ޓެކްނިކަލް މައްސަލަތަކާ ގުޅިގެން ވިނަރެސް ފުލެޓު ވިއްކުން މަޑުޖައްސާލައިފި

Loading

Facebook
Twitter
WhatsApp

ވިނަރެސް ފުލެޓުތަކުގެ ތެރެއިން ނުވިކި ހުރި ފުލެޓުތައް ގަތުމަށް ފޯމު ހުޅުވައިލުމުން އޮންލައިން ޕޯޓަލްއަށް ޓެކްނިކަލް މައްސަލަތަކާ ދިމާވުމުގެ ސަބަބުން ފުލެޓު ވިއްކުން މެދުކަނޑާލައިފިއެވެ.

ވިނަރެސް މަޝްރޫއުއިން ފުލެޓު ގަތުމަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ފުލެޓު ގަތުމަށް ޝަރުތުހަމަވާ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ މަރުހަލާތައް ނިންމައި މި ފަރާތްތަކުން ފުލެޓު އިޚުތިޔާރުކޮށް ނިމުމުން އަދި އެޕްލިކޭޝަން ދޫކޮށްލުމަށް އެދިފައިވާ ފަރާތްތަކުގެ އަދަދަށް ބެލުމަށްފަހު ވެސް ބާކީ ފުލެޓުތަކެއް ނުވިކި ހުންނާނެކަމަށް ވަނީ އަންދާޒާކުރެވިފައެވެ. އެ ގޮތުން މާލީ ގާބިލިއްޔަތުކަން ފުރިހަމަނުވާ ފަރާތްތަކާއި ޔުނިޓް އިހްތިޔާރުކުރުމަށް ދައުވަތު ދިނުމަށްފަހު ވެސް ޔުނިޓް އިޚުތިޔާރުކުރުމަށް ހާޒިރުވެފައިނުވާ ފަރާތްތަކުގެ ފޯމު ބާތިލްކޮށް ބާކީ ނުވިކިހުރި ޔުނިޓްތައް ވިއްކަން އިއްޔެ 10:00 ގައި ހުޅުވައިލިއެވެ.

އާބަންކޯއިން ނެރުނު ބަޔާނެއްގައި ބުނީ ފުލެޓު ގަތުމަށް އެޕްލިކޭޝަން ފޯމު ހުށަހެޅުމަށް ހުޅުވާލެވުނު ވަގުތު އޮންލައިން ޕޯޓަލްއަށް މެދުވެރިވި ޓެކްނިކަލް މައްސަލަތަކާ ގުޅޭގޮތުން އެ ކޯޕަރޭޝަނަށް ވަރަށް ގިނަ ޝަކުވާތަކެއް ލިބިފައިވާ ކަމަށެވެ.

އަދި އެ ޝަކުވާތަކާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ހުރިކަން އެ ކޯޕަރޭޝަނަށް ފާހަގަކުރެވިފައިވާތީ އެޕާޓްމަންޓް ގަތުމަށް އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ މަރުހަލާ މަޑުޖައްސައިިލުމަށް ނިންމާފައިވާ ކަމަށް އާބަންކޯއިން ބުންޏެވެ.

އާބަންކޯއިން ބުނީ އެ މައްސަލަތައް ހައްލުކުރުމަށްފަހު އަލުން ވިނަރެސް މަޝްރޫއުއިން ފުލެޓު ގަތުމުގެ ފުރުސަތު ހުޅުވައިލާނެ ތާރީޚެއް އިއުލާނު ކުރާނެކަމަށެވެ.

އާބަންކޯއިން ވަނީ ވިނަރެސް ޓަވަރުން ދޫކުރާ ފުލެޓުތަކަށް ދިގު މުއްދަތަކަށް ބަހާލައިގެން ފައިސާ ދައްކާ ފަރާތްތަކުގެ އަތުން ނަގާ އިންޓްރެސްޓް %9 އިން %6 އަށް ކުޑަކޮށްފައެވެ. މި ބަދަލު ގެނައީ ހަމައެކަނި ދިގު މުއްދަތަކަށް ބަހާލައިގެން ފައިސާ ދައްކާ ފަރާތްތަކަށް އެކަންޏެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް