އިސްރާއީލުން ޣައްޒާގައި ކުރަމުންގެންދާ ހަނގުރާމައިގައި އިސްރާއީލާއި އެއްބައިވުމަށްފަހު އެމީހުންގެ ”މޯރަލް ހައިގްރައުންޑް“ ގެއްލިފައިވާކަމަށާއި، އަހުލާޤިއްޔަތުގެ ވާހަކަ ދެއްކުމުގެ ހައްގު އެމީހުންނަށް ނެތްކަމަށް ގޮއިންގް އަންޑަރގްރައުންޑް ޕްރޮގްރާމްގައި އަފްޝިން ރަތަންސީ އާއި ވާހަކަދައްކަމުން ސައުދީ އަރަބިއާގެ ރިޔާދުގެ އަރަބް ނިއުސްގެ އެޑިޓަރ-އިން-ޗީފް ފައިސަލް އައްބާސް ބުނެފިއެވެ. ގައުމެއް ހިޞާރުކޮށްގެން އުޅޭ ބާރަކަށް ނަފްސުގެ ދިފާއުގައި ހަމަލާ ދިނުމުގެ ހައްގެއް ނޯންނާނެކަމަށް ފަލަސްތީނުގެ ހައްގުގައި ޔޫއެންގައި ވަކާލާތުކުރާ އިންސާނީ ހައްގުތަކާއިބެހޭ ވަކީލު، ފްރެންޗެސްކާ އަލްބަނީސް ވިދާޅުވެފައިވާކަން ފައިސަލް ފާހަގަކުރިއެވެ.
ފައިސަލް ބުނެފައިވާގޮތުގައި 15000 އަށްވުރެ ގިނަ މީހުން ގަތުލުކުރުމަށާއި، ކުޑަކުޑަ ތުއްތު ކުދިން އިމާރާތްތަކުގެ ދަށުން ނެގުމަށާއި، ކަރަންޓާއި ފެނާއި ތެޔޮ ހަތިޔާރުގެ ގޮތުގައި ބޭނުންކުރުމުގެ ހުއްދަ ދިން ހިސާބުން ހުޅަނގުން އެގެންގުޅޭ ”މޯރަލް ހައިގްރައުންޑް“ ގެ ބިލާހަށް ނިމުމެއް އައިސްފިކަމަށެވެ.
ހުޅަނގުގެ މީޑިއާއިން އަށްޑިހަ އަހަރުގެ އަނިޔާއާއި ލާއިންސާނީ އަމަލުތައް މަތިއަޅާފައިވާކަމަށާއި، 1200 މީހުންގެ ބަދަލުގައި 15000 މީހުން މަރާލައި، އެއްގައުމަކުން ހިތުހުރިގޮތަކަށް ކަންތައް ކުރުމުގެ ފުރުސަތު ދެވިގެން ނުވާނެކެމަށް ފައިސަލް އައްބާސް ބުނެފައިވެއެވެ. މިއީ އަދަދުތަކުގެ ވާހަކައެއް ނޫންކަމަށާއި، ގެއްލޭ އެންމެ ފުރާނައަކީވެސް ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށް އޭނާ ބުންޏެވެ. ފައިސަލް ވަނީ ސައުދީ އަރަބިއާއިން އިސްރާއީލާއި ދެކޮޅަށް އިއުލާނުކުރި އާމްސް އެމްބާގޯ، ނުވަތަ ހަތިޔާރު ވިއްކުން ހުއްޓާލުމުގެ އަމުރަށް ތައުރީފުކޮށް ވާހަކަދައްކާފައެވެ.
މީގެއިތުރުން، ޔޫއޭއީގައި ބޭއްވި ކޮޕް28 ސަމިޓުގެ މަޝްވަރާތަކަށްވެސް މި އެޕިސޯޑުގައިވަނީ އަލިއަޅުވާލާފައެވެ.