އިސްރާއީލުން ފަލަސްތީނުގެ ބިމުގައި އެގައުމުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގާ ގަތުލުއާންމަށް ނިމުމެއް ނާދެއެވެ. އިންސާނިއްޔަތުކަމެއް ނެތި ޣައްޒާގެ ދަރީން ޤަތުލުކުރަމުންދާ މަންޒަރު ބެލުމަކީ ގިނަ ބައެއްގެ ހިތަށް ކުޅަދާނަކަމެއް ނޫނެވެ.
ގަތުލުއާންމުގެ ކުރީކޮޅުގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ނިސްބަތްވާ އާންމުންގެ ގިނަ ބަޔަކު ގެންދިޔައީ، އެކްސްފަދަ މީސްމީޑިއާގެ ވިއުގަތަކުގައި އިސްރާއީލާއި ދެކޮޅަށް ކުރަމުން ގެންދިޔަ ޑިޖިޓަލް ހަނގުރާމައިގައި ބައިވެރިވަމުންނެވެ.
އެތައް މިލިއަން ރައްޔިތުންނެއް ކެނޑިނޭޅި ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އިސްރާއީލުގެ އެތައް ބިލިއަން ޑޮލަރުގެ ޕްރޮޕެގެންޑާ އިންޑަސްޓްރީއަށް ފޫނުބެދޭ ވަރުގެ ގެއްލުންލިބުމެވެ. ދުނިޔޭގެ އެންމެނަށްވެސް މިހާރު ވާނީ އިސްރާއީލުގެ ހަގީގީ ސޫރަ ފެނިފައެވެ. ހަމަމިއާއެކު، ދުނިޔޭގެ އެންމެނަށް ވަނީ މުސްލިމު މަހުޖަނު އަރަބި ގައުމުތަކުގެ ބަލިފައިވެސް އެނގިފައެވެ.
ބައެއް މުސްލިމް ގައުމުތަކުގެ ޚުދުމުޚުތާރު ވެރީންނަކީ އާރާއި ބާރުގެ ވާހަކަ އަޑު ހަރުކޮށް ދެއްކުމަށްފަހު، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، ”އަމިއްލަ މަސްލަހަތު ހިމާޔަތްކުރަން އެދޭނަމަ އަރަބި ލީޑަރުން ތިބެންވާނީ ހަނު.“ ކަމަށް ބުނުމުން އެކަމަށް ބޯލަނބާ ވެރީންނެވެ. މިއީ ކުޑަކުޑަ ”ގައުމެއް“ގެ ވެރިއެކެވެ. އެބުނަނީ ބޮޑެތި އަރަބި ގައުމުތަކުގެ ޖާގައަކީ ކުރުކަކޫޖަހައިގެން ތިބުންކަމަށެވެ. މިއީ އިސްލާމީ ގައުމުތަކުގެ ހައިސިއްޔަތުން ލިބޭ ކިހާބޮޑު ހުތުރެއް ހެއްޔެވެ. ކިތަންމެ ލަދުވެތި ހާލަތެއްނަމަވެސް، ލިބޭ ކޮންމެ ފުރުސަތެއްގައި އިސްރާއީލުގެ ނުބައިކަމުގެ ވާހަކައިގެ އިތުރުން، އެގައުމުތަކުން ޣައްޒާއަށް ކާނާއާއި، ބޯފެނާއި އެހީ ފޮނުވާ ވާހަކަ އެބަދައްކައެވެ. މިގައުމުތަކަށް ލިބެނީ މުސްލިމް ދުނިޔޭގެ މަލާމާތެވެ. ފެށުނީއްސުރެ އިސްރާއީލާއި ދެކޮޅަށް އަޑުހަރުކޮށް ވާހަކަ ދެއްކި މުސްލިމް ބައެއް ގައުމުތަކުންވެސް މިހާރު ރާގު ބަދަލުކޮށް ކުރާހާވެސް ކަމަކީ އަމިއްލަ މޮޅުކަމާއި ބޮޑުކަން ދެއްކުމެވެ. ފަލަސްތީނުގެ ފަހަތުގައި ސަރުކާރުން ތިބިކަމަށް އެގައުމުގެ ރައްޔިތުންނަށް ދެއްކުމަށްޓަކައެވެ.
ފަލަސްތީނަށް ސަޕޯޓުކުރުމަކީ މޮޅެތި ފޮނި ވާހަކަތައް ދައްކައި، މަދު ކާއެތިކޮޅަކާއި، ދެއްކުންތެރިކަމަށްޓަކައި ފޮނުވާ ޞަދަގާތެއް ހެއްޔެވެ؟ އެމީހުން ފޮނުވާކަމަށް އެބުނާ އެހީގެ އުޅަނދުތަކަށް ޣައްޒާއަކަށް ނުވެސް ވަދެވެއެވެ. ވެއްދޭ ތަކެތިވެސް ބޮން އަޅައި ގޮއްވާލަނީއެވެ. ހުސްވާހަކަ ދައްކައިގެން އެމީހުން މިކުރާ މަސައްކަތަކީ ހަމަ ސަމާލުކަން ހޯދުމުގެ ގޮތުން ކުރާ ކަމަކަށް ނޫނީ ނުވެއެވެ.
މުސްލިމް ގައުމުތަކުގެ ވެރީން ހިމެނޭހެން، ދުނިޔޭގެ ގިނަ ގައުމުތަކުގެ ވެރީން ކުރާ މަސައްކަތްތަކަކީ އެގައުމުތަކުގެ ރައްޔިތުން ދެކެ ޖެހިލުންވާތީ ކުރާ މަސައްކަތް ތަކެކެވެ. ޑިމޮކްރެޓިކް ގައުމުތަކުގައި އިސްރާއީލާއި ދެކޮޅަށް ބަސްބުނެ ފިޔަވަޅެއް އަޅާތަން ނުދައްކައިފިނަމަ ރައްޔިތުންގެ ވޯޓުން އެމީހުން ބާކީވެސް ކޮށްލާނެކަން އެމީހުންނަށް އެނގެއެވެ. ޣައްޒާގައި ޤަތުލުކުރަމުންދާ އެތައް ހާސް މައުސޫމް ކުޑަކުދީންނަށް ދެވޭ އިހާނެތި އަނިޔާތަކުގެ ޒިންމާ ދުނިޔޭގެ ގައުމުތަކުގެ ލީޑަރުންގެ ބޮލުގައިވެސް އެޅެމުންދާތީ، އެކަން ހުއްޓުވުމަށް ތަކުރާރުކޮށް އެމީހުންނަށް ގޮވަންޖެހެއެވެ.
ފަލަސްތީނުގެ ރައްޔިތުންނަށް މިއަދު ބޭނުންވަނީ ފައިސާއާއި މާއްދީ ތަކެއްޗެއް ނޫނެވެ. ބޭނުންވަނީ ފިޔަވަޅުތަކެވެ. އަދި ފިޔަވަޅުތައް އެޅުމަށް ދުނިޔޭގެ ސަރުކާރުތަކަށް ބާރުއަޅައި މަޖުބޫރުކުރުވުމެވެ. ޔަގީނެވެ. އަރަބިގައުމުތަކުން އެއްބަސްކިޔައިގެން ފަލަސްތީނު ވީހާލެއްގައި ވާން ދޫކޮށްލައިފިއެވެ. އެކަމަކު، އަހަރެމެން އާންމުންނަކީ އެހާ ފަސޭހައިން މިކަން ދޫކޮށްލާނެ ބައެއް ނޫނެވެ. ޣައްޒާގެ ދަރިން ޝަހީދުވެފައިވާ ކޮންމެ ބެލެނިވެރިއަކާއި، ޔަތީމުވެފައިވާ ކޮންމެ ކުއްޖަކަށް ބަދަލާއި އިންސާފު ލިބެންދެން ހަމަގައިމު ދުލެއް ނުކުރާނަމެވެ. ހަނދާނެއްވެސް ނުނެތޭނެއެވެ. ކޮންމެ މަންމައަކާއި ބައްޕައަކާއި ޒުވާނަކުވެސް، ކޮންމެ ދުވަހެއްގެ 30 މިނެޓު އެކްސްގައި ނުވަތަ ޓިކްޓޮކްގައި ފަލަސްތީނަށްޓަކައި ހޭދަކޮށްލުމަށް ފްރެންޑްސް އޮފް ފަލަސްތީން އެންޖީއޯގައި ދިވެހިރާއްޖެ ތަމްސީލުކުރައްވާ ފަރާތުން އެދިވަޑައިގެންފައިވެއެވެ.
”ފަލަސްތީނަށްޓަކައި ޚަރަދުކުރަން ބޭނުންވަނީ ފައިސާނަމަ، ފަލަސްތީނު ރައްޔިތުންނާއި ކުޑަކުދީން އިސްރާއީލުން ދައްކާ ބިރުވެރިކަމާއި އަނިޔާވެރިކަމުގައި އުޅޭ ހާލު ދައްކުވައިދޭ ބިލްބޯޑުތައް ގިނަ މީހުންނަށް ފެންނަ ތަންތަނުގައި އިސްތިހާރުކުރާށެވެ. ބޭނުންވާކަމަކީ މިއީއެވެ. އަބަދުވެސް އެންމެންނަށްވެސް ހަނދާންކޮށްދިނުމެވެ. ހަނދާނުން ފޮހެވުނަދީގެން ނުވާނެއެވެ. އެއްވެސް މީހަކު ޣައްޒާގެ ގަތުލުއާންމުގެ މަތިން ހަނދާންނެތުނަ ނުދިނުމަށްޓަކައި ތިމާއަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާށެވެ. ފަލަސްތީނުގެ ދަރީންނަށް މިކަން ނުކުރެވުނު ނަމަވެސް، އަހަރެމެން އާންމުންނަށް ވާނެއެވެ.