ސީރިއާގެ ޑަމަސްކަސް އިންޓަނޭޝަނަލް އެއަރޕޯޓަށް އިސްރާއީލުން ދިން ވައިގެ ހަމަލާ އެކުވެރި ރަޝިއާއިން ކުށްވެރިކޮށްފިއެވެ.
ރަޝިއާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މާރިޔާ ޒަޚަރޯވާ އާދީއްތަ ދުވަހު ބުނީ، މި ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ހަނގުރާމައިގެ ސަބަބުން ހަލަބޮލިވެފައިވާ އެ ސަރަހައްދު އިތުރަށް ހަލަބޮލިވެދާނެކަމުގެ ބިރު އޮތްކަމަށެވެ.
”ހަމަނުޖެހުމަށް ހިތްވަރު ދިނުމުގެ ގޮތުން އިސްރާއީލުން ސީރިއާގެ އާންމުން އަސާސީ ބޭނުމަކަށް ބޭނުންކުރާ މުހިންމު އިމާރާތަކަށް ދިން ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން.“ ޒަޚަރޯވާ ދިން ބަޔާނެއްގައި ބުނެފައިވެއެވެ.
”އިސްރާއީލުން ދީފައިވާ ހަމަލާއަކީ އިންތިހާއަށް ނުރައްކާތެރި ނަތީޖާއެއް ނެރުމުގެ ނިޔަތާއެކު ދީފައިވާ ހަމަލާއެއްކަމަށް ގަބޫލުކުރަން. އެގޮތުން، އެއީ ފަލަސްޠީނު-އިސްރާއީލު މައްސަލައިގެ އިތުރުން ސަރަހައްދީ ހަމަނުޖެހުންވެސް އިތުރުންކުރުމަށް ގަސްދުގައި ދީފައިވާ ހަމަލާއެއް.“ އޭނާ ބުންޏެވެ.
ރައީސް ބަޝާރުލް އަސަދާއި އެއްކޮޅަށް ރަޝިއާއިން ވަނީ 2015 ވަނަ އަހަރު ސީރިއާގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ވަދެފައެވެ. އަދި ރަޝިއާއަކީ އިރާނާއި ހަމާސް ހިމެނޭގޮތަށް މެދުއިރުމަތީގައި އޮންނަ އިސްރާއީލުގެ ދުޝްމަނުންނާއި ގުޅުން ބާއްވާ ގައުމެއްކަން ފާހަގަކުރެވެއެވެ.
ޣައްޒާގައި ހަނގުރާމަ ފެށިފަހުން އިސްރާއީލާއި ރަޝިއާއާއި ދެމެދު އޮތް ގުޅުންތައް އިތުރަށް ހީނަރުވެގެން ގޮސްފައިވާއިރު، ރަޝިއާއިން އަންނަނީ ފަލަސްޠީނުގެ ރައްޔިތުންނާއި ހަމްދަރުދީވެ ވާހަކަދައްކަމުންނެވެ. އެގޮތުން، އިސްރާއީލުގެ ހިޞާރުކަމުގެ ދަށުގައި ފަލަސްޠީނު ރައްޔިތުން އުޅޭ ދަތިހާލާއި ގުޅޭގޮތުން ވާހަކަދެއްކުމުގެ އިތުރުން، އެގައުމުން ވަނީ ހަމާސްގެ އިސްވެރީންގެ ވަފްދަކަށް މެހުމާންދާރީވެސް އަދާކޮށްފައެވެ.