މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ އިންޓާރންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެމްޕީއެލުން ބުނީ މިއީ ސާނަވީ އަދި މަތީ ސާނަވީ ތަޢުލީމް ހާސިލްކުރަމުންދާ ދަރިވަރުންނަށް މަސައްކަތުގެ މާހައުލުގެ އަމަލީ ހުނަރުތައް ދަސްކޮށްދީ، ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން ހިންގާ ޕްރޮގްރާމެއް ކަމަށެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ޑިސެންބަރ މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށެވެ. މި އިންޓާރންޝިޕް ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ޑިސެމްބަރު 24 އިން އަންނަ އަހަރުގެ ޖެނުއަރީ ހަތަރު ވަނަ ދުވަހުގެ ނިޔަލަށެވެ.
އެމްޕީއެލްއިން ބުނީ މި އަހަރުގެ އިންޓާރންޝިޕް ޕްރޮގްރާމްގައި ދަރިވަރުން ތަމްރީނު ހޯދުމަށް ކަނޑައަޅާފައިވާ ދާއިރާތަކަކީ އިންޖީން ރިޕެއަރ އެންޑް މެއިންޓަނަންސް-މެރިން ސެކްޝަނުން 2 ޖާގަ، ފެބްރިކޭޝަން އޮފް ބްރާސް އިމްޕެލާރ-މެޝީން ޝޮޕުން 2 ޖާގަ، ކާޕެންޓްރީން 2 ޖާގަ، ޕަވަރަ ޖެނަރޭޝަން އެންޑް ޑިސްޓްރިބިއުޝަން-އިލެކްޓްރިކް އެންޑް އިލެކްޓްރޯނިކް އިން 2 ޖާގަ ހިމެނެއެވެ.
މީގެ އިތުރުން އެޗްވީއޭސީ އެންޑް އިލެކްޓްރިކަލް ސާރވިސް-އިލެކްޓްރިކް އެންޑް އިލެކްޓްރޯނިކް އިން 2 ޖާގަ، ގްރެފިކް ޑިޒައިނިންގ 1 ޖާގަ، ކޮޕީ ރައިޓިން އިން 1 ޖާގަ، ސިވިލް އިންޖިނިއަރިންގ/ ސާރވޭއިން 1 ޖާގަ އަދި އާކިޓެކްޗަރަލް ޑްރާފްޓިންގ އިން 1 ޖާގަ ހިމެނެއެވެ. މި ޕްރޮގްރާމްގައި މަސައްކަތުގެ އަމަލީ ތަޖުރިބާ ހޯދާއިރު، ކޮންމެ ދަރިވަރަކަށް ވެސް މެންޓަރއެއް ހަމަޖައްސާނެ ކަމަށާއި ދަރިވަރުންނަށް މަސައްކަތުގެ ހުނަރު ދަސްކޮށްދީ، މަޢުލޫމާތުތައް ދިނުމުގައި އެންމެ ބޮޑު ދައުރެއް އަދާ ކުރާނީ މެންޓަރގެ ގޮތުގައި ކަނޑައަޅާފައިވާ މުވައްޒަފުން ކަމަށް އެމްޕީއެލްއިން ބުނެފައި ވެއެވެ.
އެމްޕީއެލްއިން ބުނީ މި ޕްރޮގްރާމްގެ އެއް މަޤްޞަދަކީ އެމްޕީއެލްގައި އޮތް ވަޒީފާގެ ފުރުސަތުތަކާއި، ދާއިރާތަކަށް ދަރިވަރުން އަހުލުވެރިކޮށް، މެރިޓައިމްއާ ގުޅުންހުރި ދާއިރާތަކަށް ދަރިވަރުން ޝައުގުވެރި ކުރުމާއި ޕޯޓުގައި ކުރާ މަސައްކަތްތަކާމެދު ދަރިވަރުން އަހުލުވެރި ކުރުވުން ކަމަށެވެ.
![]()
