ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޔުނައިޓެޑް ޢެރެބް އެމިރޭޓްސްގެ ދުބާއީއަށް ވަޑައިގެންފިއެވެ.
ރައީސް މުޢިއްޒު ދުބާއީއަށް ވަޑައިގެންނެވީ ރޭގެ ވަގުތެއްގައެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ކޮޕް 28 ގައި ބައިވެރިވެވަޑައިގަންނަވާ ރާއްޖޭގެ މަތީ ފަންތީގެ ވަފްދުވެސް ވަޑައިގެންނެވިއެވެ.
ސަރުކާރުން ބުނީ ކޮޕް 28 ބައްދަލުވުން ވެގެންދާނީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށް ރާވާފައިވާ ކަންކަމާ ގުޅޭ މައުލޫމާތު ބައިނަލްއަގުވާމީ މައިދާނުގައި ހިއްސާކުރުމަށް ލިބޭ އަގުހުރި ފުރުސަތަކަށް ކަމަށެވެ. އަދި މި ބައްދަލުވުމަކީ ޕެރިސް އެއްބަސްވުމާ ގުޅިގެން ދުނިޔެއަށް ލިބިފައިވާ ކުރިއެރުންތައް ދެނެދެގަތުމުގެ ކަންކަން ކުރަމުންދާ މި ދަނޑިވަޅުގައި މުހިންމު ދައުރެއް އަދާކުރާނެ ޚާއްސަ ބައްދަލުވުމެއް ކަމަށެވެ.
މި ބައްދަލުވުމުގައި ދުނިޔޭގައި ނެގޭ ފުރަތަމަ ’ގްލޯބަލް ސްޓޮކްޓޭކް‘ (ޖީއެސްޓީ) އިން ޕެރިސް އެއްބަސްވުން ތަސްދީގުކުރި ފަހުން ލިބުނު ކުރިއެރުންތަކުގެ މިންވަރު ވަޒަންކުރެވިގެންދާނެއެވެ. އަދި މިކަމުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރަމުންދާ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށް ގެންދިޔުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް ވެސް މަގުފަހިވެގެންދާނެއެވެ.
ކޮޕް 28 ބައްދަލުވުމުގައި ރައީސް ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ ޑިސެންބަރު މަހުގެ އެއްވަނަ ދުވަހުއެވެ.