ދިވެހިރާއްޖެއާއި، ވަރލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިޔުޓީއޯ) ގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި ކުރިމަގުގައި ދެފަރާތުން ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ. އިންސާނީ ހައްގުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަގުވާމީ މުއާހަދާ ”ޔުނިވަރސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް“ އަށް 75 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމަށްޓަކައި ބާއްވާ މަތީ ފަންތީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ސްވިޒަރލެންޑްގެ ޖެނީވާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ ވަނީ ޑަބްލިޔުޓީއޯގެ ޑިރެކްޓަރ ޖެނެރަލް ޑޮކްޓަރ އުންގޯޒީ އޮކޮންޖޯ އިވެއެލާ އާ ބައްދަލުކުރައްވައިފައެވެ. މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސްގެ އަރިހުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ-އެޓް-ލާރޖް މުޙައްމަދު ޙުސައިން ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލު ކުރެއްވުމުގައި ނައިބު ރައީސް ވަނީ، ޑަބްލިއުޓީއޯއިން ދިވެހިރާއްޖެއަށް ފޯރުކޮށްދެއްވާ ފަންނީ އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވައި ރާއްޖެއިން އޮތީ އިތުރަށް އެ ގުޅުން ބަދަހިކުރުމަށާއި ގުޅިގެން މަސައްކަތްކުރުމަށް ތައްޔާރަށްކަން ފާހަގަކުރައްވާފައެވެ. މީގެއިތުރުން ދަރަނި ރީސްޓްރަކްޗަރ ކުރުމުގެ މުހިންމުކަމާއި ރާއްޖެއަށް ބޭރުގެ ސީދާ އިންވެސްޓްމަންޓްތައް އިތުރަށް ގެނައުމުގެ މުހިންމުކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
![]()
