މިއަދު އެފެންނަ ފަލަސްޠީނުގެ މެޕް ވުޖޫދުވި ގޮތް، ސުބީ ޠާޙާގެ ދުލުން

Loading

November 15, 2023
profile
Facebook
Twitter
WhatsApp

ހިޞާރުކުރެވިފައި އޮތް ފަލަސްޠީނުގެ މިހާރު ފެންނަން އޮތް މެޕް ވުޖޫދުވެގެން އައިގޮތް އޮޅުން ފިލުވައިދީ ސުބީ ޠާޙާ ވަނީ ކުރު ވީޑިއޯއެއް ޝާއިއުކޮށްފައެވެ. ސުބީއަކީ އިސްރާއީލު-ފަލަސްޠީނު މައްސަލާގައި އަޑު ހަރުކޮށް ވާހަކަދައްކާ، މައުލޫމާތު ފަތުރަމުން އަންނަ ފަލަސްޠީނު ދަރިކޮޅުގެ މީސްމީޑިއާ އިންފްލޫއެންސަރެއް އަދި ފެޝަން ޑިޒައިނަރެކެވެ. 

އޭނާގެ ވީޑިއޯ ފަށަނީ ޣައްޒާ ސްޓްރިޕްއާއި ވެސްޓް ބޭންކް ހިމެނޭގޮތަށް ”އޮކިއުޕައިޑް ޕަލަސްޓައިން“ ނުވަތަ ހިޞާރުކޮށްފައިވާ ފަލަސްޠީނުގެ ސަރަހައްދުތަކުގެ މިހާރު ފެންނަން އޮތް މެޕް ވުޖޫދުވެފައިވަނީ ކޮންގޮތަކަށްތޯ ބުނެ އޭނާ ކުރާ ސުވާލަކުންނެވެ. އަދި ފަލަސްޠީނަށް ވެރިވެގަތް އިސްރާއީލުގެ ”ސެޓްލަރުން“ ފަލަސްޠީނު ރައްޔިތުންގެ އަތުން އެމީހުންގެ ބިން އަތުލައިގަނެ މިއަދު ފެންނަން އެއޮތް ”އިޒްރޭލު“ އުފެއްދީ ކިހިނެތްތޯ އޭނާ ސުވާލުކުރެއެވެ. 

މިއަދު ފެންނަން އޮތް ފަލަސްޠީނުގެ މެޕެއް ހިއްސާކޮށް ސުބީ ކިޔައިދިން ގޮތުގައި ރީނދޫކޮށް ފެންނަން އޮތީ އިސްރާއީލުން ވެރިވެގަނެގެން އުޅޭ ބިމުގެ ސަރަހއްދުކަމަށާއި، ހުދުކޮށް ފެންނަން އޮތީ ފަލަސްޠީނު މީހުން ދިރިއުޅޭ ”އޮކިއުޕައިޑް ޕަލަސްޓިނިއަން ޓެރިޓަރީ“ ކަމަށެވެ. މިއީ ސްޓޭޓެއް ނޫންކަމަށާއި، މިއީ ބޯޑަރުކަނޑައެޅިފައިވާ ސިޔާދަތީ ދެ ގައުމު ނޫންކަން ފާހަގަކޮށް ސުބީ ބުނެފައިވަނީ އެތަނުގެ ހުރިހާ ކަމެއް އޮންނަނީ އިސްރާއީލު ސަރުކާރުގެ އަތްދަށުގައި ކަމަށެވެ. އަދި ފަލަސްޠީނުގެ ރައްޔިތުން މިނިވަންކަމާއެކު ދިރިއުޅޭ ބިމެއް މިވަގުތު ނެތެވެ. އަދި ރަތްކޮށް ފާހަގަކޮށްފައި އެވަނީ އިސްރާއީލު ސަރުކާރުން މި ސަރަހައްދުތަކުގެ ވަށައިގެން ރާނާފައިވާ ބޮޑެތި ސިމެންތި ފާރުތައް ކަމަށާއި، ޣައްޒާއާއި ވެސްޓް ބޭންކުގެ ފާރުތަކުގެ ތެރޭގައި ފަލަސްޠީނު ރައްޔިތުން ތިބީ ނުނިކުމެވޭގޮތަށް ބަންދުކޮށްފައިކަން ސުބީ ކިޔައިދިނެވެ.

”މިއީ އެބިން އޮންނަންޖެހޭ ގޮތަކީ.“ 1947 ވަނަ އަހަރު ފަލަސްޠީނު އޮތް ގޮތުގެ މެޕެއް ދައްކާލުމަށްފަހު ސުބީ ބުނެއެވެ. އެގޮތުން، އެތަސްވީރުން ފެންނަ ގޮތުގައި، 1947 ވަނަ އަހަރުގެ ކުރިން، އިސްރާއީލު ”ސްޓޭޓް“ އުފައްދާ އިސްރާއީލުގެ ޔަހޫދީން އެބިމުގައި ވަޒަންވެރިވުމުގެ ކުރިން، 16 އަވަށުގެ މައްޗަށް އޮތް މި ސަރަހައްދަކީ ފަލަސްޠީނެވެ. އަދި ޣައްޒާއަކީ މީގެތެރެއިން އެއް އަވަށެވެ. އޭރުވެސް މުސްލިމުންނާއި، ނަޞާރާއިންނާއި، ޔަހޫދީން އެކުގައި ފަލަސްޠީނުގައި ދިރިއުޅެމުން ދިޔައެވެ.

”މެދު އިރުމައްޗަށް ބާރުފޯރުވަނީ ކީއްކުރަން ހެއްޔެވެ؟ ހުރިހާ ތެލަކާއި ތެލުންލިބޭ މަންފާއެއް އޮތީ މެދު އިރުމަތީގައި ތާއެވެ.“ ސުބީ ބުނެއެވެ. އަދި ފަލަސްޠީނުގެ ބިން އަތުލުމަށްޓަކައި، ޒަޔަނިސްޓުން އަސްކަރިއްޔާތައް އުފައްދައި، އެބިމުގައި ޤަތުލުއާންމު ހިންގަން ފެށިއެވެ. ފަހަރަކު އަވަށެއްގައި އެތައް ބަޔަކު ޝަހީދުކޮށްލައި އެ ސަރަހައްދަށް ވެރިވެގަނެއެވެ. ”ފަލަސްޠިނުގެ ފިރިހެނުންނާއި، އަންހެނުންނާއި، ކުޑަކުދިން ބަރިބަރިއަށް އަތުރައި ހުރިހާ އެންމެންގެ ގަޔަށް އެބަ ވަޒަން އަރުވާލާ.“ ސުބީ ކިޔާދެއެވެ.

ދެން މިވާހަކަތައް އަވަށްޓެރި އަވަށްތަކަށް ފެތުރުމުން އެއަވަށްތަކުގެ ރައްޔިތުން އެމީހުންގެ ގެދޮރު ދޫކޮށް ރައްކާތެރި ސަރަހައްދުތަށް ހޯދުމަށް ދަނީއެވެ. ފަލަސްޠީނުގައި 1948 ވަނަ އަހަރު ހިންގި ”ނަކްބާ“ ނުވަތަ ”ކަޓާސްޓްރޮފީ“ ހިނގީ އެއިރުއެވެ. މިލިއަނަކަށްވުރެ ގިނަ ފަލަސްޠީނު ރައްޔިތުން އެމީހުންގެ ފަސްގަނޑު ދޫކޮށް ދިޔުމަށް މަޖުބޫރުވިއެވެ. އެއްބަޔަކު، ޣައްޒާއަށް، އަނެއް ބަޔަކު މިހާރު އެއޮތް ”ވެސްޓް ބޭންކް“ ސަރަހައްދަށް، އަދި ދެން ތިބި މީހުން ލުބުނާނަށާއި، ސީރިއާއާއި، ޖޯޑަނާއި، މިޞްރަށް ހިޖުރަކުރިއެވެ. 

ވެސްޓް ބޭންކް ކޮންޓްރޯލްކުރަން ފެށީ ޖޯޑަނުން ކަމަށާއި، ޣައްޒާ ކޮންޓްރޯލް ކުރަން ފެށީ މިޞްރުންކަމަށް ސުބީ ބުނެއެވެ.

އޭގެފަހުން، 1967 ވަނަ އަހަރު، ފަލަސްޠީނުގެ ބިން މިނިވަންކުރުމަށްޓަކައި އަރަބި ގައުމުތަކުން އިސްރާއީލާއި ދެކޮޅަށް 6 ދުވަހުގެ ހަނގުރާމައެއްކޮށް ބަލިވިއެވެ. އަދި އިސްރާއީލުން ވެރިވެގަނެފައިވާ ބިމުގެ އިތުރުން، ޣައްޒާއާއި ވެސްޓް ބޭންކް ވެސް އެމީހުންގެ ބާރުގެ ދަށަށް ގެނައެވެ. އޭގެއިތުރުން، ހަނގުރާމައިގެ ކުރިން އިރުމަތީ ޖާރުއްސަލާމް ފަލަސްޠީނު މީހުންނަށް އަދި ހުޅަނގު ޖާރުއްސަލާމް އިސްރާއީލު މީހުންނަށް އޮތްނަމަވެސް، ހަނގުރާމައަށްފަހު އިސްރާއީލުން ޖާރުއްސަލާމަށްވެސް ވެރިވެގަތީއެވެ. ހަމައެއާއެކު، ޣައްޒާގައި ވެސް އިސްރާއީލުގެ ސެޓްލަރުން ވަޒަންވެރިވާން ފަށާ، ފަލަސްޠީނު ރައްޔިތުންނަށް އޮތް ކުޑަ ބިންކޮޅުވެސް މަޑުމަޑުން އަތުލާން ފެށީއެވެ. 

1993 ވަނަ އަހަރު، ”އޮޒްލޯ އެކޯޑްސް“ ގެ ނަތީޖާއެއްގެ ގޮތުން، އިސްރާއީލުން ވެސްޓް ބޭން ތިން ބަޔަކަށް ބަހާލިއެވެ؛ އޭރިއާ އޭ، އޭރިއާ ބީ އަދި އޭރިއާ ސީއެވެ. އޭރިއާ އޭ އަކީ ”ޕަލަސްޓިނިއަން އޮތޯރިޓީ“ އިން ދާޚިލީ އަދި ސަލާމަތީ ކަންކަން ބަލަހައްޓާ ސަރަހައްދަކަށްވާއިރު، ޕަލަސްޓީނިއަން އޮތޯރިޓީއިން ބަލަހައްޓަނީ އޭރިއާ ބީ ގެ ދާޚިލީ ކަންކަން އެކަންޏެވެ. އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ބަލަހައްޓަނީ އިސްރާއީލުންނެވެ. އޭރިއާ ސީ އަކީ އިސްރާއީލުގެ ބާރުގެ ދަށުގައި އޮންނަ ސަރަހައްދެއް ކަމަށްވާއިރު، އިސްރާއީލުން ގެންދިޔައީ އެ ސަރަހައްދުގައި ސެޓްލަރުން ވަޒަންވެރިކުރުވަމުންނެވެ. އޭރިއާ ސީ އަކީ ވެސްޓް ބޭންކްގެ 60 އިންސައްތަ ބިމުގެ ސަރަހައްދެއް ކަމަށްވާއިރު، ފަލަސްޠީނު ރައްޔިތުންނަށް އޮންނާނީ އެންމެ 40 އިންސައްތަ ބިމުގެ ސަރަހައްދެކެވެ. 

އެގޮތުން، 2005 ވަނަ އަހަރު އިސްރާއީލުން އެމީހުންގެ ހުރިހާ ސިފައިންނާއި ސެޓްލަރުން ޣައްޒާއިން ބާލައި، ޣައްޒާގެ ވަށައިގެން ފާރެއް ރޭނިއެވެ. އަދި ޣައްޒާގައި ތިބި އެއްވެސް ބަޔަކަށް ޣައްޒާއިން ނުނިކުމެވޭއިރު، ޣައްޒާއަށް ވައްދާ ތަކެއްޗާއި، ޣައްޒާއިން ނުކުއްދަވާ ތަކެތި ކޮންޓްރޯލްކުރަނީ އިސްރާއީލުންނެވެ. ޣައްޒާ ރައްޔިތުން ހަމާސްއަށް ވެރިކަން ދިނީ މިހިސާބުންނެވެ. 

މިއަދާއި ހަމައަށްވެސް ޣައްޒާގެ ބޯޑަރުތަކާއި، ވައިގެ ސަރަހައްދާއި، ފެން ކޮންޓްރޯލް ކުރަމުން އަންނަނީ އިސްރާއީލުންނެވެ. ޣައްޒާއަކީ ދުނިޔޭގެ އެންމެ ބޮޑު ”އޯޕަން އެއަރ ޕްރިޒަން“ ގެ ގޮތުގައި ސިފަކުރެވެނީ މި ސަބަބަށްޓަކައެވެ. ސުބީ ޣައްޒާ ސިފަކުރީ ”ޒަމާނީ ކޮންސެންޓްރޭޝަން ކޭމްޕް“އެއްގެ ގޮތުގައެވެ. 

އިސްރާއީލުން މިހާރުވެސް އަންނަނީ ވެސްޓް ބޭންކްގައި އެމީހުންގެ ސެޓްލަރުން ވަޒަންވެރިކުރުވަމުން، އިތުރަށް ފަލަސްތީނުގެ ބިން ހިޞާރުކުރަމުންނެވެ. ފަލަސްޠީނު ރައްޔިތުން މިނިވަންކަމާއެކު ދަތުރުކުރިޔަ ނުދިނުމަށްޓަކައި ވެސްޓް ބޭންކްގައި އެކަނިވެސް އިސްރާއީލުގެ 500 އަށްވުރެ ގިނަ މިލިޓަރީ ޗެކްޕޮއިންޓް ހުންނައިރު، ބައެއް މަގުތަކަކީ އިސްރާއީލު މީހުންނަށް ހުންނަ މަގުތަކެވެ. އަދި އެމަގުތަކުން ފަލަސްޠީނު މީހުން ދަތުރުކުރުން އޮންނަނީ މަނާކޮށްފައެވެ. މިއީ އިސްރާއީލުގެ ”އެޕާޓްހައިޑް ސިސްޓަމް“ ކަމަށް ސުބީ ބުނެއެވެ. ސުބީ އިތުރަށް ބުނެފައިވަނީ އިސްރާއީލުން އަންނަނީ ފަލަސްތީނު މީހުންގެ ގޭގެ ސުންނާފަތިކުރަމުން ކަމަށާއި، ފަލަސްޠީނު މީހުން ބޮޑެތި އަދަދުތަކުން މަރައި، ފަލަސްޠީނު މީހުންގެ ގޭގެ އަތުލައި އެގެތަކަށް ވެރިވެގަންނަމުން ކަމަށެވެ. 

ކޮންމެ އަހަރަކު ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ހާސް ޔަހޫދީން ”އިސްރާއީލް“ އޭކިޔައިގެން އެއުޅޭ ބިމަށް ހިޖުރަކުރެއެވެ. އެގޮތުން، ކިރިޔާވެސް، ޛައްރެއްގެ މިންވަރުވެސް ޔަހޫދީ ލޭ ހިނގާ މީހެއްނަމަ އެތަނުގައި އެމީހަކަށް ވަޒަންވެރިވެވެއެވެ. އަދި މމިގޮތަށް ހިޖުރަ ކުރާ ފަރާތްތަކަށް ރަށްވެހިކަންދީ، އިސްރާއީލް ޕާސްޕޯޓުދީ، އިސްރާއީލަށް ހިޖުރަކޮށް ދިރިއުޅުމެއް ފެށުމަށް މާލީ އެހީވެސް ދެއެވެ. އެހެންނަމަވެސް، ފަލަސްޠީނުން ބޭރުކުރި ރައްޔިތުންނާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެމީހުންގެ ދަރީންނަށް އެފަދަ އެއްވެސް ހައްޤެއް ނުލިބެއެވެ. ކާބަފައިންގެ ބިމުގައި ވަޒަންވެރިވެ ދިރިއުޅުމުގެ ފުރުސަތު ނުލިބޭއިރު، ރަށްވެހިކަމެއްވެސް ނުހޯދެއެވެ. އަދި ފަލަސްޠީނު ޕާސްޕޯޓެއްވެސް ނުހޯދެއެވެ. ފަލަސްޠީނަށް ދާނަމަ އެފަރާތްތަކަށް ދެވޭނީ ފަޠުރުވެރިއެއްގެ ހައިޞިއްޔަތުންނެވެ. އެއީ އަދި އިސްރާއީލުން ހުއްދަ ދީފިއްޔާއެވެ. އެމެރިކާ ނުވަތަ އިނގިރޭސިވިލާތް ފަދަ ވަރުގަދަ ޕާސްޕޯޓެއް އޮންނަ ގައުމެއްގެ ރަށްވެއްސަކަށް ވާނަމައެވެ.

 ވެސްޓް ބޭންކާއި ޣައްޒާގެ ބިން އަތުލާނެކަމަށް އިސްރާއީލުން މީގެކުރިންވެސް ތަކުރާރުކޮށް ބުނެފައިވާއިރު، އިސްރާއީލުގެ މިހާރުގެ ސަރުކާރުން މިކަމުގެ އަމަލީ ފިޔަވަޅުތައް ވަރަށް ހަލުވި ކަމާއެކު އަންނަނީ އަޅަމުންނެވެ. ފަލަސްޠީނުގެ ރައްޔިތުން މިނިވަންކަމަށް އެދި ގޮވަނީ މިސަބަބަށްޓަކައެވެ. 

ވީމާ، ޣައްޒާގައި މިހާރު ކުރިއަށް މިދާ ޤަތުލުއާންމަކީ، އިސްރާއީލާއި ޣައްޒާގައި އޮތް ޓެރަރިސްޓް ޖަމާޢަތަކާއި ދެމެދު ހިނގާ ހަނގުރާމައެއް ނޫނެވެ. މިއީ އިސްތިއުމާރުކޮށް އަތްގަދަކޮށްގެން އުޅޭ ބަޔަކު، މެދުކެނޑުމެއްނެތި އެހެން ބައެއްގެ ބިމާއި މުދާ އަތުލައިގަނެ، ކުށެއްނެތް މީހުންނާއި ކުދީން ޝަހީދުކުރަމުން ގެންދާތީ އެބައެއްގެ ފަސްގަނޑު އަނބުރާ ހޯދުމަށް ކުރާ މަސައްކަތެކެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް