އެމެރިކާގެ ކޮފީ ޝޮޕް ފްރެންޗައިޒް، ސްޓާބަކްސްއާއި ސްވީޑެންގެ އަންނައުނު ބްރޭންޑް، އެޗްއެންޑްއެމް އިން މޮރޮކޯގެ ބާޒާރުން އެތަންތަނުގެ ފިހާރަތަކާއި މުދާނަގައި، މޮރޮކޯއަށް އަލްވަދާއު ކިޔުމަށް ތައްޔާރުވެފައިވާކަން ހާމަވެއްޖެއެވެ.
މޮރޮކޯގެ ނޫސްތަކުން ރިޕޯޓުކޮށްފައިވަނީ އެޗްއެންޑްއެމްއާއި ސްޓާބަކްސް ހިންގުމުގެ ރައިޓްސް އޮންނަ ކުވައިތުގެ ފްރެންޗައިޒްގެ މޮރޮކޯ ސަބްސިޑިއަރީ، އަލްޝާޔާ މޮރޮކޯއިން އަންނަނީ މޮރޮކޯ ރައްޔިތުން އެކުންފުނިތަކާއި ދެކޮޅަށް ހިންގަމުންގެންދާ ބޮއިކޮޓްގެ ސަބަބުން އުނދަގޫތަކާއި ކުރިމަތިލަމުންކަމަށެވެ.
އިސްރާއީލުން ފަލަސްޠީނުގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކާއި ދެކޮޅަށް ހިންގަމުން އަންނަ އިސްރާއީލުގެ މަސްލަހަތު އޮންނަ ނުވަތަ އެގައުމަށް ތާއީދުކުރާ ބްރޭންޑްތަކާއި ކުންފުނިތައް ބޮއިކޮޓްކުރުމުގެ ހަރަކާތުގެ ސަބަބުން އަރަބި ގައުމުތަކުގައި ހިންގާ ހުޅަނގުގެ ގިނަ ވިޔަފާރިތަކަކަށް އޭގެ އަސަރުވަނީ ކޮށްފައެވެ.
މިގޮތުން، މިސްރާއި، ޖޯޑަނާއި، ކުވައިތު އަދި މޮރޮކޯގެ ބާޒާރުން މި ބޮއިކޮޓްގެ ނަތީޖާ ފެންނަން އެބަހުއްޓެވެ. އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ޤަތުލުއާންމާއި ދެކޮޅަށް އަޑުއުފުލައި، ނުރުހުން ފާޅުކުރުމުގެ ގޮތުން އެކި ގައުމުތަކުގެ ރައްޔިތުން ކުރަމުން އަންނަ މަސައްކަތުގެ ސަބަބުން މެކްޑޮނަލްޑްސްއާއި، ސްޓާބަކްސް އަދި ކޭއެފްސީފަދަ ފާސްޓް-ފުޑް ޗެއިންތަކަށް އެތައް ބައިވަރު ކަސްޓަމަރުންނެއް ގެއްލިފައިވެއެވެ. މީސްމީޑިއާގައި ފުޅާ ދާއިރާއެއްގައި ހިންގަމުން އަންނަ މި ބޮއިކޮޓް ހަރަކާތުގައި ގިނަ ކުންފުނިތަކަކަށް ޓާގެޓްކޮށްފައިވާއިރު، ގިނަ ބަޔަކު އަންނަނީ އެފަދަ ކުންފުނިތަކުން ވިއްކާ މުދަލުގެ ބަދަލުގައި އަމިއްލަ ގައުމުގައި އުފައްދާ ތައްޔާރުކުރާ ތަކެއްޗާއި ދިމާލަށް އެނބުރެމުންނެވެ.
އިސްރާއީލުން ޣައްޒާ ސްޓްރިޕްއަށާއި، ވެސްޓް ބޭންކްއަށް ދެމުން ގެންދާ ހަމަލާތަކުގެ މެދުގައި، މި ދެ ބްރޭންޑަކީވެސް އިސްރާއީލަށް މާލީ މަންފާ ހޯދައިދޭ ކުންފުނިތަކެއް ކަމަށް ޝައްކުކުރެވޭ ދެ ކުންފުންޏެވެ. އެހެންނަމަވެސް، އެކުންފުނިތަކުން ނެރެފައިވާ ރަސްމީ ބަޔާނުން ބުނަނީ މުޅިން އެހެން ވާހަކައެކެވެ.
އެގޮތުން، އެ ބަޔާނުގައިވަނީ، މޮރޮކޯގެ ބާޒާރާއި ދުރުވާން ނިންމާފައިވަނީ އެފަރާތުގެ ޚިދުމަތާއި ވިއްކާ މުދަލަށް އެގައުމުގެ ބާޒާރުގައި މާބޮޑު ޑިމާންޑެއް ނެތުމުންކަމަށެވެ. އެކަމަކު މޮރޮކޯގެ ރައްޔިތުން ގަބޫލުކުރާގޮތުގައި، މި ބައިނަލްއަޤްވާމީ ކުންފުނިތަކުން އެމީހުންގެ މުދަލާއި ފިހާރަތައް ނެގުމަށް ނިންމާފައިވަނީ އެފަރާތާއި އިސްރާއީލާއި ދެމެދުގައި އޮންނަ ގުޅުމުގެ ސަބަބުންނެވެ. ފަލަސްޠީނުގެ ސަޕޯޓުގައި ފެށި މި ބޮއިކޮޓް ހަރަކާތް ހީކުރި ވަރަށްވުރެ ފުޅާވެ، އަރަބި ގައުމުތަކުން ބޭރަށް ވަނީ ފެތުރިފައެވެ. އެގޮތުން، މެލޭޝިއާއާއި އެހެން ބައެއް ސަރަހައްދުތަކުގައި ހުރި މި ބްރޭންޑްތަކުގެ ފިހާރަތަކަށް މީހުން ވަންނަ މިންވަރު މަދުވެ ބައެއް ފިހާރަތަކަށް އެއްގޮތަކަށްވެސް މީހުން ނުވަންނަ ހިސާބަށް ވަނީ ގޮސްފައެވެ.