އިސްރާއީލަށް ނިސްބަތްކުރެވޭ އާގު ބޯޓެއް ޔަމަނުގެ ހޫތީންގެ އަތުލައިގަތުން

Loading

Facebook
Twitter
WhatsApp

އިސްރާއީލަށް ނިސްބަތް ކުރެވޭ އާގު ބޯޓު “ ގެލެކްސީ ލީޑަރ“ ދެކުނު ރެޑްސީގެ ތެރެއިން ހޫތީންގެ ބާރުގެ ދަށަށް ގެނެސްފިކަމަށް އަލްޖަޒީރާގެ ޚަބަރުގައި ބުނެފިއެވެ. 

މިކަން ޔަމަނުގެ ހޫތީންވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. އިސްރާއީލުން މިކަންވެސް އަޅުވަމުން ގެންދަނީ އީރާނުގެ ބޮލުގައެވެ. ގެލެކްސީ ލީޑަރ އަކީ ބުނެވޭގޮތުގައި އިސްރާއީލުގެ ވިޔަފާރިވެރިއެއްގެ ޙިއްސާއެއްވެސް ހިމެނޭ ބޯޓެކެވެ. 

ބޯޓު ބަރުކޮށްފައިވަނީ ތުރުކީން އިންޑިއާއަށެވެ. ހޫތީންގެ ފަރާތުން ބުނެފައިވާ ގޮތުގައި މިއީ އިސްރާއީލުގެ ބޯޓުފަހަރު ހިފޭއްޓުމަށް ފަށައިގަތުމެކެވެ. އެއްވެސް ބޯޓެއް އިސްރާއީލަށް މުދާ ބަރުކޮށްގެން ނުވަތަ އިސްރާއީލުން މުދާ ބަރުކޮށްގެން  ނޫނީ އިސްރާއީލާ ގުޅުން ހުރި ބޯޓެއް ވިޔަސް ރަތްކަނޑުގެ ތެރޭން ދަތުރުކުރުން ދެން އަމާނެއް ނުވާނެކަމަށް ބުނެއެވެ. އަހަރެމެން އެބޯޓެއް އަތުލާނަމެވެ. ހޫތީންގެ ތަރުޖަމާނު ޔަހްޔާ ސާރީ ވިދާޅުވެފައިވަނީ އިސްރާއީލަށް އަހަރެމެންދޭ  ޙަމަލާތައް އަންނާނީ ކޮންދިމާލަކުންކަން އެމީހުންނަށް ލަފާކުރަންވެސް ނޭންގޭނެއެވެ. 

އަހަރެމެންގެ ޙަމަލާތައް ހުއްޓައެއްވެސް ނުލެވޭނެއެވެ.  ބޯޓުގެ ފަޅުވެރިންނާއި ދޭތެރޭ އަހަރެމެން އަމަލުކުރާނީ ބައިނަލް އަގްވާމީ މިންގަނޑުގެ ތެރޭންނެވެ.                

ހޫތީންނަކީވެސް އީރާނުގެ ފުރިހަމަ ތާއީދު ލިބެމުންދާ ޔަމަނުގެ ޕާޓީއެކެވެ.އިސްރާއީލުން ބުނެފައިވަނީ ހޫތީން އެ ބޯޓު ހިފެހެއްޓުމުގެ ނަތީޖާ ވަރަށް ހިތިވާނެކަމަށެވެ. 

އެކަމަކު އެބޯޓަކީ އިސްރާއީލާ އެއްވެސް ގުޅުމެއް ހުރި ބޯޓެއްވެސް ނޫންކަމަށް ބުނެފައިވެއެވެ. އަދި އެބޯޓުގައި އިސްރާއީލުގެ ފަޅުވެރިއަކުވެސް ނުހުންނާނެކަމަށެވެ. އިސްރާއީލުގެ ސިފައިންވެސް ބުނެފައިވަނީ އެއީ އިސްރާއީލާ ގުޅުން ހުރި ބޯޓެއް ނޫންކަމަށެވެ. ސުވާލަކީ އެހެންކަމަށްވާނަމަ އިސްރާއީލު އެކަމާއި އެހާ ކަންބޮޑުވާނީ ކީއްވެހެއްޔެވެ؟

އެމެރިކާއިން ބުނެފައިވަނީ އެބޯޓު ހިފޭއްޓިކަން އެނގިފައިވާ ކަމަށާއި ވަރަށް ކައިރިން އެކަންތައް ބަލަމުން ގެންދާ ކަމަށެވެ. އަހަރެމެން އެ މައްސަލާގައި އ. ދ. ގެ ކަމާބެހޭ ފަރާތްތަކާއިއެކު މިގެންދަނީ މަޝްވަރާ ކުރަމުންނެވެ.                

އެމެރިކާއިން ހާމަކޮށްފައިވާ ގޮތުގައި އެބޯޓަކީ އިސްރާއީލުގެ ވިޔަފާރި ވެރިއެއްގެ ހިއްސާ އޮންނަ ބޯޓެކެވެ. 2021 ވަނައަހަރުވެސް އިސްރާއީލުގެ ބޯޓެއް ވަނީ މިގޮތަށް އަތުލައިގެންފައެވެ.                                 

އަލްޖަޒީރާގެ ދޯރސާ ޖައްބާރީ ތެހެރާނުން މަޢުލޫމާތު ދީފައިވާ ގޮތުގައި އެ ބޯޓު ހިފޭއްޓުމުގައި އެއްވެސް ވަރަކަށް އީރާނުގެ ބައިވެރިވުން އޮތްކަމުގެ ހެއްކެއްނެތެވެ. އެ ބޯޓު ހިފޭއްޓުމަކީ އީރާނުން ކުރި ކަމެއްކަމުގައި އިސްރާއީލުގެ ބޮޑުވަޒީރު ވިދާޅުވުމަށް އެއްވެސް ގަރީނާއެއް ނެތެވެ. އާއެކެވެ. މިހާރު ދުނިޔޭގެ ބާރުގަދަ ގައުމުތަކުން ގެންގުޅޭ ޑިމޮކްރެސީގެ ހަމާގައި ހެއްކާއި ގަރީނާ ބޭނުމެއް ނުވެއެވެ.

ފަހުގެ މާޒީގައި އީރާނުން ހަނގުރާމަވެރި ޖަމާއަތްތަކާއިއެކު އޮންނަ ގުޅުން އީރާނުން ވަނީ ތަންކޮޅެއް ފެޔަށް ޖައްސާފައެވެ. ނަމަވެސް އިސްރާޢީލުން ފަލަސްތީނު ސުންނާފަތިކުރާތަން ބަލަން ނުތިބޭނެކަމަށް ތަކުރާރުކޮށް އީރާނުން ދަނީ ބުނަމުންނެވެ. އަދި މެދުއިރުމަތީގައި ތިބޭ އީރާނުގެ ބައިވެރީން މަޑުން ނުތިބޭނެކަމަށްވެސް ދަނީ ބުނަމުންނެވެ.                               

އިސްރާއީލާ ގުޅުން ހުރި ބޯޓުފަހަރު ޔަމަނުން ހިފާއްޓާނެ ކަމުގެ އިންޒާރު ދިނުމުން އެނގި ހާމަވެގެންދަނީ އެމެރިކާއާއި ހުޅަނގުން ކިތަންމެ ބޮޑު ރައްކާތެރި ކަމެއް އިސްރާއީލަށް ފޯރުކޮށްދިން ނަމަވެސް އިސްރާއީލުގެވެސް ރިހޭ ފައެއް އެބައޮތް ކަމާއި އެ ފައިގެ މައްޗަށް ފޯއި ވައްޓާނުލެވޭނެ ގޮތައްވެސް ނުހެދޭނެ ކަމެވެ.

މިއިންޒާރުގެ ސަބަބުން އިސްރާއީލާ ގުޅުން ހުރި ބޯޓުފަހަރު ދަތުރު ކުރުމުގައި ރެޑްސީ ނުރައްކާވުމުން އެ ބޯޓުފަހަރުން އިރުމަތީގެ ގައުމުތަކަށް ކުރާ ހުރިހާ ދަތުރެއް ދެކުނު އެފްރިކާގެ ކޭޕް އޮފް ގުޑް ހޯޕް ކައިރިން ކުރަންޖެހުމުން ދަތުރުތައް އެތައްދުވަހަކަށް ދިގުދެމިގެން ދިއުމާއި އެކަމުގެ ނަތީޖާއެއްގެ ގޮތުން މުދާ އުފުލުމުގެ އަގާއި އިންޝުރެންސްގެ އަގު ބޮޑުވުމާއި މުދާ ރައްދުކޮށްދިނުން ލަސްވުން ފަދަ އެތައް ކަމެއް ކުރިމަތި ވެގެންދާނެއެވެ. 

މިކަމުގެ ސަބަބުން ބާޒާރުތަކުގައި އެމުދަލުގެ އަގު އުފުލި މުދާ ވިއްކުމަށް ބޮޑެތި ހުރަސްތަކެއްވެސް ކުރިމަތިވެގެން ދާނެއެވެ. އެހެންވުމުން އިސްރާޢީލުގެ ބޯޓްފަހަރުގައި މުދާފުލުން މަދުކުރާނެ ކަމަށްވެއެވެ.

މިއީ އިގްތިސާދީ ގޮތުން އިސްރާއީލަށް އުފުލޭ ވަރުގެ ބުރައަކަށް ނުވާނެއެވެ. ހަމައެއިއާއެކު އެފަދަ ބޯޓުފަހަރުގައި ވަޒީފާއަދާ ކުރާނެ މީހުން ލިބުމަށްވެސް ހުރަސްތަކެއް އެޅިގެންދާނެއެވެ.        

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް