މި މަހުގެ 17 ވާ ހުކުރު ދުވަހު އިސްލާމީ މަރުކަޒަށް ޢަޞްރު ނަމާދަށާއި މަޣުރިބު ނަމާދަށްދާ މީހުން މިސްކިތުގެ ދެކުނާއި އިރުމަތީ ފަޅި ބޭނުން ކުރަން އިސްލާމިކް މިނިސްޓްރީން އެދިއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން މިގޮތަށް އެދިފައި ވަނީ އެ ދުވަހު އިންތިޚާބީ ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބާއްވަން ހަމަޖެހިފައިވާތީއެވެ.
އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ މުޢިއްޒު ހުވާކުރައްވާ ދުވަހު އިސްލާމީ މަރުކަޒަށް ޢަޞްރު ނަމާދަށާއި މަޣުރިބު ނަމާދަށްދާ މީހުން ބޭނުންކުރާނީ އެ މަރުކަޒުގެ ދެކުނު ފަޅި (މެދުޒިޔާރަތްމަގު) އަދި ކުރީގެ ދިރާގުގެ މައި އޮފީސް ހުރި ފަޅިއާއި އިރުމަތީ ފަރާތު ނޭޝަނަލް އާޓް ގެލެރީ ހުންނަ ފަޅި ކަމަށެވެ.
އިންތިޚާބީ ރައީސް މުޢިއްޒާއި އިންތިޚާބީ ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފު ހުވާކުރެއްވުމުގެ ޖަލްސާ އޮންނާނީ އިސްލާމީ މަރުކަޒާ ޖެހިގެން އޮންނަ ޖުމްހޫރީ މައިދާނުގައެވެ. ޖަލްސާ ފަށާނީ 17 ވަނަ ދުވަހު ހަވީރު 16:45ގައެވެ. ނަމަވެސް މޫސުން ގޯސް ވެއްޖެނަމަ ޖަލްސާ ބާއްވާނީ ރައްޔިތުންގެ މަޖިލީހުގައެވެ.