ވާގްނަރ އިން ޙިޒްބުއްލާ އަށް އެއަރ ޑިފެންސް ސިސްޓަމް ފޯރުކޮށްދެނީ

Loading

Facebook
Twitter
WhatsApp

ރަޝިޔާގެ އެދުމުގެ މަތިން ރަޝިޔާގެ ހަނގުރާމަވެރި ޖަމާޢަތް ވާގްނަރ އިން އީރާން މެދުވެރިކޮށް ހިޒްބުއްލާ އަށް އެއަރ ޑިފެންސް ސިސްޓަމް ފޯރުކޮށްދޭން ހަމަޖެހިފައިވާ ކަމަށް އެމެރިކާއިން ބުނެފިއެވެ.

އެ ނިޒާމް ފޯރުކޮށްދިނުމުގައި ޙަރަކާތްތެރިވާ ރަޝިޔާގެ ފަރުދުންނާއި ޖަމާއަތްތަކާމެދު ވޯޝިންގްޓަނުން ކައުންޓަރ ޓެރަރިޒަމް ދަށުން ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމަށް ވައިޓް ހައުސްގެ ގައުމީ ސަލާމަތާބެހޭ ކައުންސިލްގެ ތަރުޖަމާނު ޖޯން ކަރބީ ވަނީ އިންޒާރު ދީފައެވެ.

އޭނާގެ އިންޒާރުގައި އިތުރަށް ބުނެފައިވަނީ އީރާނާއި ރަޝިޔާގެ ގުޅުމަކީ ބައިނަލް އަގްވާމީގޮތުން މުޅި ދުނިޔެއަށް އޮތް ނުރައްކަލެއް ކަމަށެވެ. އަދި ރަޝިޔާއާއި އީރާނުގެ ގުޅުން ފުޅާވަމުންގޮސް އީރާނުގެ މަދަދު ލިބެމުންދާ ހަނގުރާމަވެރި ޖަމާޢަތްތަކާއި ހަމަޔަށް ފެތުރިގެން ހިނގައްޖެ ކަމަށެވެ.

ޔޫކްރެއިން ހަނގުރާމައިގާ ބޭނުންކުރަން އީރާނުން ރަޝިޔާއަށް ބޭނުންވާ ގިނަ އަދަދެއްގެ ޑްރޯނާއި ގައިޑެޑް އޭރިއަލް ބޮމާއި ތަފާތު ވައްތަރުގެ ހަތިޔާރު ފޯރުކޮށްދެމުން ގެންދާކަން އެމެރިކާއަށް އެނގެއެވެ. އަދި އޭގެ ބަދަލުގައި ރަޝިޔާއިން އީރާނަށް ބޭނުންވާ ދިފާއީ އެއްބާރުލުމާއި މިސައިލް އާއި އަދި އިލެކްޓްރޯނިކް ދިފާއީ ނިޒާމް ގެންދަނީ ފޯރުކޮށް ދެމުންނެވެ.

ރަޝިޔާއިން މިކުރާ ކަންތަކާހުރެ މެދުއިރުމަތީގެ ޙާލަތު ނުބައިން ވަރަށް ނުބަޔަށް ބަދަލުވެގެން ހިނގައިދާނެއެވެ. މިހާރުވެސް އިސްރާއީލާއި ހިޒްބުﷲ އާއި ދެމެދު ކްރޮސް ބޯރޑަރ ޙަމަލާތައް ބަދަލުކުރުން ދަނީ އިތުރުވަމުންނެވެ.މިބާވަތުގެ ދިފާޢީ ނިޒާމް ޙިޒްބު ﷲ އަށް ލިބިއްޖެނަމަ އިތުރު ދިމަދިމާލުން އިސްރާޢީލަށް ޙަމަލާ ދިނުން ފެށިގެން ދާނެއެވެ.

އެމެރިކާއިން މިގެންދަނީ ކެނޑިނޭޅި އީރާނުގެ މަދަދުލިބެމުންދާ ޖަމާއަތްތަކަށް އިންޒާރު ދެމުންނެވެ. އަދި މިހާރުވެސް އެމެރިކާގެ ހަނގުރާމަމަތީ މަނަވަރާއި ސިފައިން އެ ސަރަޙައްދުގައި ތައްޔާރީ ޙާލަތުގައި ތިބޭނެކަންވެސް ވާނީ އަންގާފައެވެ. ވާގްނަރ ޖަމާޢަތުގެ ޙަރަކާތްތަކަށް އެމެރިކާއިން ގެންދާނީ ވަރަށް ކައިރިން ފާރަލަމުންނެވެ.  

ވާގްނަރ ޖަމާއަތަކީ ކްރެމްލިނުން ޚަރަދު ކުރަމުން ގެންދާ ޖަމާޢަތެކެވެ. އެހެންނަމަވެސް މިދިޔަ ޖޫން މަހުގެތެރޭގައި ވާގްނަރ ޖަމާޢަތާއި މޯސްކޯއާއި ދެމެދު މައްސަލަތަކެއް ޖެހި ރައީސް ޕޫޓިންއަށް ބޮޑު ނުރައްކަލަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ. 

މިހާރު އެ މައްސަލަ ވަނީ ޙައްލުކުރެވިފައެވެ. އެ މައްސަލަ މެދުވެރިވާން ދިމާވި ސަބަބެއްކަމަށް އެނގިފައިއޮތީ އެ ޖަމާޢަތުގެ ކުރީގެ ލީޑަރ ޔެވްގަނީ ޕްރިގޯޒިން މޯސްކޯއަށް އަރާ ގަތުމަށް ކުރިމަސައްކަތް ނާކާމިޔާބު ކޮށްލުމަށްފަހު ރަޝިޔާގެ ސަލާމަތީ ބާރުތަކުން ސެއިންޓް ޕީޓަރސްބާރގް ގައި ހުންނަ އެ ޖަމާޢަތުގެ މައި މަރުކަޒު ބަލާ ފާސްކުރުމުން އުފެދުނު ދެކޮޅުވެރި ކަމާއި ގުޅިގެންނެވެ.

މިމަހުގެ ކުރީކޮޅު ލިބިފައިވާ ރިޕޯރޓް ތަކުން އެނގިފައިވާ ގޮތުގައި ވާގްނަރ އިން އީރާނުގެ މަދަދު ލިބެމުންދާ ހިޒްބުﷲ އަށް ދޭން ނިންމާފައިވަނީ ޕާންޓްސިރ-އެސް 1 މަރުކާގެ އެއަރ ޑިފެންސް ސިސްޓަމެކެވެ. ނޭޓޯގެ މިންގަނޑުން ބަލާއިރު އެއީ އެސް. އޭ. 22 މަރުކާގެ އެންޓި އެއަރކްރާފްޓް މިސައިލް އެންޑް އެއަރ ޑިފެންސް ނިޒާމެކެވެ.

މިދިޔަ ސެޕްޓެމްބަރ މަހުގެ ތެރޭގައި ރަޝިޔާގެ ދިފާޢީ ވަޒީރު އީރާނަށް ކުރެއްވި ދަތުރުފުޅު ވަރަށް ކާމިޔާބު ކަމުގައި ވަނީ ވިދާޅުވެފައެވެ. އަދި އެ ދަތުރުފުޅުގައި އިރާނުން އަލަށް ތަރައްގީ ކޮށްފައިވާ ޑްރޯންތައް ބަލާލުމުގެ ފުރުސަތު ލިބިވަޑައިގެންނެވީތީ ހިތްޕުޅު ހަމަޖެހި ވަޑައިގެންނެވި ކަމަށްވެސް ވިދާޅުވިއެވެ. 

އެމެރިކާއިން ބުނެފައިވާގޮތުގައި އީރާނުން އަލަށް ތަރައްގީ ކުރި ބެލިސްޓިކް މިސައިލާއި އަދި ޑްރޯން ރަޝިޔާއަށް ލިބިއްޖެނަމަ ޔޫކްރެއިނަށް އިތުރު ބޮޑެތި ގެއްލުންތަކެއް ދެވިދާނެއެވެ.

އެމެރިކާގެ ރައީސް ބައިޑަން އިސްރާޢީލާއި ތައިވާންގެ ދިފާއަށް ދޭންބޭނުންވާ 106 ބިލިއަން އެމެރިކާ ޑޮލަރާއި އަދި ޔޫކްރެއިނަށް އިމަރޖެންސީ އެހީގެ ގޮތުގައި އިތުރު 61 ބިލިއަން ޑޮލަރު ދިނުމަށްޓަކައި ކޮންގްރެސްއަށް ހުށައަޅުއްވާފައިވާހުށައެޅުމަށް ފާރ-ރައިޓް ރިޕަބްލިކުންގެ ނުރުހުމަށް އޮތީ ކުރިމަތިލާން ޖެހިފައެވެ.         

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް