އައިއެސްގެ ރާއްޖޭގެ ލީޑަރުކަމަށް ބުނާ އަމީން 27 އަހަރަށް ޖަލަށް

Loading

Facebook
Twitter
WhatsApp

ބޭރުގެ ޓެރަރިސްޓް ޖަމާއަތްތަކަށާއި ހަނގުރާމަވެރި ޖަމާއަތްތަކުގައި ބައިވެރިވުމަށް ރާއްޖެއިން މީހުން ރެކްރޫޓުކޮށް ހަނގުރާމައަށް މީހުން ފޮނުވަން އެހީތެރިވާކަމުގެ ތުހުމަތުގައި ފުވައްމުލަކު ސިޓީ, ކަރިއްޔާވިލާ މުޙައްމަދު އަމީންގެ މައްޗަށް ދައުލަތުން އުފުލި ދެ ދައުވާ ސާބިތުވެ 27 އަހަރަށް އޭނާ ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

އަމީންގެ މައްޗަށް އުފުލީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 15 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުން ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި, ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި, 3 ވަނަ ނަންބަރާއި, އެ ގާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގެ 7 ވަނަ ނަންބަރާއި, އެ ގާނޫނުގެ 7 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން ޓެރަރިސްޓް އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެެވެ.

އަމީނަށް ކުރި ދެ ދައުވާގައި ފާހަގަކޮށްފައިވާ ނުކުތާތަކުގެ ތެރޭގައި:

2018 ވަނަ އަހަރުގެ އޮކްޓޫބަރުމަހުގެ 21 ވަނަ ދުވަހުގެ ވަގުތެއްގައި ހ. މޫންލައިޓްވެލީ ޢަލީ ޝާފިޢު އަފްޣާނިސްތާނުގައި ހަރަކާތްތެރިވަމުން އަންނަ ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ “އައިއެސް“ ޚުރަސާންގައި ރާއްޖޭގެ ސެލްގެ ވެރިއެއްގެ ގޮތުގައި އަފްޣާނިސްތާނަށް ފޮނުވާފައިވުން.

ރާއްޖޭގައި ހުންނަ އައިއެސް ލީޑަރުގެ ގޮތުގައި ހަރަކާތްތެރިވެ ދީނީ ވަކި ފިކުރެއް ކުރިއަރުވަން މަސައްކަތްކޮށް ދިވެހިންގެ ތެރެއިން އަމީން ރެކްރޫޓްކުރާ އައިއެސް ޚުރަސާންގައި ގާއިމުވުމުން އިތުރު ދިވެހިން އެ ގައުމަށް ހަނގުރާމައަށް ފޮނުވުމަށް ރާވާފައިވުން.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ކުރިއަށްގެންދިޔައީ ސިއްރުކޮށްގެން ކަމަށްވާތީ ހުކުމުގެ ތަފުސީލެއް އަދި ނުލިބެއެވެ.

ނަމަވެސް “ސަންދާނު“ އަށް އެނގިފައިވާ ގޮތުގައި ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށް ސާބިތުވުމުން އިއްވީ 10 އަހަރުގެ ޖަލު ހުކުމެކެވެ. އަދި ޓެރަރިސްޓް އަމަލެއް ކުރުމަށް ރޭވުމުގެ ކުށް ސާބިތުވުމުން އިިއްވީ 17 އަހަރުގެ ޖަލު ހުކުމެކެވެ.

މި މައްސަލާގައި އޭނާ ބަންދުގައި 3 އަހަރާއި 11 މަހާއި 9 ދުވަސް ހޭދަކޮށްފައިވާތީ ދެން ތަންފީޒުކުރަންޖެހޭނީ 23 އަހަރާއި 11 މަސް ދުވަހުގެ ޖަލު ހުކުމެވެ.

އަމީނަކީ އެމެރިކާއިން ޓެރަރިސްޓުންގެ ގޮތުގައި ކަނޑައަޅާ ލިސްޓުގައި އެންމެ ފުރަތަމަ ހިމެނުނު ދިވެހި މީހާއެވެ. އެމެރިކާއިން ބުނާ ގޮތުން އަމީނަކީ ސީރިޔާއާއި އަފްޣާނިސްތާނުގައި އިސް މީހެއްގެ ގޮތުގައި އައިސިސްއަަށް މަސައްކަތްކޮށްދޭ މީހެކެވެ. އަދި އޭނާ ކުރިން ހަނގުރާމަވެރިން ފޮނުވަނީ ސީރިޔާއަށްކަމަށާއި ފަހުން ފޮނުވާފައިވަނީ އަފްޣާނިސްތާނަށްކަމަށް ވެސް އެމެރިކާއިން ބުނެފައިވެއެވެ.

2019 ވަނަ އަހަރުގެ އޮގަސްޓުމަހުގެ ތެރޭގައި އެމެރިކާގެ ޑިޕާރޓްމަންޓް އޮފް ދަ ޓްރެޒަރީޒް އޮފީސް އޮފް ފޮރިން އެފެއާރޒް ކޮންޓްރޯލް(އޯއެފްއޭސީ) އިން ވަނީ އަމީންއަށް މާލީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް ވެސް އަޅާފައެވެ.

2007 ވަނަ އަހަރު ސަލްޓަން ޕާކުގައި ބޮމެއް ގޮއްވައިލި ހާދިސާގައި ވެސް އަމީނުގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެވިފައިވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް