ރަތްކަނޑުގެ ދެކުނުގައި އޮންނަ ބާބުލް މަންދެބް ކައިރިން ދަތުރުކުރި މުދާ އުފުލާ ބޯޓަކަށް ޔަމަނުގެ ހޫތީ މުޖާހިދީން އިސްވެ ކްރޫސް މިސައިލް ހަމަލާއެއް ދީފިއެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނެފައިވަނީ، ހޫތީން ދިން ކްރޫސް މިސައިލް ހަމަލާއެއްގައި އަލިފާން ރޯވުމުގެ ސަބަބުން އުޅަނދަކަށް ގެއްލުން ވެފައިވާކަމަށާއި، އެއްވެސް މީހަކަށް އަނިޔާވެފައިވާކަމުގެ ޚަބަރު ލިބިފައި ނުވާކަމަށެވެ. މި ހަމަލާގައި ގެއްލުން ވެފައިވަނީ މޯޓޯ ޓްރާންސްޕޯޓް ސްޓްރިންޑާ ނަމަކަށް ކިޔާ ބޯޓަކަށެވެ.
އެމެރިކާއިން ބުނެފައިވަނީ ހަމަލާގެ ވަގުތު އެއްވެސް ނޭވީ ބޯޓެއް އެހިސާބުގައި ނެތްކަމަށާއި، ނަމަވެސް މިހާރު އެމެރިކާގެ ޑިސްޓްރޯޔަރ އުޅަނދެއްކަމަށްވާ ޔޫއެސްއެސް މޭސަން ހަމަލާގެ ސަރަހައްދަށް ގޮސްފައިވާކަމަށެވެ. އަދި ގެންދަނީ އެހީތެރިކަން ފޯރުކޮށްދެމުންކަމަށް އެމެރިކާއިން ބުނެއެވެ.
ފާއިތުވެދިޔަ ދުވަސްތަކުގައި، އެމެރިކާގެ ޑިސްޓްރޯޔަރ، މޭސަން އަދި ޔޫއެސްއެސް ކާރނީއިން ވަނީ އިސްރާއީލާއި މުދާއުފުލާ ބޯޓުފަހަރަށް ހޫތީން ދެމުންދާ ޑްރޯން އަދި މިސައިލް ހަމަލާތައް ހުއްޓުވުމުގައި ހަރަކާތްތެރިވެފައެވެ. އަދި އެމެރިކާއިން މިހާރު އަންނަނީ އެހެން ގައުމުތަކާއި ގުޅިގެން ޔަމަނުން ރަތްކަނޑުގައި ޓާގެޓުކުރަމުން ގެންދާ ބޯޓުތަކުގެ ހިމާޔަތުގައި މަސައްކަތްކުރުމަށް ޓާސްކްފޯހެއް އެކުލަވާލުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.