ރައީސް ޕުޓިން ސައުދީ އާއި ޔޫއޭއީއަށް ވަޑައިގެންފި

Loading

December 8, 2023
Facebook
Twitter
WhatsApp

ރަޝިއާގެ ރައީސް ވްލާޑިމިރް ޕުޓިން ބުދަ ދުވަހު ސައުދީ އަރަބިއާއަށާއި އެކުވެރި އަރަބި އިމާރާތަށް ޒިޔާރަތްކުރައްވައިފިއެވެ.

ރަޝިއާއާއި ޔޫކްރޭން ހަނގުރާމަ މެދުކެނޑުމެއްނެތި ކުރިއަށްދާއިރު، ޕުޓިން މެދުއިރުމައްޗަށް ކުރެއްވި މިދަތުރުފުޅަކީ މެދުއިރުމަތީގެ ހަމަޖެހުމަށް ވަކާލާތުކުރުމަށް ކުރެއްވި ދަތުރުފުޅެއްކަމަށް ޚަބަރުތަކުން ބުނެއެވެ.

އެކުވެރި ދައުލަތުގެ މޫސުމާއި ބެހޭ މަހާސިންތާ، ކޮޕް28 ކުރިއަށް ގެންދިޔަ ޔޫއޭއީގެ އަބޫ ދާބީއަށް ޕުޓިން ވަޑައިގަތްއިރު، މިއީ ކޮރޯނާވައިރަހުގެ އާލަމީ ވަބާއާއި، ޔޫކްރޭން ހަނގުރާމަ ފެށުމުގެ ފަހުން މިސަރަހައްދަށް އޭނާ ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

 ޕުޓިން ވަނީ އެކުވެރި އަރަބި އިމާރާތުގެ ރައީސް މުޙައްމަދު ބިން ޒައިދް އަލްނަހްޔާން އާއި ބައްދަލުކުރައްވާ، ދެގައުމުގެ ހަކަތައިގެ އެއްބަސްވުމާއި، މެދުއިރުމަތީގެ ސުލްހައިގެ މައްސަލަތަކާއި، ޔޫކްރޭނުގެ މައްސަލައާއި ގުޅޭ މަޝްވަރާތައް ކުރައްވާފައެވެ. އަދި ރަޝިއާއާއި ޔޫއޭއީއާއި ދެމެދު އޮތް ގުޅުންތައް ފާހަގަކުރައްވާ ތައުރީފުކުރެއްވުމަށްފަހު، ޕުޓިން ވަނީ ކޮޕް28 ބޭއްވުމަށް ގައުމުގެ މެހެމާންދާރީ ހުޅުވާލުމަށް ޔޫއޭއީއަށް ލިބުނު ފުރުސަތަށް މަރްހަބާ ކިޔާފައެވެ.

ޔޫކްރޭނަށް ހަނގުރާމަމަތީ ސިފައިން ފޮނުވަން ފެށުމަށްފަހު ގައުމުން ބޭރަށް ޕުޓިން ކުރައްވާ ދަތުރުފުޅުތައް މަދުކޮށްފައިވީނަމަވެސް، އޮކްޓޯބަރު މަހު ޗައިނާއަށް ކުރެއްވި ދަތުރުފުޅު ހިމެނޭގޮތައް ފާއިތުވި މަސްތަކުގައި ޕުޓިން ވަޑައިގަންނަވަނީ ކުރީގެ ސޯވިއެޓް ގައުމުތަކަށް ޒިޔާރަތްކުރައްވަމުންނެވެ. މިގޮތުން، ބުރާސްފަތި ދުވަހު ޕުޓިންވަނީ އިރާނުގެ ރައީސް އިބްރާހިމް ރައީސީއާއި މޮސްކޯގައި ބައްދަލުކުރައްވާފައެވެ. އަދި ދެބޭފުޅުންވަނީ މެދުއިރުމަތީގެ މައްސަލަތަކާއި، އިސްރާއީލުން ޣައްޒާގައި ކުރާ ހަނގުރާމައާއި ގުޅޭ މަޝްވަރާތަކުގެ އިތުރުން،  ޕުޓިން ސައުދީ އަރަބިއާއާއި ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅުތަކުގައި ދެކެވުނު ވާހަކަތަކާއި ގުޅޭ މަޝްވަރާތައް ކޮށްފައެވެ. 

ޔޫކްރެއިންއާއި ދެކޮޅަށް ރަޝިއާއިން ކުރަމުންދާ ހަނގުރާމައިގެ މައްސަލާގައި ބައިނަލްއަޤްވާމީ ކްރިމިނަލް ކޯޓުން ވަނީ ޕުޓިން ހައްޔަރުކުރުމަށް އަމުރެއް ނެރެފައެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް