އެމެރިކާއިން ކުރިމަތިކުރަމުންދާ އަސްކަރީ ފިއްތުންތައް ކުޑަކޮށް، އީރާނުގެ ބަނދަރުތަކަށް އަޅާފައިވާ ހުރަސްތައް އުވާލައިފިނަމަ، ހަތް ދުވަހުގެ ތެރޭގައި ހޮރުމުޒް ކަނޑުއޮޅި އަލުން ހުޅުވާލަން ތައްޔާރަށް އޮތް ކަމަށް އަންގާރަ ދުވަހު އީރާނުން ބުނެފިއެވެ. އީރާނުން މިކަން ހާމަކޮށްފައިވަނީ އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި ޑިޕްލޮމެސީ އަލުން ދިރުވުމަށް ނިއުޔޯކްގައި ހަރަކާތްތެރިވާ ތެހެރާންގެ ވަފުދުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. ރޮއިޓާސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނުގެ އިސް އޮފިޝަލަކު ވިދާޅުވީ ވޮޝިންޓަނާއެކު ޑިޕްލޮމެޓިކް ވާހަކަތައް އަލުން ފެށުމުގެ ފުރިހަމަ އިޚްތިޔާރު ވަފުދަށް ލިބިފައިވާ ކަމަށެވެ. އަދި މަޝްވަރާތަކުގެ ތާވަލަކަށް އެއްބަސްވުމުގެ ކުރިން، މި މައްސަލަ ޑިޕްލޮމެސީގެ މަގުން ހައްލުކުރުމުގެ ނިޔަތް އޮތްކަން އެމެރިކާއިން ރަސްމީކޮށް ހާމަކުރުމަށް އީރާނުން އެދޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ވަކިން ދެއްވި ބަޔާނެއްގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި އެއްވެސް މަޝްވަރާއެއް އަދި ތާވަލުކުރެވިފައި ނުވި ނަމަވެސް، އދ. ގެ އާންމު މަޖިލީހުގައި އީރާނާ ވާހަކަދެއްކުމަށް އެމެރިކާ ތައްޔާރަށް އޮތް ކަމަށެވެ. ރޫބިއޯ ވިދާޅުވީ އެފަދަ މަޝްވަރާތަކަކުން އެދެވޭ ނަތީޖާއެއް ނުކުމެދާނެ ކަމަށް ފެންނަނަމަ، ވޮޝިންޓަނުން އެކަމާމެދު ވިސްނާނެ ކަމަށެވެ. މި ވާހަކަތައް ދެކެވިފައި މިވަނީ، ސަރަހައްދީ ގައުމުތަކުގެ އެހީތެރިކަމާއެކު އެމެރިކާއިން އަލުން ހަމަލާތަކެއް ދޭން ރާވަމުންދާ ކަމުގެ މައުލޫމާތު އީރާނުގެ އަސްކަރިއްޔާއަށް ލިބިފައިވާ ދަނޑިވަޅެއްގައެވެ.
މި ހާލަތު އަދިވެސް އޮތީ ނުތަނަވަސްކޮށް ކަމަށްވާއިރު، އެމެރިކާއިން ރާވާފައިވާ ހަމަލާތައް ކުރިއަށް ގެންގޮސްފިނަމަ އެއްވެސް ހައްދެއް ނެތި ތެހެރާނުން ބަދަލުހިފާނެ ކަމަށް އީރާނުގެ އަސްކަރީ ކޮމާންޑުން އާދީއްތަ ދުވަހު ވަނީ އިންޒާރު ދީފައެވެ. އީރާނުގެ އޮފިޝަލު އިތުރަށް ވިދާޅުވީ، އާންމު މަޖިލީހުގެ ތެރެއިން ރައީސް މަސްއޫދު ޕެޒެޝްކިއާން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުނުކުރައްވާނެ ކަމަށެވެ.
އެމެރިކާއިން ވަނީ ޕެޒެޝްކިއާންގެ ވަފުދަށް ހަރަކާތްތެރިވެވޭނީ މެންހަޓަންގައި އެބޭފުޅުން ތިއްބަވާ ހޮޓަލާއި އދ. ގެ މައި މަރުކަޒާ ދެމެދުގައި އެކަނި ކަމަށް ކަނޑައަޅައި ހިފެހެއްޓުންތަކެއް ގެނެސްފައެވެ. އަދި އޭނާގެ މަތީ ފެންވަރުގެ ކޮމިއުނިކޭޝަން ޓީމުގެ މެންބަރުންނަށް ވިސާ ދިނުމަށްވެސް ވަނީ ދެކޮޅު ހަދާފައެވެ. އެހެންނަމަވެސް، އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ނިއުޔޯކްގައި ހުންނަވާ ވަގުތުތަކުގައި އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ދަނީ އޭނާއަށް ސެކިއުރިޓީ ފޯރުކޮށްދެމުންނެވެ.
ޖުލައި 14 ވަނަ ދުވަހު އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އީރާނުގެ ބަނދަރުތަކާއި އައްސޭރިފަށުގެ ސަރަހައްދުތައް ބަންދުކުރުމުގެ މަސައްކަތް އަލުން ތަންފީޒުކުރަން ފަށާފައެވެ. އަދި ދުނިޔޭގެ ހަކަތަ ފޯރުކޮށްދިނުމަށާއި ބައިނަލްއަގުވާމީ ވިޔަފާރިއަށް އޮތް މުހިންމުކަމުގެ ސަބަބުން، ހޮރުމުޒް ކަނޑުއޮޅި އަދިވެސް އޮތީ ހަމަނުޖެހުން އުފެދުމުގެ ބޮޑު ބިރެއް އޮތް ސަރަހައްދެއްގެ ގޮތުގައެވެ.
![]()
