުނީ މިދިޔަ އަހަރުގެ ތެރޭގައެވެ. 

ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ ޔަހޫދީ ވަޒަންވެރިންގެ ހައްދުފަހަނަޅާފައިވާ އަނިޔާވެރި ކަމާހުރެ އެމީހުން އެމެރިކާއަށް ވަނުން މަނާކުރަން ގަސްދުކުރެވުނީ މިހާރު ހިނގަމުންދާ ހަނގުރާމަ ވަގުތީ ގޮތުން ހުއްޓާލުމަށްފަހު އެ މުއްދަތު އިތުރުކުރަން އެންގުމުން އިސްރާއީލު ސަރުކާރުން އެކަމަށް ދެކޮޅުހެދުމާ ގުޅިގެންނެވެ.

އެމެރިކާއަކީ އިޒްރާއީލަށް އެންމެގިނައިން ފައިސާގެ އެނހީއާއި ފަނާކުރަނިވި ހަތިޔާރު ފޯރުކޮށްދޭ ގައުމެވެ. އަދި އޭގެތެރެއިން ގިނަ ހަތިޔާރާއި ބޮން ބޭނުންކުރަނީ ފަލަސްތީނު އަޅުވެތިކޮށްފައި ބޭއްވުމަށެވެ.                                                          

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް